މާލޭގައި އީދު ހޭދަކުރާ މީހުނަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން އިއްޔެ ދިނީ މުނާސަބު ހަބަރެކެވެ. މާލެ ސަރަހައްދުގެ އެންމެންނަށް ބައިވެރިވެވޭ ވަރުގެ ފޯރިގަދަ އީދަކަށް, ކުރިއަށް އޮތް ބޮޑު އީދު ހެދުމުގެ އަޒުމް ހުރި ވާހަކަ އެވެ. އީދު ޝޯ އާއި ސަގާފީ ކުޅިވަރުތައް ކުޅުމާއި ހަވާ އެރުވުން މި އީދުގައި އޮންނާނެ ވާހަކަ އެވެ.
"މިހެން ބުންޏަސް ވަރަށް ކުލަގަދަ ކޮށް އީދު ރޭވިފައި އޮތީ. ވަރަށް ގިނަ ހަރަކާތްތަކެއް އެކި ދުވަސް ދުވަހަށް ބަހާލައިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގޮތަށް. ހުޅުމާޅޭގައި ބޭއްވިޔަސް މިއީ ގްރޭޓާ މާލެ އޭރިއާގެ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ހަރަކާތްތަކެއް،" އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު ވިދާޅުވި އެވެ.
މި ހިމަނާލަނީ، ބޮޑު އީދުގެ ހަރަކާތްތަކާއި، އެ ކަންކަން ބާއްވަން އެޗްޑީސީން ޕްލޭންކޮށްފައިވާ ގޮތެވެ.
ބޮޑު އީދުގެ ހަރަކާތްތައް ހުޅުމާޅޭގައި ފެށޭނީ ހައްޖު ދުވަހުގެ ރޭގަނޑު އެވެ. އެރޭ ދަފިނެގުން އޮންނާނެ އެވެ. އަދި އީދު ހުޅު ނުވަތަ އީދު ބަޑި ރޯކުރުން ވެސް އޮންނާނެ އެވެ. މި ހަރަކާތްތައް ރޭގަނޑު 2:30 އާ ހަމައަށް ފޭސް އެކަކާއި ދޭއް ގުޅޭ ކޯޒްވޭ ސަރަހައްދުގައި ކުރިއަށްދާނެ އެވެ.
އީދު ދުވަސް، 9 ޖުލައި
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން މިފަހަރުވެސް އޮންނާނެ އެވެ - އޮންނަ ސަރަހައްދު އިސްލާމިކް މިނިސްޓްރީ އިން އަދި ހާމައެއް ނުކުރެ އެވެ. ފިތުރު އީދުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

ނަމާދުކޮށް ނިމިގެން އެ ސަރަހައްދުގައި ހެނދުނުގެ ނާސްތާ އެއް އޮންނާނެ އެވެ.
އެއަށްފަހު އުޟުހިޔާ ކަތިލުން އޮންނާނެ އެވެ - އުޟުހިޔާ އަށް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ފަހުން ހުޅުވައިލާނެ އެވެ.
އެހެން އީދުތަކެކޭ އެއްގޮތަށް ފެންކުޅި ކުޅުން މިއަހަރު ވެސް އޮންނާނެ އެވެ.
ހެނދުނު 9:00އިން އިރުއޮއްސި 6:00އަށް ހުޅުމާޅެ ފޭސް އެކެއްގެ ރުއްގަނޑު ދޭއް ގައި ފައިގަތަޅާކުޅުން ކުރިއަށްދާނެ އެވެ.
ސެންޓްރަލް ޕާކް އޭރިއާގައި އީދުގެ ފުރަތަމަ ޝޯ އެރޭ 8:00 ގައި ފަށާނެ އެވެ. ފުރަތަމަ ރޭގެ ޝޯ ހާއްސަކުރަނީ އަލަށް މިއުޒިކް އިންޑަސްޓްރީއާ ގުޅުނު ފަންނާނުންނަށެވެ.
10 ޖޫން
ފަތިސް ނަމާދަށްފަހު ފޭސް އެކެއްގެ ރުއްގަނޑު އެކެއްގައި ކޯޑި ހެދުމުގެ ހަރަކާތް ހަވީރު 4:00ގައި ފެށޭނެ - މި ހަރަކާތުގައި އާންމުންނަށް ބައިވެރިވެވޭނެ އެވެ.
ރޭގަނޑު 8:00 ގައި އީދުގެ 2 ވަނަ ޝޯ - މި ޝޯއަކީ ހުރިހާ ފަންނާނުންނަށް ހުޅުވައިގެން ބާއްވާ ޝޯއެކެވެ.
11 ޖޫން
ބޮޑުމަސް ތައްޔާރުކުރުން - މި ހަރަކާތް ކުރިއަށްދާނީ އެޗްޑީސީ ގްރީނިން ނާސަރީގައެވެ. އާންމުންނަށް ބަލައިލަން އާދެވޭނެ އެވެ. ނަމަވެސް މަސައްކަތްތައް ކުރިއަށްގެންދާނީ އެޗްޑީސީގެ ފަރާތުންނެވެ.
ހަވީރު 4:00 ގައި ބޮޑުމަސް ދުއްވުން - ހިޔާ ފްލެޓް ސަރަހައްދުން ފަށައިގެން ބޮޑުމަސް ދުއްވުން ނިންމާނީ ސެންޓްރަލް ޕާކް ސަރަހައްދަށެވެ.
ރޭގަނޑު 8:00 ގައި ސެންޓްރަލް ޕާކުގައި ބޮޑުމަސް ބޭނުމުގެ ހަރަކާތްތަކާއި ސަގާފީ ޝޯ
12 ޖޫން
މެންދުރު ރުއްގަނޑު އެކެއްގައި މާލި ހެދުން
މެންދުރު ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3ގައި މާލި ހެދުން ފަށާއިރު، މާލެ ނެރޭނީ މެންދުރުފަހު 3:00 ގައެވެ.
ހަވީރު 4:00 ގައި ސެންޓްރަލް ޕާކްގައި، ރޮބޯމޭން އާއި ތަފާތު ކެރެކްޓާތައް ޕާފޯމްކުރާ ގޮތަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ.
ރޭގަނޑު 8:00 ގައި ކުރީގެ މަޝްހޫރު މިއުޒިކް ފަންނާނުންގެ ހާއްސަ ޝޯ އެއް ހަމަ އެ ސަރަހައްދުގައި އޮންނާނެ އެވެ.
13 ޖޫން
ތޭރަ ވަނަ ދުވަހުގެ ރެއަކީ އީދު ހަރަކާތްތައް ނިންމުމުގެ ގޮތުން ބޮޑު ޝޯ ބާއްވާ ރެ އެވެ. ސެންޓްރަލް ޕާކްގައި ބާއްވާ މި ޝޯ ނިންމާލުމަށްފަހު ހަވާ އެރުވުން ވެސް އޮންނާނެ އެވެ.











