ހިތުގެ މައި ލޭ ހޮޅި ފުއްޕައި ލޭ ގަނޑުވުމުގެ ސަބަބުން ދިމާވާ ނުރައްކާތެރި ކަމެއް ކަމަށްވާ ލޭ ހޮޅި ފަޅައިގެން ދިޔުމުގެ ކުރިން ފުރަތަމަ ފަހަރަށް އޯޕެން ސާޖަރީއަކަށް ނުގޮސް އެ މައްސަލަ ހައްލުކުރުމަށް ކާމިޔާބު އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފި އެވެ.
ހިތުގެ މައި ލޭ ހޮޅިއަކީ "އަޔޯޓާ" އެވެ. މި ލޭ ހޮޅިއަކީ ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ގެންގޮސްދޭ މައި ހޮޅި ކަމުން މިއީ ކޮންމެވެސް ވަރަކަށް ދެމެން ޖެހޭ ހޮޅިއެކެވެ. އެއީ ހިތުން ލޭ ޕަމްޕު ކުރާނީ އެކި ފަހަރު އެކި ޕްރެޝަރުގައި ކަމުންނެވެ.
ނަމަވެސް، އާންމުކޮށް ހަކުރު ބަލި ހުންނަ މީހުންނާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވާ މީހުންގެ އަޔޯޓާ މުރަނަވެ ފުއްޕަން ފަށަ އެވެ. އެފަދަ މީހުންގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭނަމަ ކުއްލިއަކަށް ލޭ ހޮޅި ފަޅައިގެން ދިޔުމުގެ ފުރުސަތު އަބަދުވެސް އޮވެ އެވެ. އަދި، އެއީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމެކެވެ.
މީގެކުރިން ރާއްޖޭގައި މައި ލޭ ހޮޅިއަށް ދިމާވާ މައްސަލަތައް ހައްލުކުރަން ކުރަނީ އޯޕަން ސާޖަރީ އެވެ. ނަމަވެސް، ކިޑްނީ، ފުއްޕާމޭ ނުވަތަ އެހެން ވެސް ބޮޑު ބައްޔެއް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭ މީހުންނަށް އެއީ ނުރައްކާ އޮންނަ އޮޕަރޭޝަނެކެވެ.
އޭޑީކޭން މިފަހަރު ފުރިހަމަކުރި އޮޕަރޭޝަނަކީ "އެންޑޯވަސްކިއުލާ އަނިއުރިޒަމް ރިޕެއާ" އޮޕަރޭޝަނެކެވެ. މިއީ މައި ލޭ ހޮޅީގައި ހުންނަ ކުރިން ފާހަގަކުރި ފަދަ ލޭ ގަނޑުގަނޑު ދުއްވާލުމަށް ކެތު ލެބުގައި ފުރިހަމަކުރާ ސާޖަރީއެކެވެ. އުކުޅުވަޅުން ހޮޅިއެއް ލައްވައިގެން އަޔޯޓާގެ މައްސަލަ ޖެހިފައިވާ ހިސާބަށް މަސްނުއީ ހޮޅިކޮޅެއް ލަނީ އެވެ.

މި ސާޖަރީގައި ލޭ ހޮޅިގައި ހަލާކުވެފައިވާ ބައި ނަގައި އެތަނަށް މަސްނުވީ ހޮޅިކޮޅެއް ލައްވަ އެވެ. މިފަހަރުގެ ސާޖަރީގައި އެ ހޮޅިކޮޅު ހަލާކުވެފައިވާ ތަނަށް ލެއްވުމަށް ތިން ގަޑިއިރުވަރު ހޭދަވި ކަމަށް އޭޑީކޭގެ ޗީފް ސާޖިކަލް އޮފިސަރު ޑރ. މުހައްމަދު ޝާފިއު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
އާންމު ގޮތެއްގައި އޯޕަން ސާޖަރީ ކުރާނަމަ ބަލިމީހާ ފަސޭހަވާން ހަތް ދުވަހާއި 15 ދުވަސް ހޭދަވެ އެވެ. ނަމަވެސް، ހަށިގަނޑަށް ހޮޅި ލައްވައިގެން ކުރާ މިފަދަ ސާޖަރީއަކަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ބަލިމީހާ ދޫކޮށްލެވޭނެ އެވެ. އަދި، އެއްކޮށް ފަސޭހަވާން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.
އޭޑީކޭގެ 11 މެމްބަރުންގެ ޓީމަކުން މި ސާޖަރީ އެއްކޮށް ފުރިހަމަކުރީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު އެވެ.












