އޮގަސްޓުގައި ފެށޭ އާ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ގްރޫގް ރާއްޖެ އައިސްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެންނަ މައްސަލަ މިދިޔަ އަހަރުވެސް ވަނީ ބޮޑުވެފަ އެވެ. ނަމަވެސް މިނިސްޓްރީން ބުނެފައި ވަނީ ހާއްސަކޮށް ރަށްރަށުގައި ކިޔަވައިދޭން ދިވެހި ޓީޗަރުން ނުލިބޭ ކަމަށެވެ.
ދިވެހި ޓީޗަރުން ހޯދުމަށް އިއުލާންކޮށް ނުލިބޭތީ އުފަން ރަށް ނޫން އެހެން ރަށްރަށަށްދާ ދިވެހި ޓީޗަރުންނަށް 3000ރ. އެލަވެންސެއްވެސް ހަމަޖެއްސި އެވެ. ނަމަވެސް ދިވެހިން ނުލިބޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަންނަ މަހު ފެށޭ ދިރާސީ އާ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ގްރޫޕް އައިސްފައި ވަނީ އިއްޔެ އެވެ.
އިއްޔެ އައި ގްރޫޕުގައި އައިސްފައި ވަނީ ހަތަރު އިންޑިޔާ ޓީޗަރުންނެވެ. އެއީ ދެ ފިރިހެން ޓީޗަރުންނާއި ދެ އަންހެން ޓީޗަރުންނެވެ. މިއީ ކޮން މާއްދާއެއް ކިޔަވައިދިނުމަށް ގެނައި ޓީޗަރުންކަމެއް ސާފެއް ނުވެ އެވެ.

ދިރާސީ އާ އަހަރަށް އިންޑިޔާއިން ޓީޗަރުން ގެނެސްފައި ވާއިރު، ރާއްޖޭގެ ސްކޫލުތަކަށް ގުރުއާން އަދި އަރަބި ޓީޗަރުން އިންޑިއާއިން ގެނައި މައްސަލައެއް ވެސް މި ފަހުން ވަނީ ބޮޑުވެފަ އެވެ. މިނިސްޓްރީން ބުނީ އެ ޓީޗަރުން އިންޑިޔާއިން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން ކަމަށެވެ.













