ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަސަލަހަތަށްވުރެ، ގައުމުގެ މަސަލަހަތަށް އިސްކަން ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގެ މުނާސަބާގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން ބޮޑު އީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ހައްޖުގެ އަޅުކަމާ ގުޅިފައިވާ އިބްރަތްތެރި ފިލާވަޅުތަކުން، އިލްހާމް ލިބިގަންނަން ޖެހޭ ކަމަށެވެ.
އީދުގެ އުފާވެރިކަން ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ، ގައުމުގެ މަސްލަހަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އެގޮތުން މި ބަރަކާތްތެރި އީދުގެ އުފާ ފާހަގަކުރާއިރު، އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ކަމަށެވެ.
"އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމުގައި، އާއިލާއަށް އިސްކަން ދިނުމާއެކު، ގާތްތިމާގެ މީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އީދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަމުން އިބްރަތް ހާސިލް ކުރުމަށް ރައީސް އިލްތިމާސް ކުރައްވަމުން ވިދާޅުވީ ނަފްސު ތާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުސީބާތްތަކަށް ކެތްތެރިވުމަކީ ހައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށެވެ.
"މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ގައުމީ އަދި އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަން،" ރައީސް ވިދާޅުވި އެވެ.













