"ދެން މި ކަހަލަ ކަމެއް ނުކުރާނަމޭ. ރުޅި ނާދެބަލަ." ލޯބިން ފުރިގެންވާ ރާގަކަށް ހަބީބު ބުނެލި އެވެ.
ބަދަލުގައި އަހަރެން އެއްޗެއް ނުބުނަމެވެ. ވާހަކައެއް ނުދައްކަމެވެ. އޮތް ގޮތަށް އޮތީ އެވެ. އިރުއިރު ކޮޅުން ވޭނީ އަޑެއް ލައްވާލަނީ އެވެ. އޭނާގެ މޫނަށް ބަލައިގެން އޮވެ އެވެ.
"އޭނާ މާ ވައިލްޑީތަ؟" ހަބީބު އަހައިލި އެވެ.
އަހަރެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ނަމަވެސް އެ ހިނިގަނޑު މައިތިރިކޮށްލީ އެތެރެ ހަށްޓަށެވެ. އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިކުނޑި އެތައް ވާހަކައެއް ދެއްކި އެވެ. އެތައް ޝަކުވާއެއް ކުރި އެވެ.

ވައިލްޑް ވެގެން މި އުޅެނީ ކާކު ހެއްޔެވެ؟ ވައިލްޑް ވެގެން ދުނިޔެ ނޭނގިގެން އުޅެނީ ކާކު ހެއްޔެވެ؟ އާ ގޮތެކޭ އާގޮތެކޭ ކިޔައި ހިތު ހުރި ކަމެއް މި ކުރަނީ ކާކު ހެއްޔެވެ؟ ފައިސާއޭ ފަހު ފަހަރޭ ކިޔައި އަހަރެން ސޭލު އަޅުވައިގެން ގެން ގުޅެނީ ކާކު ހެއްޔެވެ؟ ބޭހެކޭ ރަނގަޅުވާނޭ ކިޔައި އަހަންނަށް އޮޅުވާލައިގެން ހޭބުއްދި ފިލުވައިގެން އޭގެ ފަހަތުން ކުޅިވަރު މި ކުޅު ވަނީ ކާކު ހެއްޔެވެ؟ އަހަރެން ހެއްޔެވެ؟ ނޫނީ ހަބީބު ހެއްޔެވެ؟ ނޫންނަމަ ޔަޒީދު ހެއްޔެވެ؟
"އަހަރެން މި ހުރީ ވަރަށް ބިރުން. ޔަޒީދަކީ ނުލާހިކު ސްމާޓް ރީތި މީހެއް ވީމަ." ހަބީބު ބަލައިލީ އަހަރެންގެ މޫނަށެވެ.
އަހަރެން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވީ ބޭއިހުތިޔާރުގަ އެވެ. ހަބީބު ކަންބޮޑުވީ ކޮންކަމަކާ ކަން އަހަންނަށް ވިސްނުނެވެ.
"ނޭނގޭނެއްނު. މިޒޫއަށް އެ ޓޭސްޓް ސަޅިވެއްޖެ ނަމަ ދެން ހުރިހާ ކަމެއް ގޯސްވެދާނެއްނު ދޯ." އަނެއްކާ ވެސް ހަބީބު ވާހަކަދެއްކީ އެ މައުލޫގަ އެވެ.
އަހަރެން އޮތީ އަނގައިން ނުބުނާށެވެ. ބުޅާ ގޯނިން ބޭރުވެދާނެތީ އެވެ. އެ ސޮރު ބޭރަށް ނުކުމެއްޖެ ނަމަ ހުރިހާ ކަމެއް ފެނަށް ވާނެތީ އެވެ.
"ކީއްވެ ބަހެއް ނުކިޔާ ތި އޮތީ؟ މާ ބޮޑަށް ވަރުބަލީތަ؟"
އަހަރެން ނޫނެކޭ ބުނެލީ ބޮލުގެ ހަރަކާތުންނެވެ. ހަބީބު ފުލުފުލުގައި ކުރަމުން ދިޔަ ސުވާލުތަކުން ސަލާމަތްވެވޭތޯ އެވެ.
"ހުރިހާ ކަމެއް އެނގޭއިރު ދެން ކީއްކުރަން މިހެން ހެދީ؟ ދެން ކީއްވެ މިހާރު ބިރުން އުޅެންވީ؟" އަހަރެން ނުބުނަން ހިފަހައްޓައިގެން ހުރި ވާހަކަ ބޭރުވި އެވެ.
"ފައިސާ. ރަހަ ތަފާތު. ތަޖުރިބާ." ހަބީބު ދިނީ އަހަރެން އުއްމީދު ކުރި ޖަވާބެއް ނޫނެވެ.
"އަމިއްލަ އެދުމޭ ބުނިނަމަ." ހިތުގައި އުތުރިގަތް ރުޅިވެރިކަމުގެ ރާޅުބާނިތައް ދުލާ ހަމައަށް އަޔަނުދިނުމަށް ކުރި މަސައްކަތް ފުލުން ދާން އުޅެނިކޮށް ސަލާމަތްވީ ކިރިޔާ އެވެ.
"މިޒޫ ވެސް ބޭނުންވާނެއްނު ތަފާތު ރަހަތައް ތަޖުރިބާކޮށްލަން ދޯ. ސިލޯން ޓީ، އަކްބަރު ޓީ، ބޮންބޭ ޓީ، މިލްކު ޓީ، މަސާލާ ޓީ. މި ހައްތަހާ ވެސް އެކައްޗެއްނު. އެކަމަކު އިންގްރީޑިއަންޓް ތަފާތު ވީމަ ރަހަ ވެސް ތަފާތެއްނު ދޯ." ހަބީބު މަސައްކަތް ކުރީ އަހަންނަށް ވިސްނައިދޭށެވެ.
"ހުއްދަ؟ ހަރާމް؟ ހަލާލް؟" އަހަރެން ހުއްޓައިލީމެވެ.
"ހައްތަހާ ވެސް ސައި. ސަޔަކީ ހަރާމް އެއްޗެއްތަ؟" ހަބީބު ގަސްތުގައި އޮޅުވާލީ އެވެ.
"ވިސްނުން ފާސިގުވީމަ ހަރާމް އެއްޗެއްސާއި ހަލާލު އެއްޗެހި ވެސް އޮޅޭނެ. ތިމާގެ އަތުގައި އޮތް ޓިޝޫކޮޅުން އެހެން މީހުންގެ މޫނު ފޮހެން ދޭނަންތަ؟ ދޭން ކެރެނޭތަ؟" އަހަރެންގެ ސިކުނޑީގައި އޮތް ޖުމުލަ ބޭރަށް ނުނިކުމެ ހިފެހެއްޓުނީ ހަމަ ކިރިޔާ އެވެ.
"އެއްޗެކޭ ބުނަން އުޅުނިންތަ؟" ހަބީބު އަހައިލި އެވެ.
އަހަރެން ބޮލުން ހަރަކާތްކޮށްލީމެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ހަބީބު އައިސް އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ. އޭނާ އެ ދިނީ ދައުވަތެކެވެ. އަހަންނަށް އެކަން ވިސްނުނެވެ. ދެކޮޅު ހެދުމަކީ އަހަންނަށް ފަހުން ވެސް ގެއްލުންވާނެ ކަމެއްކަން އެނގޭތީ ހިތާ ދެކޮޅަށް ނަމަވެސް ދައުވަތު ގަބޫލުކުރީމެވެ. ކުރިއަށް އޮތް މަސައްކަތަކީ ބޮޑު މަސައްކަތެއްކަން ވިސްނޭތީ އެވެ. އެ މަސައްކަތަށް އަހަންނަށް ކުރިމަތިލެވޭނީ މިއަދު އެކްޓްކޮށްގެންނެވެ. ހަބީބުގެ ހުރިހާ ހަރަކާތްތަކަކަށް އާއެކޭ ބުނެގެންނެވެ. އޭނާގެ ދައުވަތުތަކަށް ނޫނެކޭ ނުބުނެ ކުރިއަށް ގޮސްގެންނެވެ.
އެ ރެޔެވެ. އެއީ ވިއްސާރަ ރެޔެކެވެ. ދޭތެރެ ދޭތެރެއިން ވިދުން ކަނީގެ ކުލަވަރު ފެނެ އެވެ. އިރާކޮޅު ވެހުނު ވާރޭކޮޅުގެ ސަބަބުން މުޅި ޖައްވުގައި ވަނީ ފިނިކަން ވަކި ހިއްޕާލައިފަ އެވެ. ގޭގައި އެކަނި އިންނާން ޖެހުމުން ފާޑެއްގެ ބިރުވެރިކަމެއް ވެސް ވެރިވަމުން ދިޔަ އެވެ. ހަބީބުވީ ބޭރަށް ގޮހެވެ. އޭނާ ދިޔައީ ރައްޓެއްސެއްގެ ދަރިއެއްގެ ހިތާނީ ތައްޔާރީތަކަށް އެހީވުމަށް ކަމަށް ބުނެފަ އެވެ.
ފޯނު ރަނގަބީލުވާ އަޑު އިވުމުން އަހަންނަށް ބަލައިލެވުނެވެ. ގުޅަނީ ޔަޒީދެވެ. ހިތުގައި ނޭނގޭ ވިންދެއް ޖަހައިލި އެވެ. ފޯނު ނަގަންވީބާއޭ ނުނަގަންވީ ބާއޭ ހިތަށް އެރި އެވެ.
"ހުރިހާ ކަމެއް ތައްޔާރު؟ މިޝަން ނިންމައިފަ އަހަންނަށް ހަބަރުވޭ. މިޒޫ އަންނަންވީ ބަނދަރަށް." ޔަޒީދު ވައި އަޑުން ވާހަކަ ދެއްކި އެވެ.
މުޅި ހަށިގަނޑު އެކުގައި ތުރުތުރު އަޅައިގަތެވެ. ކުރިމަތީގައި އޮތީ ކިހާ ބިރުވެރި ތޫފާނެއްކަން ނޭނގޭތީ އެވެ. ކުރިމަތީގައި މި ވާ ކަންތައް ގަނޑުން އަހަންނަށް ކުޅިފަސް ލިބޭނެކަން ޔަގީން ނުވާތީ އެވެ. ޔަޒީދު ދެތިން ފަހަރަކު އަހަރެންގެ ނަމުން ގޮވާލި އެވެ. އަހަންނަށް ހުރެވުނީ ޖަވާބެއް ދޭން ވެސް ނޭނގިފަ އެވެ.
ބާރު ބާރަށް ގުގުރައިލި އެވެ. އެއާއެކު މުޅި ތަން ދިއްލި، ހުދުވި އެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތިން ފެނުނު މަންޒަރުންނެވެ. ކުރިމަތީގައި ހުރީ ބޮޑު މީހެކެވެ. އިސްކޮޅުން ދިގު ދެބައި އުމުރުގެ ބިޔަ ފިރިހެނެކެވެ. އޭނާގެ ތުންފަތުގައިވަނީ ލާނެތް ހިނިތުން ވުމެކެވެ. އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއަށް ވިދުންކަނީގެ ކުލަތައް އިތުރުވަމުންދާ ކޮންމެ ފަހަރަކު އެ މީހާގެ މޫނު ސިފަވަމުން ދިޔަ އެވެ. ދަނޑު މަތިމަހެވެ. ބޯ ތުނބުޅި އެވެ. އުފުލިފައިވާ ދެ ކޮލެވެ. ސިނގު ބަނޑެވެ.
އޭނާގެ ކަނާއަތް ނަގައި ބޯ ތުނބުޅީގައި ފިރުމައިލި އެވެ. ދެފަހަރަކު އެ ހަރަކާތް ތަކުރާރު ކޮށްލި އެވެ.
"ކާކު؟ ކީއްކުރާ މީހެއް؟" އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.
ބިރުން ރޫރޫ އަޅާން ފެށި އެވެ. އެ ފަދަ ދަނޑިވަޅެއްގައި ނުވެސް ދަންނަ މީހަކު އެހާ ފަސޭހައިން ކޮޓަރިއަށް ވަން ގޮތާމެދު ސުވާލު އުފެދުނެވެ. އެއަށްވުރެ ބޮޑަށް ބިރުގަންނަ ގޮތްވާން ފެށި އެވެ. މިރެއަކީ އަހަންނަށް މުހިއްމު ރެޔަކަށް ވެފައި ކުރިމަތީގައި އޮތް ކަންތައް ގަނޑުގެ ހުރަހަކަށް މި މީހާ ވެދާނެތީ އެވެ.
އެ މީހާ ގަމީހުގެ ގޮތްފަތީގައި އަތް ޖައްސާލި އެވެ. އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.
"ތި ކާކުހޭ؟" ރޮވިފައިވާ އަޑަކުން އަހަންނަށް ބުނެލެވުނެވެ.
"އަހަންނަކީ އަހަންމައިދީ." އަހަންމައިދީގެ ބަރު އަޑު ކަންފަތުގައި ޖެހުނެވެ.
"އަހަންމައިދީއޭ؟ އެ ކާކު؟" އަހަރެން އަހައިލީމެވެ.
"މިހާރު ދެ ފަހަރަކު ފޮނި ބޮވިއްޖެ. އިތުރު ގޮތެއް ނެތިގެން މި އައީ؟" އަހަންމައިދީ މަޑުމައިތިރި ކަމާއެކު ބުނެލި އެވެ.
"ކީކޭ؟" އަހަންނަށް ގަބޫލެއް ނުކުރެވުނެވެ.
އެއީ ކުރިން އަހަންނަށް ފެނުނު މީހެއް ނޫނެވެ. އަހަރެން ދަންނަ މީހެއް ވެސް ނޫނެވެ.
"އާނ! ހަބީބު މި ފަހަރު އެއްބަހެއް ނުވި. ފައިސާއަކަށް އޭނާ ނުގުޑި." އަހަންމައިދީ ގަމީސް ބޭލުމަށްފަހު ކައިރީ ހުރި ގޮނޑިމަތީގައި ބޭއްވި އެވެ.
އަހަންނަށް ބަލައިލެވުނީ އޭނާގެ ހަށިގަނޑަށެވެ. ފާޑަކަށް މޭ ބޮޑުވާ ގޮތްވި އެވެ. ގަދަކަމުން ހިންދިރުވާލެވުނެވެ. މި މިހާގެ ކިބައިން ސަލާމަތްވާނެ ގޮތަކާމެދު ވިސްނައިލަމުންނެވެ.
އަހަންނަށް ފޯނު ނެގުނެވެ. ހަދާނެ ގޮތެއް ނޭނގި އިރުކޮޅަކު އިނދެވުނެވެ. އަހަންމައިދީއާ ދިމާ ބަލައިލެވޭ ކޮންމެ ފަހަރަކު އެހާ އަވަހަށް އިސްޖަހައިލެވެ އެވެ. އޭނާ އެނދުގައި އިށީނެވެ.
"ހާދަ ބިރުން ތި އުޅެނީ؟ ތި ކުރިން އުޅުނު ގޮތެއް ނޫނެއްނު. އަހަންނަކީ ބިރަކަށް ވީތަ؟" އަހަންމައިދީ އަހަރެންގެ މޫނަށް ބަލައިލި އެވެ.
"އަހަންނަށް އަޅައިލާ. އަހަންނަށް އޯގާތެރިވޭ. އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން،" އަހަންނަށް ބުނެލެވުނެވެ. "ކަލޭގެ ދަރިއެއް ފަދަ ކުދިންނަށް ވެސް ކަންތައް ކުރާނީ ތިހެންތަ؟"
"އަހަރެން ނޫޅެމޭ މިޒޫއަށް އަނިޔާއެއް ގެއްލުމެއް ދޭކަށް." އަހަންމައިދީ އަހަންނާ ގާތްވާން ފެށި އެވެ.
އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެނދުގެ ހެޑުބޯޑުގައި ބުރަކަށި ޖެހުނެވެ. އޭރު އަހަންމައިދީ އަހަންނާ ދާދި ކައިރި ވެއްޖެ އެވެ. އޭނާގެ މޫނު އަހަރެންގެ މޫނާ ކައިރިކޮށްލި އެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ ކޯތާފަތަށް އެޅުނެވެ. އަހަންނަށް ލޯ މަރައިލެވުނެވެ.
"ނޫން. ނޫން. އާދޭސްކޮށްފަ.. ނޫން." އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.
އަހަންމައިދީގެ ކަނާއަތު ޝަހާދަތް އިނގިލިން އަހަރެންގެ ކޯތާފަތުގައި ޖައްސާ ހަރަކާތްކޮށްލި އެވެ. އެ އިނގިލީގެ ހަރަކާތް މަޑުމަޑުން އަހަރެންގެ ކަރާ ދިމާއަށް ދިޔަ އެވެ. އަހަރެން ލޯ ހުޅުވާލީމެވެ. މޮޅު ހިޔާލެއް ސިކުނޑިއަށް ތިލަވީމަ އެވެ.
އަހަންމައިދީގެ މޫނު އަހަރެންގެ ކޯތާފަތުގައި ޖައްސައްލި އެވެ. ހަމަ އެ ވަގުތު އަހަރެންގެ ގައިގައި ހުރި ބާރެއް ލައިފައި އޭނާގެ ބިޔަ ހަށިގަނޑު އަހަރެންނާ ދުރަށް ކޮށްޕާލީމެވެ.
އަހަންމައިދީއަށް ލިބުނު ސިހުމާއެކު އޭނާ އެނދުމައްޗަށް ޖެހުނެވެ. އޭނާ ޖެހުނު ގޮތުން ތަދު ވެސް ވާނެކަން އަހަންނަށް ޔަގީންވި އެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމަކީ އަހަންނަށް ވެސް އޮތް ހައްގެވެ. އަހަންނަށް ވެސް އޮތް ފުރުސަތެކެވެ. އޭނާ ކުރާން އުޅުނީ އަހަރެން ބޭނުން ކަމެއް ނޫނެވެ. އަހަރެން ރުހޭ ކަމެއް ނޫނެވެ.
"ތިދިނީ އިންޒާރެއްތަ ނޫނީ ދައުވަތެއްތަ؟" އަހަންމައިދީ ހަރުކަށި ރާގެއްގައި ބުނެލި އެވެ.
އަހަރެން ތުރުތުރު އަޅައިގަތެވެ. އޭނާ ތެދުވެ ހިންދެމި ލިއެވެ. ފާޑަކަށް ދެ ފަރާތަށް ބޯ އަރިކޮށްލި އެވެ. އޭނާގެ އުނަގަނޑުގައި އޮތް ކަމަރުގެ ބަކަލްގައި އަތް ޖައްސާލި އެވެ.
އަހަންނަށް ލޯ މަރައިލެވުނެވެ. އެ ނުލަފާ މީހާގެ ކިބައިން ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތީމަ އެވެ. އިރުކޮޅަކުން އޭނާގެ ކަމަރުގެ ހެލިލި އަޑު އިވުނެވެ. އަހަންނަށް ލޯ ހުޅުވާލެވުނެވެ.
"ސުލްހަތަ؟ ނޫނީ އަނިޔާތަ؟ ކޮންމެ ގޮތެއް ވިޔަސް މިރޭ އަހަންނަށް މިކަން ނުކޮށް ވާހަކަށް ނެތް. ހަބީބު ވެސް ސުލްހައިގަ ފުރުސަތު ނުދިނީމަ މި މަގުން ދާން މި ޖެހުނީ. އަހަރެން ހިޔެއް ނުކުރަން ކަލޭ ދެކޮޅު ހަދާނެ ކަމަކަށް. އެކަމު ދެން މި އޮތީ ފެށިފަ. އަހަރެންގެ ލޭ ހޫނު ވެއްޖެ. ލެޔަށް ފިނިކަމެއް ލިބެން ބޭނުންވޭ." އަހަންމައިދީ އިހުތިޔާރުކުރި މަގު ސާފުކޮށް އޭނާގެ ބަރު އަޑުން އިއްވި އެވެ.
"ނޫން ނޫން. އަހަންނަށް ތިހެން ނުހަދާ!" އަހަންނަށް ރޮއި ގަނެވުނެވެ.
އަހަންމައިދީގެ އަތަށް ކަމަރު އޮޅައިލި އެވެ. އޭގެ މާނައަކީ ކޮބައިކަން އަހަންނަށް އެނގުނެވެ. ވިސްނުނެވެ. ނަމަވެސް އެއީ އަހަރެންގެ ނިކަމެތި ހަށިގަނޑަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ. ތަހައްމަލު ކުރެވޭނެ ވޭނެއް ނޫނެވެ.
(ނުނިމޭ)








