ވޭތިވެދިޔަ ފަސް އަހަރުތެރޭ ރާއްޖެއަށް 167 އެމްބިއުލާންސް ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓްރީން ވަނީ ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ރާއްޖެ ގެނައި އެމްބިއުލާންސްތަކާ ބެހޭ މައުލޫމާތު "އަދަދު"އާ ހިއްސާކޮށްފަ އެވެ.
ފަސް އަހަރުތެރޭ ޖުމްލަ 167 ގެނެސްފައިވާއިރު، އޭގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ގެނައި އެމްބިއުލާންސްތައް ގިނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން، އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ގެނައި 96 އެމްބިއުލާންސް އާއި، އެސްޓީއޯ މެދުވެރިކޮށް އަލަށް ގެނަން މަރުޓީ ސުޒުކީ 28 އެމްބިއުލާންސް ހިމެނެ އެވެ.
އޭގެ އިތުރަށް އަވަށްޓެރި ދެ ގައުމެއްގެ އެހީގެ ދަށުންނާއި އެ ގައުމުން ހަދިޔާ ކޮށްގެން ރާއްޖެއަށް 32 އެމްބިއުލާންސް ގެނެސްފައިވެ އެވެ. އެއީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 21 އެމްބިއުލާންސާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެނައި 11 އެމްބިއުލާންސެވެ.
ހަމައެއާއެކު އަލަށް އެމްބިއުލާންސް ނުދެވޭ ރަށްތަކަށް، ސަރުކާރުގެ ބަޖެޓުން ވެސް ހަތަރު އެމްބިއުލާންސެއް ހޯދާފައި ވެއެވެ. އަދި އެމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ހިދުމަތް ފެށުމަށް ވެސް ހަތް އެމްބިއުލާންސް ގެނެސްފައި ވެއެވެ.

ރާއްޖޭގައި އީއެމްއެސް ގާއިމްކޮށްފައި ވަނީ ކޮވިޑް ބަލީގައި ހާލު ދެރަވި އުމުރުން 10 އަހަރުގެ ކުއްޖަކަށް، އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ފަރުވާ ނުދެވިގޮސް މަރުވި ހާދިސާއަކަށްފަހު އެވެ. މިދިޔަ އަހަރު ޖޫން މަހު ހިނގި މި ހާދިސާއަށްފަހު އީއެމްއެސް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވާއިރު، އެއް އަހަރުތެރޭގައި އެ ިދުމަތަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިއަހަރު މޭ މަހާ ހަމައަށް 12 ޕެރެމެޑިކްސް އޮޕަރޭޓް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.












