އޭޑީކޭ ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަހަރުގެ ހިތާނީ ސީޒަނަށް އަމާޒުކޮށް އޭޑީކޭން އެކުލަވާލާފައިވާ ޕެކޭޖުގެ އަގަކީ 5،000ރ. އެވެ. އާސަންދައިން 1،000ރ. ކަވަރުކުރާތީ ދައްކަން ޖެހޭނީ 4،000ރ. އެވެ.
ޖުލައި 2 އިން އޮގަސްޓު 4 އަށް އެ ހޮސްޕިޓަލުން ހިތާނު ކޮށްދޭނެ އެވެ. އަދި، ރަޖިސްޓްރީވާއިރު އޭގެއިން ކޮންމެ ދުވަހެއް ހިޔާރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕެކޭޖުގައި ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓުމެންޓު ހަމަޖެއްސުމާއި، ޑޮކްޓަރަށް ދެއްކުމާއި، ހިތާނު ކުރުމަށް އެޑްމިޓު ކުރުމަށް ފަހު ގެއަށް ފޮނުވާލުމާ ދެމެދު ކުރެވޭ ބޭސްފަރުވާ އާއި، ކުއްޖާ ގެއަށް ފޮނުވާލާއިރު ދޭ ބޭހުގެ އިތުރުން ގެއަށް ދޫކޮށްލުމަށް ފަހު ޑޮކްޓަރަށް ދައްކަން ހަދާ ފޮލޮއަޕް ކޮންސަލްޓޭޝަންގެ އަގު ހިމެނެ އެވެ.
ކެއިން ބުއިމަށް ހިނގާ ހަރަދާއި ސާޖަރީއަށް ފަހު އެއްވެސް ކޮމްޕްލިކޭޝަނެއް ދިމާވެއްޖެނަމަ އެކަމަށް ހިނގާ ހަރަދެއް ނުހިމެނެ އެވެ.

އޭޑީކޭން ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އެ ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކޮށްފައިވާ ޕޯސްޓަރުގައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ވެސް ރެޖިސްޓްރީވެވޭނެ އެވެ.
ރެޖިސްޓްރީ ކުރާއިރު ކުއްޖާގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ފޯރުކޮށްދޭން ޖެހެ އެވެ. އަދި، އެޑްވާންސް ފީގެ ގޮތުގައި 2،500ރ. ދައްކަން ޖެހެ އެވެ.
އޭޑީކޭގެ ހޮޓްލައިން 1440 އަށް ގުޅުއްވައިގެން މި ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.











