ށ. އަތޮޅު ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒުގެ ގަޔަށް ވަޅިޖަހާ މަރާލި ކަމުގެ ކުށް އެ ކުއްޖާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެ، އޭނާގެ މައްޗަށް 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މީގެ ހަ އަހަރު ކުރިން ޝައިހާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. ޝައިހާގެ ގަޔަށް ހެރި ވަޅި ވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ފެނުނެވެ.
އެ ހަމަލާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޝާހިދާ ހައްޔަރުކޮށް ބަންދުކުރި އެވެ. އެއަށްފަހު އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލި އެވެ. ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓުގައި ޝަރީއަތް 2016 ވަނަ އަހަރު ފެށީ ސިއްރުކޮށްގެންނެވެ.
ޝާހިދާ މަރާލާފައިވަނީ އޭނާގެ ދަރިފުޅުކަމުން, މި މައްސަލައިގައި މަރަށް މަރު ނުހިފޭނެ އެވެ.
ޖަލު ބަންދުގައި ޝާހިދާ ހުރި ދުވަސްތައް ކެނޑުމުން އޭނާ އިތުރަށް ބަންދުގައި ހުންނަން ޖެހޭނީ 11 އަހަރާއި ދެ މަސް ދުވަހަށެވެ.

ޖަލު ހުކުމުގެ އިތުރުން އޭނާގެ މައްޗަށް ވަނީ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކޮށްފަ އެވެ. އަދި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.
"މި ހާދިސާ ހިނގުމަށް މެދުވެރިވީ އާމިނަތު ޝާހިދާއަށް ދިމާވެފައިވާ ނަފްސާނީ ބައްޔަކާއި ގުޅިގެން ކަމަށް އާމިނަތު ޝާހިދާގެ ފަރާތުން ފާހަގަކޮށް ބުނެފައިވީ ނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ފަދަ ސަބަބެއް މީނާގެ ކިބައިގައި ފެންނަން ނެތްކަން މައްސަލައާ އެކު ހުށަހެޅިފައިވާ ރިޕޯޓުތަކުންނާއި، ހެކިންގެ ހެކިބަހަށް ބެލުމުން އެނގެން އޮންނާތީ،" ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.
ނަމަވެސް، މި މައްސަލާގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި ޝައިހާ މަރާލިއިރު ވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓްއަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.













