ރާއްޖޭގެ ބާ ކައުންސިލްގެ އެކްސްކޯ އިންތިހާބުގެ ދެވަނަ ބުރަށް ފަސް ވަކީލަކު ކުރިމަތިލައިފި އެވެ.
މި މަހުގެ 11 ވަަނަ ދުވަހު ވަނީ ބާ ކައުންސިލްގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން އެކްސްކޯގެ ތިން މެންބަރުންގެ މަގާމަށް ވަކީލުން އިންތިހާބުކޮށްފަ އެވެ.
އެކްސްކޯގެ ބާކީ ތިން ވަކީލުން އިންތިހާބު ކުރަން ދެވަނަ ބުރުގެ ވޯޓު ލުމެއް އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. ދެވަނަ ބުރަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ފަސް ވަކީލަކު ކުރިމަތިލި އެވެ.
ދެވަނަ ބުރުގައި ވާދަކުރާ ވަކީލުން
- އަލީ އަބްދުއްލަތީފް
- މަރިޔަމް ނިހާޔަތު (ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް)
- ދީނާ ހުސައިން (އުރީދޫގެ ބޯޑު މެންބަރު)
- އާއިޝަތު މުނީޒާ
- ހަސަން ފަލާހް
ގާނޫނުގައި އޮންނަ ގޮތުން، ބާ ކައުންސިލްގެ އެކްސްކޯގައި ތިބެނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސްއަކާއި ނައިބު ރައީސްއަކާއި މެންބަރުންގެ ގޮތުގައި ހަ ވަކީލެކެވެ. އޭގެ އިތުރަށް ބަންޑާރަ ނައިބު ވެސް އެކްސްކޯގައި އިންނަވާނެ އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ބާ ކައުންސިލްގެ ރައީސަކަށް ވަކީލު އިސްމާއީލް ވިޝާމް އަދި ނައިބު ރައީސަކަށް މިޒްނާ އަހްމަދު ވަނީ އިންތިހާބުކޮށްފަ އެވެ.

އެންމެ ގިނަ ވޯޓު ހޯދައިގެން އެކްސްކޯގެ މެންބަރުންނަށް އެ ދުވަހު އިންތިހާބު ކުރީ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުއާއި، އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރު އެވެ.
ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. މިއީ ބާ ކައުންސިލްގެ އެކްސްކޯއަށް މެންބަރުން އިންތިހާބު ކުރާ ދެވަނަ ފަހަރެވެ. އެކްސްކޯ މެންބަރުންގެ ދައުރަކަށް އޮންނަނީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ.
ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ.












