ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކެބިނެޓުގެ ސަބް ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު މިނިސްޓަރުން ވަނީ އެކަން ކުށްވެރިކޮށް އެކަމުގައި ހަރަކާތްތެރިވި މީހުންގެ މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
މިއަދު އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛
- އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
- ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
- ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
- ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
- އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
- ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އެވެ.
ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ސީރިއަސް ކުށެއްގެ ގޮތުގައި ކަމަށާއި ހަމަނުޖެހުން ހިންގުމުގެ ޒިންމާވާ މީހުން ގާނޫނުގެ ކުރި މައްޗަށް ގެންނަވާނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންނެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.












