މިދިޔަ މަހު އެކަނި ވެސް ޑެންގީ ހުން ޖެހިގެން 294 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވެއެތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އިތުރެވެ. އަދި މި އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިތުރު ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.
މެއި މަހު 185 މީހަކަށް އަދި ޖޫން މަހު 294 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހު އަރިދަފުސް ރޯގާގެ 13,361 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މިދިޔަމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 21,802 ކޭސް އެވެ.
އޭގެ އިތުރުން ވެއެތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މިދިޔަ މެއި މަހު 1824 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 2376 ކޭސް އެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.












