އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ, ނޫރު އާދަމް ހަސަންފުޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މާޗު 29، 2015 ގައި ސައިކަލުތަކެއްގައި ދިޔަ ގްރޫޕަކުން އައިޖީއެމްއެޗް ކައިރީގައި ނޫރަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާ އުފުލި އެވެ. އޭގެ ތެރެއިން އޭރު 18 އަހަރު ނުފުރޭ ދެ މީހަކު ހިމެނޭއިރު، އެ މީހުންގެ މައްޗަށް 10 އަހަރުގެ ހުކުމެއް ކޯޓުން ކުރިން ވަނީ އިއްވައިފަ އެވެ.
ދެން މި މައްސަލާގައި ދައުވާ އުފުލިފައިވަނީ ޏ. ފުވައްމުލައް، ޝައިނީ، މުހައްމަދު ސަމީހް އަދި ޏ. ފުވައްމުލައް، ނޯވެލް، މުހައްމަދު ޝަމްލުގެ މައްޗަށެވެ. އެ ދެ މީހުނަށް ކުރާ ދައުވާއަކީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.
މި ދެ މީހުނަށް ކުރާ ދައުވާގައިވާ ގޮތުން، ނޫރަށް ހަމަލާ ދިން ކުޑަކުއްޖާ އިން ސައިކަލު ދުއްވަން އިނީ ޝަމްލު އެވެ. އޭރު ސަމީހް ވެސް އޭނާގެ ސައިކަލުގައި އެ ތަނުގައި ހުރި ކަމަށާއި، ހަމަލާދީ ނިމެންދެން އެ ތަނުގައި މަޑުކުރުމަށް ފަހު، ހަމަލާދީ ނިމުމުން އެހެން މީހުނާ އެކު ދިޔަ ކަމަށް ދައުވާގައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މައްސަލަ ބެއްލެވުމަށް ފަހު އިއްވި ހުކުމުގައިވާ ގޮތުން ދެ މީހުން ވެސް ކޮންމެ ވެސް ސިފައެއްގައި ނޫރު މަރާލުމުގައި ބައިވެރިވިކަން ޝަރީއަތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުށަށް ކަނޑައެޅެން އޮތް އަދަބަކީ 25 އަހަރު ދުވަހުގެ ޖަލު ހުކުމަކަށްވީއިރު، އެ ދެ މީހުން ޖަލުގައި މިހާތަނަށް ހަތް އަހަރާއި ދެ މަހާއި 13 ދުވަސް ވަނީ ހޭދަކޮށްފަ އެވެ. އެހެންވެ ދެން ޖަލު ހުކުމުން ތަންފީޒުކުރަން ޖެހޭނީ 17 އަހަރާއި ނުވަ މަހާއި 15 ދުވަސް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
މި މައްސަލާގައި ދައުވާ ކުރި އޭރު ކުޑަ ދެ ކުދިންގެ ތެރޭ ހިމެނޭ އެކަކުގެ ކުށް ދަށު ކޯޓުގައި އޭރު ސާބިތެއްނުވި އެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، ހައިކޯޓުން ވަނީ އޭނާ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.













