އައިއެސްގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މި އަހަރުގެ ފަހުކޮޅު ނިންމާ ގޮތަށް މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު މިއަދު ދެއްވައިފި އެވެ.
ޓެރަރިޒަމް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް އުފުލައިގެން ކުރިއަށްދާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ދެއްވި ތާވަލުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގަ އެވެ.
ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބުނާ ގޮތުން ހުލާސާ ބަޔާން އިއްވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވަން ޖެެހެ އެވެ. ނަމަވެސް, ބައެއް ފަހަރު އެކި ސަބަބުތަކާ ހުރެ އެ މުއްދަތުގެ މާ ފަހުން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ކޮށްފައި އެބަ ހުއްޓެވެ.
މިއަދުގެ އަޑުއެހުމަށް ހަމަޖެހިފައި އޮތް ކަމަކީ ދެ ހެކިންގެ ހެކިބަސް ނެގުމެވެ. އެކަމަކު އެއީ ގާޒީ ހަސަން ސައީދު މައްސަލައާ ހަވާލުވުމުގެ ކުރިން ހެކިބަސް ނަގާފައިވާ ބައެއްކަން ކޯޓަށް ފާހަގަ ކުރެވުނީ އަދި މާ ފަހުންނެވެ. އެހެންވެ މިއަދު އެއްވެސް ހެކިބަހެއް ނެގޭ ގޮތެއް ނުވި އެވެ.
ކުރިން މި މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްގެ ސެކްޝަނުންނެވެ.

މިހާރު ހެކިބަސް ނުނެގި ހުރި ހެކިންގެ ހެކިބަސް ނެގުމަށް ތިން އަޑުއެހުމެއް ބާއްވަން ތާވަލުކުރަން ނިންމި އެވެ. އެ ގޮތުން އެ އަޑުއެހުންތައް އޮންނާނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު، ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު، ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
އެ ތިން އަޑުއެހުމަށް ހެއްކަކު ހާޒިރުނުވެއްޖެނަމަ އިތުރު ފުރުސަތެއް ދެވޭނީ ބަލައިގަނެވޭ ވަރުގެ ސަބަބެއް އޮވެގެން ހާޒިރުނުވުމުން ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ބަލިވެގެން ނޫނީ ކުއްލި ކަމެއް ދިމާވުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު މުރާޖައާ ކުރުމެއް ނެތް
އަމީންގެ ބަންދަށް ލުއި ދިނުމަށް އެދި އަދި ބަންދު މުރާޖައާ ކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިއަދު ހުށަހެޅި އެވެ.
ދިފާއީ ވަކީލް އަހްމަދު ޔާމީން ވިދާޅުވީ އަމީންގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ބަންދުގައި ހުންނަން ދަތިވާ ކަމަވެ. މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނާ ވަރުގެ ހެއްކެއް ވެސް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މި ކަމުގައި ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި ކަމަކީ ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުވާ އުފުލޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރާ ނިންމާ ނިންމުން މުރާޖައާ ކުރަން ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާން ކުރާ ކުރުން ނުހިނގާ ކަމަށް ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ކަމެވެ.
މީގެ އިތުރަށް ބަންދު ކުރަން ނެރޭ އަމުރަށް ބަދަލެއް ގެންނަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފެނިއްޖެ ހުށަހެޅޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނާތީ، އެ އިހުތިޔާރަކީ ޕީޖީއަށް ލިބިދޭ ބާރެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ގާޒީ ވެސް ބުރަވީ ދައުލަތުގެ ނުކުތާއަށެވެ. އަދި ބަންދަށް ލުޔެއް ހޯދަން ބޭނުންވާ ނަމަ ދިފާއުގެ ފަރާތުން ދައުލަތާ އެކު މަޝްވަރާ ކުރެއްވުމަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ. އެހެންވެ މި ވަގުތަށް ބަންދު ކުރަން ނެރުނު އަމުރަށް ބަދަލެއް ގެނެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.













