މާހައުލު ބަދަލުކޮށްލުމަށް، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން އެ ކުންފުނިން ތަރައްގީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަ ދަތުރެއް ކޮށްފި އެވެ.
އެޗްޑީސީ އިން މާސްޓާ ޕްލޭން ތައްޔާރުކޮށް، ކުޑަގިރީގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ގޮތަށް ޖުލައި 26 އަށް ނިންމާ ދަތުރު ދެވެން ފަށާނެ ކަމަށް މީގެ ކުރިން އެޗްޑީސީން ބުނެފައިވެ އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އިއްޔެ އެޗްޑީސީގެ މުވައްޒަފުން އެ ރަށަށް ކުރި ދަތުރުގައި ވަނީ ރަށުގެ ތައްޔާރީތަކުގައި ބައިވެރިވެފަ އެވެ.

އެޗްޑީސީން ކުރި ދަތުރުގެ ތެރެއިން--

އެގޮތުން، ގަސް އިންދުމާއި ބައެއް އިމާރާތްތަކުގައި ކުލަ ލުމުގެ އިތުރުން ރަށް ސާފު ކުރުމުގައި ވެސް އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
މީގެ ކުރިން ވެސް އެޗްޑީސީން އިސްނަގައިގެން ކުޑަގިރި ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ހަރަކާތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

އެޗްޑީސީން ކުރި ދަތުރުގެ ތެރެއިން--
މި މަހުގެ ތެރޭގައި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވަމުން އަންނައިރު، ޕިކްނިކް އައިލެންޑަކުން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް އެ ރަށުން ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.











