ހިޔާ ފްލެޓުތަކުގެ ކުޑަދޮރުން ފްލެޓު ތެރެއަށް ފެން ވަންނަ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
ވިއްސާރަ ދުވަސްތަކުގައި ހިޔާ ފްލެޓުތަކުގެ ކުޑަދޮރުން އެތެރެއަށް ފެން ލީކުވެ، ބައެއް ފްލެޓުތަކުގެ ތެރޭގައި ހުންނަ ތަކެއްޗަށް ވެސް ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ބުނީ، ފެން ލީކުވާ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ތަކެތި ލިބުމާއެކު، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ ބައެއް ފްލެޓުތަކަށް ދިމާވަމުންދާ މައްސަލައެއް ކަމުން އެޗްޑީސީން ބުނީ، މައްސަލަ ހައްލު ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދާނީ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން ކަމަށެވެ.
އެގޮތުން، އެ ކޯޕަރޭޝަނުގެ ރަސްމީ ނަންބަރު، 3353535 އިން ގުޅާ، މަރާމަތު ކުރުމަށް ތާވަލު ކުރާނެ ކަމަށެވެ. އެހެންކަމުން އެ ވަގުތުގައި ފްލެޓަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

އެޗްޑީސީން ބުނީ ފެން ލީކުވާ މައްސަކަ ހައްލު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ އެހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00ގެ ނިޔަލަށް ކަމަށެވެ.











