ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޕްލޭނިން ޑިޕާޓްމަންޓުން އެ ރަށުގެ މާސްޓާ ޕްލޭނެއް އެކުލަވާލައިފި އެވެ.
އެޗްޑީސީން ބުނީ ކުޑަގިރީގެ މާސްޓާ ޕްލޭނުގެ ދަށުން އެރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ހަޓުތަކާއި، ފާހަނާބަރި ފަދަ ތަންތަން އެކުލަވާލައިފައިވާއިރު، އެރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށް ވެސް ޕްލޭންކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
ކުޑަގިރީގެ މާސްޓާ ޕްލޭންގެ ދަށުން އެޗްޑީސީން ދަނީ ޔުޓިލިޓީ ހިދުމަތްތައް ގާއިމްކުރުމުގެ ޕްލޭން އެކުލަވާލައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން އެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފަ އެވެ.
ހަމައެއާއެކު ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތުގެ އިތުރަށް، ކުނި ރަށުން ބޭރުކުރާނެގޮތާއި އެފަދަ ޕްލޭންތައް ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނީ ލައިފް ގާޑު ހަޓުތަކުގައި ސާޗް ލައިޓްލުންފަދަ ކަންތައްތައް މިހާރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭނާއި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭންވެސް ވަނީ ޑިޒައިން ކޮށްފަ އެވެ. އަދި އެ ކުންފުނީގެ ސްމާޓް އިންފްރާސްޓްރަކްޗާ ޓީމުން ޓެލެކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ގާއިމްކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސް، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.












