ދިގު ވާހަކަ: މާޒީން ހިތި

ދިގު ވާހަކަ: މާޒީން ހިތި

ތިންވަނަ ބަޔާ ގުޅޭ

އޭނާ ހިފީ އަހަރެންގެ އަތުގަ އެވެ. އަތުގައި ހިފީއެއް ނޫނެވެ. އޭނާގެ އަތުގެ ކޮންމެ އިނގިއްޔަކަށް ވާންކޮށްލީ އެވެ. ހީވަނީ އޭނާ ގަސްތުގައި އަހަރެންގެ އަތަށް ތަދުކޮށްލަން ބޭނުންވީހެންނެވެ. ބޭއިހުތިޔާރުގައި އަހަންނަށް އަޑެއް ލައްވާ ލެވުނެވެ.

"ތި ކާކުތަ؟" އަހަންނަށް ހަޅޭއްލަވާ ގަނެވުނެވެ.

"އަހަންނަކީ ކާކުކަން ނޭނގުމަކީ އަހަރެންގެ ކުށެއް ނޫން." އޭނާ ފާޑަކަށް ހޭން ފެށި އެވެ.

"ކާކު ހޭ؟" އަނެއްކާ ވެސް އަހަންނަށް އަހައިލެވުނެވެ.

"ކޯޓުން ކަލޭ ބަލަން ހަވާލުވި މީހާ، އާނ! މީ ކަލޭގެ ފިރިމީހާ! ހަބީބު!" ހަބީބުގެ ބޮލަށް މަހައިލައިފައިވާ ކޯޓުގެ ބޯ އޭނާ އިސްތަށިގަނޑުން ނެގިއެވެ.

"ހަބީބު؟" އަހަންނަށް ލިބުނީ ސިހުމެކެވެ.

އެކަން ހަބީބަށް އެނގުނެވެ. ގޮށްޖަހައިލެވިފައިވާ އޭނާގެ ދެ ބުމަ އަހަންނަށް ސާފުކޮށް ފެނުނެވެ. އޭނާގެ ތުންފަތާއި މޫނުމަތީގައި ތަރުތީބުވެފައިވާ އިހުސާސްތަކުން އޭނާގެ ބޭނުން ސާފުވާ ގޮތްވި އެވެ.

"ކަލޭ އަދިވެސް ފިލަންތަ ބޭނުންވަނީ؟" ހަބީބުގެ އިނގިލިތަކަށް ބާރުކޮށްލި އެވެ.

އަހަންނަށް ތަދު އިހުސާސްވާ މިންވަރު ދެގުނަ ވިއެވެ. އެހެންވެ އޭނާގެ އަތުން ވީއްލޭތޯ ލައްކަ މަސައްކަތް ކުރީމެވެ. އަތް ފޮޅުވާލުމަށް ތެޅި ގަނެވުނެވެ.

"ތަދުވެޔޭ! ދޫކޮށްލާށޭ!" ދެ ފަހަރަކު އެހެން ވެސް ބުނެވުނެވެ.

"ކަލޭއަކީ އަހަންނަށް ބޭނުން ކަމެއް ކުރެވޭ ގޮތަށް، ބޭނުން އިރަކު ބޭނުން ގޮތެއް ހެދޭ ގޮތަށް ގަނެލައިފަ ހުރި މީހެއް،" ހަބީބު ވާހަކަދެއްކީ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ އެވެ. "އަހަރެން ބުނާ ގޮތެއް ކަލޭ ޖެހޭނީ ހަދަން."

"ދޫކޮށްލާށޭ." އަހަންނަށް އަނެއްކާ ވެސް ބުނެވުނެވެ.

"ކަލޭ އަޑެއް ނާހަންތަ ކާވެނި ކުރި ދުވަހު ދިން ހުތުބާގަ ކީ ވާހަކަތަކެއް؟ ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހޭނެ ވާހަކައެއް؟ ފިރިމީހާގެ ބޭނުންތަކާއި އުފާތައް ފުއްދައިދިނުމަކީ އަނބިމީހާގެ މައްޗަށް ލާޒިމު ކުރާކަމެކޭ ބުނި ވާހަކައެއް؟ ކަލޭއަށް އެ އަޑުތަކެއް ނީވޭތަ؟" އަހަރެންގެ އަތަށް ކުޑަ ދުލެއް ދެމުން ބުނެލި އެވެ.

އަހަރެން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. ހަބީބަށް އެ ހުތުބާއިން އިވުނީ އެއްމެ ތަންކޮޅެއްވީމަ އެވެ. އެ ދިގު ހުތުބާއިން އޭނާގެ ހަނދާނުގައި ހުންނަނީ ވެސް އެ ޖުމުލަ އެކަންޏެވެ. އެއީ އޭނާ ބޭނުންވާ ތަންކޮޅެއް ވީމައ ެވެ.

"ކަލޭއަށް މިއަދު ވިސްނިއްޖެ ދޯ؟" ހަބީބު ބުނެލި އެވެ.

"އަހަންނަކަށް ނޫން ނުވިސްނިގެން މިއުޅެނީ." އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"އަނެއްކާ ވެސް ފެށީތަ؟"

"ހަބީބުގެ މައްސަލައަކީ ތިޔޭ." އަހަރެން ވާހަކަ ހުއްޓައިލީމެވެ.

"މިޒުނާގެ މައްސަލައަކީ ފިރިމީހާއަށް ކިޔަމަންތެރި ނުވުން." ހަބީބު އަހަންނާ ކައިރިވެލި އެވެ.

"ކިޔަމަންތެރިވުމަކީ ކޮބައިކަމާއި ކިޔަމަންތެރިވާން ޖެހޭނީ ކޮންކަމަކަށްކަން ތި ބުނި ހުތުބާގައި ވަރަށް ސާފުކޮށް ކިޔައިދިން. ކީއްވެބާ އެކަންކަން އަހަންނަށް ހަނދާންކޮށް ނުދެނީ."

"ފިރިމީހާ ބޭނުން ގޮތަކަށް ފިރިމީހާގެ މުހުތާދުތައް ފުއްދުމުގެ ހުއްދަ އޮންނާނޭ. އެކަމަށް އަނބިމީހާއަށް ނޫނެކޭ ނުބުނެވޭނޭ." ހަބީބު ދެ އަތުން އަހަރެންގެ ދަތްދޮޅީގައި ހިފައިލި އެވެ.

އަހަންނަށް ދުރަށް ޖެހިލެވުނެވެ. ހަބީބުގެ ބީހުންތަކުން އަހަންނަށް އުފަލެއް ނުލިބެ އެވެ. ހިތްހަމަ ޖެހުމެއް ގެނެސް ނުދެ އެވެ. ކުރެވެނީ ފޫހި އިހުސާސެކެވެ. އޭނާގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. އޭނާގެ ހަރަކާތްތަކުގެ ނުކިއްސަރު ކަމުންނެވެ. އޭނާއަކީ އެހެން މީހުންނާ ތަފާތު މީހެކެވެ. އަނެއްކާގެ އިހުސާސްތަކަށްވުރެ އޭނާ އިސްކުރަނީ އަމިއްލަ އުފަލެވެ. އަމިއްލަ މުހުތާދުތައް ފުދުމުން އޭނާއަށް ފުދުނީ އެވެ. ހުރިހާ ކަމެއްގައި ވެސް އޭނާގެ މަންހަޖަކީ އެއީ އެވެ.

"އަހަންނަށް އެހެން ނުހަދާ. މަޖުބޫރު ނުކުރޭ." އަހަންނަށް އިހުތިޔާރަކާނުލައި ބުނެވުނެވެ.

"ތަނަވަސްކަމެއް ލިބެން މިޒުނާ ބޭނުން ނުވަނީތަ؟" ހަބީބު އަހައިލި އެވެ.

ހަބީބު އެ ބުނަނީ ކޮން ވާހަކައެއްކަން އަހަންނަށް ވަރަށް ސާފުކޮށް އެނގެ އެވެ. އޭނާ އެ ދައްކަނީ ކޮން ވާހަކައެއް ކަން ވެސް އަހަންނަށް އެނގެ އެވެ. އޭނާ އެ އުޅެނީ އެކަމަށް އެއްބަސް ކުރުވާށެވެ. އަހަންނަށް ބިރުދައްކައިގެން ވެސް އޭނާ ހާސިލުކުރާން ބޭނުންވަނީ އެ ކަމެވެ.

"އަހަންނަކީ ވެސް އިންސާނެކޭ." ތުރުލާ އަޑަކުން އަހަންނަށް ބުނެވުނެވެ.

"އަހަރެން ހުއްދަ ދީގެންނެއްނު." ހަބީބު އުޅުނީ ލޯބިން ފިރުމާށެވެ.

އަހަންނަށް ކުރެވުނީ އުނދަގޫ އިހުސާސެކެވެ. ހަބީބުގެ ކޮންމެ ފިރުމުމެއް އަހަންނަށް ސިފަކުރެވެމުން ދިޔައީ އަނިޔާއެއްގެ ގޮތުގަ އެވެ.

"ހިނގާ ސުލްހައިގަ ގެޔަށް ދަމާ." ހަބީބުގެ ރާގު ބަދަލުވަމުން ދިޔަ އެވެ.

"އެ މީހާއަށް އަހަރެން ނުދޭތި." އަހަންނަށް ކުރެވުނީ ޝަރުތެކެވެ.

"އެއީ އަހަރުމެންގެ ނަސީބަށް ވެދާނޭ. މިޒޫ ފެނިގެން އޭނާ އައީ ހުރިހާ ކަމެއް އެނގި ހުރެ. މިޒޫއަކީ އަހަރެންގެ މީހެއްކަން ވެސް އޭނާއަށް ރަނގަޅަށް އެނގޭ. އޭނާ ބޭނުންވަނީ ހަމަ އެއްމެ ކަމެއް. އެކަން ކޮށްދިނީމަ ނިމުނީ. އެހިސާބުން އޭނާގެ އިނާމު އަހަރުމެންނަށް ލިބޭނެ. އޭރުން އަހަރުމެން އުޅޭނީ އުފަލުގަ. ބޮޑު ގެއެއްގަ. މިހާރަށް ވުރެ ތަނަވަސް ދިރިއުޅުމެއްގަ." ހަބީބު ބުނެލި އެވެ.

"ހަބީބުތަ ތިހެން ތިބުނަނީ؟" އަހަންނަށް ގަބޫލުކުރަން ދަތިވި އެވެ.

"އާން މި މުހައްމަދު ހަބީބު ހެޔޮހާލުގައި ހުރެ، ބުއްދި ސަލާމަތުން ހުރެ ބުނާ ވާހަކައެއް." ހަބީބު ޔަގީންކަމާއެކު ބުނެލި އެވެ.

"އަމިއްލަ އެދުމަށް އަހަރެން ހަމަ ވިއްކާލަނީތަ؟" އަހަންނަށް ގަބޫލެއް ވެސް ނުކުރެވެ އެވެ.

"މިއީ ވިއްކުންތަ؟" ހަބީބުގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ. "މިއީ ފުރުސަތުގެ ބޭނުން ކުރުމޭ. މިއީ ފުރުސަތަށް އާނއެކޭ ބުނުމޭ. ފުރުސަތަކަށް އަބަދު ތިމާއާ ބައްދަލުވާ އެއްޗެއް ނޫން. ފުރުސަތަކީ ވަރަށް މަދުން ތިމާއާ ބައްދަލުވާނެ އެއްޗެއް. އޭގެ ބޭނުން ހިފާނީ ބުއްދިވެރިން."

އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަބީބާއެކު ދިޔުން ނޫން ގޮތެއް ވެސް ނެތެވެ. ދެން ހަބީބުގެ ބާރުވެރިކަމުން ދުރަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. އޭނާއަކީ ބާރުގަދަ ފިރިހެނެކެވެ. ކުޅަދާނަ މީހެކެވެ. އަހަންނަށްވާ ގޮތަކަށް އޭނާ ނުބަލާނެ އެވެ. އޭނާ ހާސިލުކުރާން ބޭނުން ކޮންމެ ކަމެއް އޭނާ ކުރާނެ އެވެ. މިއަދު އަހަންނަށް އޭނާގެ މީހަކަށް ވާން ޖެހުނީ ވެސް އެ ޝިޔާރުގެ ދަށުންނެވެ. އެގޮތަށް ތަގުދީރު ވެސް ތަންދިނީމަ އެވެ.

"ހިނގާ." އަހަރެންގެ އަތުގައި ހިފައި ދަމާ ގަންނަމުން ހަބީބު ހިނގައިގަތެވެ.

"ނޫން." އަހަންނަށް ދެކޮޅު ހެދުނެވެ.

"ކިހިނެއްވީ؟"

"އަހަރެން ދޫކޮށްލާ. އަހަރެން އަމިއްލަ ހާލައިގެން އުޅެފާނަން. މީހުންނަށް ގުލާންކޮށްގެން، ސަލާން ޖަހައިގެން ވެސް އަހަރެން އުޅެފާނަން. އަހަންނަކީ ކިހާ ނިކަމެތި މީހެއްކަން އަހަންނަށް އެނގޭ. ބައްޕަގެ ބައްޔަށް ފަރުވާ ހޯދަން އާއިލާއިން އަހަރެން ހަބީބަށް ވިއްކާލީ އެންމެ ބައިލައްކަ ރުފިޔާއަށްކަން ވެސް އެނގޭ." އަހަންނަށް ގިސްލެވެން ފެށުނެވެ.

ހަބީބު ހުއްޓުނެވެ. އޭނާއަށް އަސަރެއް ކުރީ ކަން ނޭނގެ އެވެ. އޭނާ ހުރި ގޮތަކަށް ހުރީ އެވެ. ފުރުސަތުގެ ބޭނުން ހިފޭތޯ އަހަރެން ބަލަމުން ދިޔައީމެވެ.

"އަހަރެން ހަބީބާ ކައިވެނި ކުރީ ބައްޕައަށް ޓަކައި. ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށް. ހަބީބަށް ރަނގަޅަށް އެނގޭނެ ބައްޕަގެ ފަރުވާއަށް، ބައްޕަ ގޮވައިގެން މަންމައާއި ބޭބެ އިންޑިޔާއަށް ދިޔަ ދުވަހު ކަންތައް ވީގޮތް. އެ ދުވަހު ކުރޮޅި އެކްސިޑެންޓުގައި އެ މީހުން ނިޔާވިކަން،" އަހަރެން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. "އަހަންނަށް ކިރިޔާ ވެސް އުފަލެއް ހަބީބުގެ ފަރާތުން ލިބުނީ އެ ދުވަހު. އަހަރެން ބޭނުންވަނީ އެ ދުވަހު އަހަރެންގެ ބޮލުގައި ފިރުމައިދިން އަތް. އެ ދުވަހު އަހަރެންގެ ކަރުނަތައް ފޮހެލަދިން ހިތް. އެ ދުވަހު އަހަންނަށް ކާންދީ އަހަންނަށް ތަސައްލީ ހޯދައިދޭން އުޅުނު ހަބީބު."

"މިއީ ހަމަ އެ ހިތޭ. އެ އަތޭ. އެ ހަބީބޭ." ހަބީބު އަހަރެންގެ އަތުގައި ހިފި އެވެ.

"މިޒޫއަށް އެނގޭނެ އަހަރެންގެ ވިޔަފާރިތަކަށް ވަމުން ދިޔަ ގޮތް. އެއް ފިހާރައިގައި އެއްކޮށް އަލިފާން ރޯވެ އަނދާ ހުލިވިކަން. އަހަރެންގެ ބައްތެލި ކަނޑަށް ގަރަގުވެގެން ދިޔަކަން. އެއްފަހަރާ ހުރިހާ ކަމެއް ދިމާވިކަން." ހަބީބުގެ އަޑުގައި ހުރީ މާޔޫސްކަމެވެ.

"ވިޔަފާރީގެ މުއާމަލާތަކަށް އަހަރެން ހަދަނީތަ؟"

"އެހެނެއް ނޫން."

"ދެން އެ މަހުޖަނު ގާތަށް އަހަރެން ގެންދަނީ ކީއްވެ؟"

"އަހަންނަށް ލާރިކޮޅެއް ލިބެން އޮތް ހަމަ އެކަނި ގޮތަކީ އެ. އޭނާ މި ރަށަށް އައީ ޗުއްޓީ ހޭދަކޮށްލަން. އެއީ ރާއްޖޭގައި ނެތްވަރުގެ މަހުޖަނެއް. ވިޔަފާރިވެރިއެއް. އިއްތިފާގުން އޭނާ މި ރަށަށް އައި ދުވަހު އޭނާގެ ލެންސަށް އެރީ މިޒޫ. މިޒޫ ކަމުގޮސްގެން އޭނާ އެ ވާހަކަ ދެއްކީ ސީދާ އަހަރެން ގާތުގައި."

"ޗީޑި." އަހަންނަށް ބުނެވުނެވެ.

"އަހަރެން ބުނިން އެއީ އަނބިމީހާއޭ."

"އޭނާ ބޭނުންވަނީ އޭނާއާ އެކު އެންމެ ރެޔަށް މިޒޫ ދޫކޮށްލައިދޭން. ބަދަލުގައި އަހަންނަށް ބުނި އަދަދަކަށް ލާރިދޭނެކަމަށް. މި ކިހާ ރަނގަޅު ފުރުސަތެއް. ކިހާ ރަނގަޅު ޑީލެއް."

"އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އޯކޭތަ؟" އަހަންނަށް ހިތްހަމަ ނުޖެހެވުނެވެ. "އެއްކަލަ ހުތުބާގަ ދެއްކި ވާހަކަތަކުގައި އޮވޭތަ އަގު ޖެހުނީމަ އަނބިމީހާ ވިއްކާލުމަކީ ފިރިމީހާގެ ޒިންމާއެކޭ."

ހަބީބު އަނގަޔަކުން ނުބުނެ އެވެ. އޭނާ އިސްޖަހައިލައިގެން ހުރީ އެވެ. އަހަންނަށް ބުނެވުނީ ކިހާ ވަރުގަދަ ވާހަކައެއް ކަން ވެސް ވިސްނުނީ ހަބީބުގެ މޫނު މައްޗަށް ވީ ގޮތުންނެވެ.

ދެވަނަ ސިކުންތުގައި އަހަރެންގެ ހިތް ބަދަލުވި އެވެ. މުޅީން ތަފާތު ގޮތަކަށް އަހަންނަށް ވިސްނުނީމަ އެވެ.

"އެއްބަސް. ހިނގާދަމާ. ފިރިމީހާއަށް އަހަރެން ކިޔަމަންވާން ބޭނުން. އަހަރެން ނިމިދާނީ އެ ގޮތުގައި." އަހަރެން ހިނިތުންވެލީމެވެ.

ހަބީބުގެ ދެ ލޯ ބޮޑުވި އެވެ. އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ހުރިހާ އިރު އެއްބަސް ނުވި ކަންތަކާ އަހަރެން އެއްބަސްވީމަ އެވެ.

"ހިތުން ރުހުމުންތަ؟" ހަބީބަށް އަހައިލެވުނެވެ.

"އަހަރެން ބޭނުންވެގެން." އަހަރެން ބުނީ ތެދަށެވެ.

"ޝުކުރިއްޔާ!" ހަބީބު އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.

އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ހަރަކާތްތަކެއް ކުރަމުން ދިޔައީމެވެ. ހަބީބުގެ އިހުސާސްތަކުގައި ސޭލު އަޅުވައިލެވޭނެ ގޮތް އަހަންނަށް އެނގެ އެވެ. ދަހިކުރަމުން ދަހިކުރަމުން ގޮސް އޭނާގެ އިހުސާސްތައް ފިއްތައިލާ ފަތްޖަހައިލާން ވެސް އަހަންނަށް އެނގެ އެވެ. އަހަރެން ބޭނުންވީ އެކަން ކުރާށެވެ. އެގޮތަށް އޭނާ ދަހިކޮށްލައިގެން ހިތްދަތިކޮށްލާށެވެ. އެހެންވެ އަހަރެން ފެށީ އެހިސާބުންނެވެ.

އަހަރެން ބޭނުންވާ ވަރަށް ހުރިހާ ކަމެއް ކޮށް މިޔަ ތޫނުކޮށްލެވުމުން ހިނގައިގަތީމެވެ. ހަބީބު ހުރީ ދާން ބޭނުން ނުވެފަ އެވެ. އޭނާ ދަހިކޮށްލެވުނު ކަން އަހަންނަށް ޔަގީންވި އެވެ. ނަމަވެސް އޭނާއަށް މަޖުބޫރުވީ ދާށެވެ. ގޭގައި އިން މަހުޖަނަށް ލަސްވާނެތީ އެވެ. އެކަން ވިސްނައިދިނީ އަހަރެންނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox