ރާއްޖޭގެ މޫސުން ގޯސްވެ އުދައިގެ ގެއްލުން ނުވަ ރަށަކަށް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ޖޫން/ޖުލައިގެ ވިއްސާރަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންވި އެވެ. ދަނޑުބިންތައް ހަލާކުވެ ގޭގޭގައި ފެންބޮޑުވި އެވެ. އެ ގެ ތަކަށް ގެއްލުންވެ ކައުންސިލުން ވަގުތީ ހިޔާ ވެސް ފޯރުކޮށްދިނެވެ.
ރާއްޖޭގެ ރަށްރަށަށް ލިބުނު ގެއްލުންތައް ހާމަކުރަމުން އެންޑީއެމްއޭއިން ބުނީ މި މަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވެ އުދައެރުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވެގެން ނުވަ ރަށަކުން 261 ޑެމޭޖް އެސެސްމެންޓް ފޯމު އެންޑީއެމްއޭއަށް ފޮނުވާފައިވާ ކަމަށެވެ. އެންމެ ބޮޑުު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް ކަމަށް ފާހަގަކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެގޮތުން، ހަތަރު ރަށެއްގެ 110 ގޭބީސީއަކުން ބަލަހައްޓާ ދަނޑުތަކަށް ގެއްލުން ވެފައިވާ ކަމަށް އެސެސްމެންޓް ފޯމުތަކުން ދައްކާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
"ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އާމްދަނީ ހޯދަން ހައްދާ ބާވަތްތައްކަމަށްވާ މިރުސް, ފަޅޯ, ބިލެތް, ދޮންކެޔޮ, ބަނބުކެޔޮ އަދި އަނބުގަސް މަރުވެގެން ވަނީ ރިޕޯޓުކޮށްފަ. ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ފޯމު ފޮނުވާފައިވަނީ ގދ.މަޑަވެލި, ގދ.ހޯޑެއްދޫ, ގދ.ފިޔޯރީ އަދި ތ.ތިމަރަފުށިން،" އޮތޯރިޓީން ބުންޏެވެ.

ނުވަ ރަށަކުން 261 ފޯމު ލިބިފައިވާއިރު އެންމެ ގިނަ ފޯމު ލިބުނީ ގދ. ހޯނޑެއްދޫ އިންނެވެ.
- ހޯޑެއްދޫން 82 ގެ އަކުން ފޯމު
- ގދ. މަޑަވެލިން 67
- ތ. ތިމަރަފުށިން 61 ފޯމު
ލިބިފައިވާ ގެއްލުންތަކާ ގުޅިގެން ދެން އެންޑީއެމްއޭ އަށް ފޯމު ހުށަހެޅީ ހދ. ވައިކަރަދޫ، ށ. ބިލެއްފަހި، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ ސ. މަރަދޫ އަދި ސ. މަރަދޫފޭދޫން ކަމަށް އެންޑީއެމްއޭން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ގެއްލުން ލިބުނު ރަށްތަކުގެ ފޯމު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް، އެހީީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން އެހީ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.












