ހުޅުމާލޭގައި ގުދަން ބަރިއެއް (ވެއާހައުސް ޝެލް-4) އަޅަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އެޗްޑީސީން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން މިއަދު ބުނީ ވެއާހައުސް ޝެލް-4 އަޅަން 26909.75 އަކަފޫޓުގެ ބިމެއް ހާއްސަކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވިޔަފާރީގެ ދެ އުަސޫލަކުން ކުރަން ނިންމާފައިވާ ކަމަށެވެ.
ފުރަތަމަ ގޮތަކީ ޝައުގުވެރިވާ ފަރާތްތަކުން އަމިއްލަ ތަކެތީގައި އެތަން އިމާރާތްކޮށް އެޗްޑީސީއަށް ވަކި ވަރަކަށް ޖާގަ ދިނުމެވެ. އެ އުސޫލަށް ކިޔަނީ ބީއީއޯޓީ މޮޑެލް އެވެ. ދެވަނަ ގޮތަކީ އެޗްޑީސީއަށް ޖާގަތަކެއް ނުދީ މުޅި ތަނަށް ކުލި ދައްކާ އުސޫލެވެ.
އެޗްޑީސީން ބުނީ ވެއާހައުސް ޝެލް4 އަޅަން ޝައުގުވެރިވާ ފަރާތްތަކަށް މި ނޫން އެހެން މޮޑެލްތައް ވެސް ހުށަހެޅިދާނެ ކަމަށެވެ. އެ މަސައްކަތަށް އެޗްޑީސީއަށް އެއް ޕްރޮޕޯސަލް އަށް ވުރެ ގިނަ ޕްރޮޕޯސަލް ލިބިއްޖެނަމަ ކުރިއަށް ދާނީ އެޗްޑީސީގެ ތަސައްވުރަށް އެންމެ އެކަށީގެންވާ އީއޯއައި އާއި އެކުގައި ކަމަށް ވެސް އެކުންފުނިން ބުންޏެވެ. އަދި އީއޯއައި އިވެލުއޭޓް ކުރުމުގައި ބަލާނީ ޑިވެލޮޕަރގެ ތަޖުރިބާ، ސީއެސްއާރް ކޮންޓްރިބިއުޝަނާއި މާލީ ފުދުންތެރިކަމާއި ގާބިލުކަމަށެވެ. އަދި އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކުން އެއް އީއޯއައިއަށް ވެސް އެޕްލައިކުރެވޭނެއެވެ.
ޕްރޮޕޯސަލް ބަލައިގަތުމާއި ނުގަތުން އަދި އީއޯއައި ބާތިލްކުރުމުގެ ފުރުސަތު އެގްރީމަންޓް ސޮއި ކުރުމުގެ ކުރިން އެޗްޑީސީ އަށް އޮންނާނެ ކަމަށާއި އީއޯއައި ބާތިލްކުރުމުގެ ކުރިން ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އަންގާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލް ޕްރޮޕޯނަންޓްސް އަށް ރައްދުކުރެވޭނެއެވެ.

ޝައުގުވެރިކަން ފާޅުކުރަން ތައްޔާރުކުރާ ލިޔެކިއުންތައް ހުންނަން ޖެހޭނީ އެޗްޑީސީން ކަނޑައަޅާ ފޯމެޓްއާއި އެއްގޮތަށެވެ. އީއޯއައި ހުށަހެޅުމަށް business@hdc.com.mv އަށް އީމެއިލް ކުރެވޭނެ އެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑި އަކީ 3 ޖުލައި 2022 ، 15:30 އެވެ.











