ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް އިސްމާއިލް ވިޝާމް އަދި ނައިބު ރައީސަކަށް މިޒްނާ އަހްމަދު އިންތިހާބުކޮށްފި އެވެ.
ބާ ކައުންސިލްގައި މިވަގުތު އޮތް އެގްޒެކެޓިވް ކޮމިޓީގެ ދައުރު އަންނަ ޖުލައި 13 އަށް ހަމަވާނެ އެވެ.
އާ އެގްޒެކެޓިވް ކޮމިޓީއެއް ހޮވުމަށް މިއަދު ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގައި ކުރީގެ އެސިސްޓަންޓު އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ވިޝާމް އާ ވާދަކުރެއްވީ މުހައްމަދު ފައިސަލް އެވެ. ވިޝާމް އަށް 270 ވޯޓު ލިބިވަޑައިގެންނެވިއިރު ފައިސަލް އަށް ލިބިވަޑައިގަތީ 182 ވޯޓެވެ.
ބާ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް މިޒްނާ އިންތިހާބު ކުރުމަށް ފެންނަ ކަމަށް 281 ވޯޓު ދީފައިވެ އެވެ. ނުފެންނަ ކަމަށް 156 ވަކީލުން ވޯޓު ދިނެވެ.
ބާ ކައުންސިލްގެ ގާނޫނުގައި އޮންނަ ގޮތުން ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ވާދަކުރެވެނީ 10 އަހަރު ގާނޫނީ ވަކީލުކަން ކޮށްފައިވާ މީހުންނަށެވެ.

މިއަދު ވަނީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމަށް ވެސް ތިން ވަކީލުން އިންތިހާބުކޮށްފަ އެވެ. އެގޮތުން، އެންމެ ގިނަ ވޯޓު ހޯދައިގެން އިންތިހާބުވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު އާއި އިބްރާހިމް ޝަމީލް އަދި ސާދިހު ނަސީރު އެވެ.
ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. މިވަގުތު އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވީ މަޝްހޫރު ގާނޫނު ވަކީލު މައުމޫން ހަމީދު އެވެ. އަދި، ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އެވެ.












