މިދިޔަ ހޯމަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ކޮންޓްރޯލުން ނެއްޓުނު ކާރެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ހާނީއްކަވެ، ދިރިތިބި ހަތަރު މީހުންނަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓުގައި ހާނީއްކަވެ، މިހާރު ފަރުވާ ކުރަމުންދާ ހަތަރު މީހުންގެ އިތުރުން އެކަކު ވަނީ ހާދިސާ ހިނގި ވަގުތު މަރުވެފަ އެވެ. އެއީ މަރިޔަމް އަމާނީ ރަޝީދު، 23، އެވެ. މިހާރު ފަރުވާދެމުންދަނީ ކާރުގައި ތިބި ދެ އަންހެނުންނާއި ދެ ފިރިހެނުންނަށެވެ.
"އެންމެން ވެސް އަދިވެސް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެނީ. އޭގެ ތެރެއިން ތިން މީހުން ތިބީ ވެންޓިލޭޓަރަށް ލާފައި،" އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި މަރުވި އަމާނީ ރަޝީދު: އޭނާގެ ޖަނާޒާ އިއްޔެ ހެނދުނުގެ ވަގުތެއްގައި ވަނީ ބާއްވައިފަ -- ފޮޓޯ: ސޯޝަލް މީޑިއާ

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެކްސިޑެންޓުވާން މެދުވެރިވީ ކޮންޓްރޯލުން ނެއްޓުނު ކާރު ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކަހާލައިގެންނެވެ. އެ ކާރު ގޮސް ޖެހުނީ އެމްޓީސީސީން ދުއްވާ ބަހެއްގަ އެވެ.
ބަހުގައި ޖެހިފައި ވަނީ ކާރުގެ ފަހަތެވެ. ޖެހުން ބާރުމިނުގައި ކާރު އޮތީ ކުރުގެޅި، ބޮނޑިވެފަ އެވެ. އޭގައި ތިބި މީހުން ނެރެންޖެހުނީ ދޮރުފަތް ގަދަކަމުން ހުޅުވައިގެނެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއްނުވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގައި 10،194 އެކްސިޑެންޓު ވަނީ ހިނގައިފަ އެވެ. މިއަހަރު އެކަނި ވެސް 807 އެކްސިޑެންޓެއް ހިނގައިފި އެވެ. އަދި ވޯލްޑް ބޭންކުން އާންމުކޮށްފައި ހުރި ހިސާބުތަކަށް ބަލާއިރު 2000 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކުގައި 47 މީހަކު ވަނީ މަރުވެފަ އެވެ.












