މަދަނީ ޝަރީއަތް ކުރުމާ ބެހޭ މިންގަނޑުތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ "މަދަނީ އިޖުރާއަތުގެ ގާނޫނު" އަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.
މިފަދަ މިންގަނޑުތައް ގާނޫނަކުން ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މި ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ޑިސެމްބަރު 20، 2021 ގަ އެވެ. އަދި، މަޖިލީހުން އެ ބިލު ފާސްކުރީ މިދިޔަ ނޮވެމްބަރުގަ އެވެ.
މަދަނީ ހުރިހާ އިޖުރާއަތުތަކެއް ބަޔާންކޮށްފައިވާ، 429 މާއްދާ ހިމެނޭ 298 ސޮފްހާގެ އެ ގާނޫނަށް އަމަލު ކުރަން ފެށުމުން މަދަނީ ޝަރީއަތްތައް ކުރިއަށްގެންދާ ގާނޫނުތަކާއި ގަވާއިދުތައް އުވުނީ އެވެ. ހަމައެހެންމެ ސުޕްރީމް ކޯޓުން ވަނީ މިއަދު މަދަނީ އިޖުރާއަތުގެ ގަވާއިދު ވެސް ކަނޑައަޅައި އާންމުކޮށްފަ އެވެ.
އެގޮތުން އުވިގެންދާނެ އެންމެ ބޮޑު އެއް ގަވާއިދަކީ "ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" އެވެ. އެ ނަން ދީފައި ދެ ގަވާއިދެއް ހަދާފައި އޮވެ އެވެ.
އޭގެ އިތުރުން، ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ޝަރީއަތަށް މައްސަލަ ހުށަހެޅުމާ ބެހޭ ގާނޫނާއި ޝަރީއަތަށް މީހުން ހާޒިރުކުރުމާއި މެސެޖު ޒަރީއާއިން ހެކިބަސް ހޯދުމާ ބެހޭ ގާނޫނެވެ. އެއީ 1975 ވަނަ އަހަރާއި 1978 ވަނަ އަހަރާ ދެމެދު އަމަލު ކުރަން ފެށި ގާނޫނުތަކެކެވެ.

އެ ގާނޫނުތަކާއި ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދި ދެ ގަވާއިދުގެ އިތުރުން، މަދަނީ މައްސަލަތައް ކުރިއަށްގެންދާއިރު ކޯޓުތަކުން މިހާރު ގޮތް ކަނޑައަޅަނީ ކަނޑައެޅިފައި ހުރި ޕްރެސީޑެންޓްސްގެ މައްޗަށް ބިނާކޮށެވެ.
ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ވެސް މި ގާނޫނު ހިނގާނެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖޭގެ މަދަނީ މައްސަލަތައް ޝަރުއީ ކޯޓުތަކުން ބަލަމުންދާ ގޮތަށް މުހިންމު އަދި ޒަމާނީ ބަދަލެއް އަންނާނެ އެވެ.













