މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އެވެ.
މި އެމްއޯޔޫގެ މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ކުޑަކުދިންގެ އަދުލުގެ ގާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭގޮތަށް ކުއްޖާއަށް ތައުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ.
އެމްއޯޔޫގައި ހިމެނޭ ކަންތައްތައް
- ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ މަސް ދުވަހުގެ ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތައުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހަދާ ރިޕޯޓް ތައްޔާރުކުރުން.
- ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިންގް ޕްލޭން ތައްޔާރުކުރުން.
- ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން.
އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް
- ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުން.
- ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުން.
- މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން.
ކުށްކުރާ ކުޑަކުދިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެ ކުދިން ބޭތިއްބުމަށް އެމްސީއެސްއިން ވަނީ މިދިޔަ ޖެނުއަރީގައި އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހުޅުވާފަ އެވެ.
މި ސެންޓަރަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑާ ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ގާއިމްކުރެވިފައިވާ ސެންޓަރެކެވެ.














