Advertisement

ދިގު ވާހަކަ: މާޒީން ހިތި


ދިގު ވާހަކަ: މާޒީން ހިތި

ދެ ވަނަ ބަޔާ ގުޅޭ

"އޯހް." ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނާއިޝް އިސްޖަހައިލި އެވެ.

"އާދޭ އެތެރެ އަށް. ވަދޭ! ކަބަޑު މަތީ ބަހައްޓާ!" އަހަންނަށް އިޝާރާތް ކޮށްލެވުނީ ނާއިޝް އަށެވެ.

ނާއިޝް މަޑުމަޑުން އެތެރެ އަށް ވަނެވެ. އޭނާގެ އަތުގައި ހުރި ތަބަށް ކަބަޑު މަތީގައި ބެހެއްޓި އެވެ. އެއަށްފަހު އިސްޖަހައިގެން ހުރެ ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ.

"މަޑުކޮށްބަލަ." އަހަރެން ބޭނުންވީ ނާއިޝްއާ ވާހަކަދައްކާށެވެ.

އަހަރެންގެ އޯޑަރަށް ނާއިޝް ހުއްޓުނެވެ.

"ބަތް ތަ؟" އަހަރެން އަހައިލީމެވެ.

"ބިރިޔާނީ. ސެލެޑް ދެން ފޮނި އެއްޗެއް." ނާއިޝް ކިޔައިދިނީ އޭނާ ގެނައި ތަބަކުގައި ހުރި ކާ އެއްޗެއްސެވެ.

"ބީފް ތަ؟" އަހަންނަށް އަހައިލެވުނެވެ.

"ނޫން. ބުނީމެއްނު ބީފަށް އެލަރޖިކް ވެޔޭ. އެހެންވީމަ ޗިކަން ގެނައީ."

"އޯހް. އެހެން ވެސް ބުނެވުނުތަ؟" އަހަންނަށް ލިބުނީ ސިހުމެކެވެ. "ބީފް ވެސް ރަނގަޅު ގޮތެއް ހުރޭ އިނގޭ. ވިސްނިއްޖެ ދޯ މި ބުނާ ގޮތް."

އަހަރެން އުޅުނީ ނާއިޝް ވައި ވައްދާލެވޭތޯ އެވެ. ނަމަވެސް އަހަރެން ދެއްކި ވާހަކަ ނާއިޝްއަކަށް ރަނގަޅަށް ދޭހައެއް ނުވި އެވެ.

"އެހެން ވޭތަ؟" ނާއިޝް އަހައިލި އެވެ.

"އަދި ވިސްނޭނެ."

"އެ ގަޑީ ބުނީމެއްނު އެލާޖިކްވާ ކާނާގެ ލިސްޓެއް. އަހަރެން ނޯޓްކޮށްލިން." ނާއިޝް ލަސްލަހުން ބުނެލި އެވެ.

ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔަ އެވެ. އެންމެ ކޯލަކުން އެހައި ގިނަ ވާހަކަ ދެއްކުނީ ހެއްޔެވެ؟ އެ ކޯލުގައި ހުރެ ދެއްކުނު ވާހަކަތައް ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ؟ އެއްގޮތަކީ ނާއިޝް މާ ކުޅަދާނަ ވުމެވެ. އަނެއް ގޮތަކީ އެ ވަގުތު އަހަންނަށް އެއްވެސް ހިފެއްޓުމެއް ނެތި ހުރިހާ ކަމެއް ބޭރުކޮށްލެވުމެވެ. ނާއިޝް ކުރިހާ ސުވާލަކަށް ޖަވާބު ދެވުމެވެ.

"މަށަށް ވަރަށް ގިނަ ވާހަކަ ކިޔައިދެވިއްޖެ ދޯ."

ނާއިޝް އަނގަޔަކުން ނުބުނެ އެވެ. އޭނާ ހުރީ އެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ފައިން ފެށިގެން ބޮލުގެ އިސްތަށިގަނޑާ ހަމައަށެވެ.

ނާއިޝްގެ މޫނަށް ނަޒަރު ހިންގައިލެވުނެވެ. ތަންކޮޅެއް ފުންކޮށްނެވެ. ކުރިން ބަލައި ނުލެވޭ ވަރަށެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާ ރީތިވާ ކަމަށް އަހަންނަށް ވިސްނުނެވެ. އެހެންވޭ ހެއްޔެވެ؟ ކުއްލިއަކަށް ސިކުނޑިއަށް ތިލަވީ އަހަރެން ކިޔައިލި އިނގިރޭސި ވާހަކައެއްގައިވާ ޖުމުލަ އެކެވެ. އެ ޖުމުލައިގައި ވަނީ އެކުއުޅެން ފެށުމުން ހުތުރުގެ އަކުރުތައް ރީއްޗަށް ފުރޮޅިގެންދާނެ އެވެ.

އެއީ އަހަރެން ކުރިން ގަބޫލުކުރި ކަމެއް ނޫނެވެ. އަދިވެސް އެކަން ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. ނާއިޝްއަކީ ހުތުރު މީހެއް ނޫނެވެ. އޭނާއަކީ ރީތި މީހެކެވެ. ފިރިހެންވަންތަ ގޮތެއް ހުރި ހަރުދަނާ މީހެކެވެ. އޭނާގެ ބެލުމުން ހިތް ކަތިލަ އެވެ. އޭނާގެ ހިނިތުންވުމަކީ ހަންޖަރެކެވެ. އޭނާގެ އެސްފިޔަތަކަކީ ކޮށާވަޅިތަކެކެވެ. ތުންފަތަކީ މަސްތުގެ ގޮވައްޗެކެވެ. މޫނުމަތީގެ ކުލައަކީ ރީތިކަމުގެ ސުވަރުގެއެކެވެ. ތަނަވަސް ފުޅާ ބައިމައްޗަކީ ހިތުގެ ވިންދަކަށް ފުދޭ ކާނާއެކެވެ.

ނާއިޝްގެ ރީތިކަމުގެ އަވާގައި ނުޖެހޭނީ ހިއްސުތައް އައިބު މީހެކެވެ. އިހުސާސްތައް ނުކުޅެދޭ މީހެކެވެ. އަހަންނަކީ ސިއްހަތު ސަލާމަތުން ހުރި ހިއްސުތަކުގެ ބާރު ހުރި މީހެކެވެ. ހުރިހާ ދުވަހު މި އިހުސާސްތަކުގައި އޮބި އަޅައިގެން ހުންނަން ޖެހުނު މީހެކެވެ. ކޮށީގައި ގައިދުވެފައިވާ ކިރު ދޫންޏެއް ފަދައިން އިން މީހެކެވެ. ނަމަވެސް މިއަދު މިވަނީ އެ ޖަލުން މިނިވަން ވެފަ އެވެ. މިނިވަން ވީއެއް ނޫނެވެ. މިނިވަންކަން އަމިއްލަ ކުރީ އެވެ. ކެތްތެރިކަން ކޮޅުންލީ އެވެ. އަނިޔާގެ ޝިކާރައަކަށް ވެގެން ހޭދަކުރި ތިން އަހަރަށް ނިމުން ގެނުވީ އެވެ.

"އޯކޭތަ ދިޔަޔަސް." ނާއިޝް އިސް އުފުލައި ބަލައިލި އެވެ.

"އަހަންނަށް ނާއިޝްގެ އެހީތެރިކަން ބޭނުންވާނެ. އެއްޗެކޭ ހީ ނުކުރާތި. އިރުއިރު ކޮޅާ ގުޅައިލެވިދާނެ." ތުންފަތުގައި ބޮޑު ހިނިތުންވުމެއް ކުރަހައިލަމުން އަހަރެން ބުނެލީމެވެ.

"އަޅުގަނޑުގެ ޒިންމާއަކީ އެއީ އެއްނޫންތޯ."

"އެހާ އަބުއިކޮށް، އެހާ ރަސްމީކޮށް ވާހަކަ ނުދައްކާ. ބަލާ މިއީ ނާއިޝްގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށް."

"ކަސްޓަމަރުންނާ މެދު މުއާމަލާތްކުރަން އަންގައިފައިވަނީ ވަކި ގޮތަކަށް." ނާއިޝް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

އަހަންނަށް ނާއިޝްގެ ގާތަށް ޖެހިލެވުނެވެ. އޭނާގެ ޖުމުލައިން އަހަންނަށް ކުރެވުނީ ބީރައްޓެހިކަމުގެ އިހުސާސެކެވެ. އެ އެ އިހުސާސްތަކުގެ ސަބަބުން އަހަރެންގެ ހިތް ރޮއްވާލި ކަހަލަ އެވެ.

ނާއިޝް ހުރިގޮތަށް ހުރީ އެވެ. އަހަންނަށް ހިފައިލެވުނީ ނާއިޝްގެ ދެ އަތުގަ އެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ނާއިޝް އުޅުނީ ފަހަތަށް ޖެހޭށެވެ. އެކަން ހުއްޓުވީ އަހަރެންނެވެ. ނާއިޝްގެ ހޫނު ނޭވާ އަހަރެންގެ ނޭފަތަށް އެޅާހާ ކައިރިއަށް އަހަރެންގެ މޫނު ކައިރިކޮށްލީމެވެ. އޭނާ ލޯ މަރައިލި އެވެ. އަހަރެންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. ނާއިޝް ހުރީ ގަނޑުވެފަ އެވެ. އޭނާގެ ލޭގައި ހޫނު ކަމެއް ނެތް ކަހަލަ އެވެ. މުޅި މީހާ ހުރީ އެއްކޮށް ފިނިވެފަ އެވެ.

އެންމެފަހުން އޭނާގެ ގައިގައި ބައްދާލީމެވެ. ނާއިޝް އުޅުނީ ދުރަށް ޖެހިލާށެވެ.

"ނޫން. ނޫން." ނާއިޝް އަވަސް އަވަހަށް ބުނެލި އެވެ.

"ކިހިނެއްވީ؟" އަހަރެން ވައި އަޑުން ބުނެލީމެވެ.

"ނޫން."

"އާދޭ! ފުރުސަތުދީ!" ނާއިޝްގެ ކަންފަތް ބުޑުގައި އަހަރެން ވައި އަޑުން ބުނެލީމެވެ.

ކުއްލިއަކަށް ފޯނު ރަނގަބީލުވާން ފެށި އެވެ. އެއީ ނާއިޝްގެ ފޯނެވެ. އެއީ އަހަރެންގެ ނަސީބުކަމެއް ނާއިޝްގެ ނަސީބުކަމެއް ނޭނގެ އެވެ. ނާއިޝް އަހަންނާ ދުރަށް ޖެހިލި އެވެ. އަހަންނާ ދިމާއަށް ބަލައި ވެސް ނުލާ ނާއިޝް ނުކުމެގެން ދިޔައީ އެވެ. އޭނާގެ ފަހަތުން ދޮރާ ހަމައަށް އަހަންނަށް ދެވުނެވެ. ނާއިޝް ގޮސްވަނީ ލިފްޓަށެވެ. އޭނާ އެއް ގޮތަކަށް ވެސް ބަލައި ވެސް ނުލަ އެވެ.

ނާއިޝްއަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އެއީ ސިއްހަތު ސަލާމަތުން ހުރި މީހެއް ބާއެވެ؟ ނޫނީ އޭނާ ނޫން ކަމަށް ހެދެނީ ހެއްޔެވެ؟ އޭނާގެ ނަފުސު ކޮންޓްރޯލް ކުރާން މޮޅީ ހެއްޔެވެ؟ ކުޅަދާނައީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އޭނާއަކީ މޮޅު މީހަކަށް އަހަންނަށް ވެއްޖެ އެވެ. އޭނާގެ އެ ސިފައަކީ އަހަންނަށް އާދަޔާ ހިލާފު ސިފައަކަށް ވެއްޖެ އެވެ.

އަހަރެންގެ ތިރީ ތުންފަތުގެ ރަހަ ބަލައިލެވުނެވެ. ދެފަހަރަކު ތުންފަތުގައި ދޫ ދައްޖާސާލީމެވެ. ކުރެވެމުން ދިޔައީ އާދަޔާ ހިލާފު އިހުސާސެކެވެ. އެއީ މީރު ރަހައެކެވެ. އަރާމު ރަހައެކެވެ. ނޭފަތުގައި ހަރުލާފައި ހުރީ ހިތްގައިމު ވަހެކެވެ. އެ ވަހުގެ އަސަރު އަދިވެސް ސިކުނޑީގައި އެބަހުއްޓެވެ.

ނާއިޝް ދިޔުމުން ކޮޓަރީގެ ދޮރު ލައްޕާލެވުނެވެ. އެނދާ ދިމާއަށް ދެވުނެވެ. އެނދު މައްޗަށް ވެއްޓިގަނެވުނެވެ. ހިތުގައި ކުރެހެމުންދާ މަންޒަރުތަކުގެ ސަބަބުން ހެވުނެވެ. ބާރުބާރަށް ހޭން ފެށުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ކޮންމެ ވެސް ވަރަކަށް ވަރުބަލިކަމުގެ އިހުސާސް ކުރެވެން ފެށި އެވެ.

ވަރުބަލި ނުވާ ކަމަށް ހެދިގެން ލައްކަ ހިތްވަރު ކުރެވިއްޖެތާއޭ ހިތް ބުނެލި އެވެ. ގުނބު ހިލިގެން އެތައް އިރަކު، އެތައް ދުވަހަކު އުޅެވިއްޖެއް ނޫންހޭ ސިކުނޑި ބުނެލި އެވެ. އާނ އެކެވެ. މިއަދު މިވަނީ މިނިވަން ވެފަ އެވެ. ހިތާއި ސިކުނޑި އެކަންޏެއް ނޫނެވެ. އަމިއްލަ ނަފުސާއި ފުރާނައަށް ވެސް އެކަން އިހުސާސް އެބަކުރެވެ އެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކުއްލިއަކަށް ދެ ލޯ މެރޭ ގޮތްވި އެވެ. އެހައި ހިސާބުން ދެން ދެވުނީ ނިދީގެ ވާދީއަކަށެވެ. އެތަނުގައި ރަސްކަން ކުރާން ފެށުމާއެކު ފެންނާން ފެށީ މުޅީން ތަފާތު ދުނިޔެ އެކެވެ.

ދުވެދުވެ ވަރުބަލި ވެއްޖެ އެވެ. މީހާ އެކުގައި ގުނބު ހިލިއްޖެ އެވެ. މަތިހަށި ނަގައި ޖެހޭ ވަރު އިތުރުވެއްޖެ އެވެ. އަހަންނަށް ދެން ކެތެއް ނުވާނެ އެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅޭނެ އެވެ. އެހައި ހިތްވަރެއް ނެތެވެ. އެ ބުންވަރެއް ވެސް ނެތެވެ.

"މިޒުނާ."

ފަހަތުން އިވުނީ އަހަރެންގެ އަޑެވެ. އެއީ ބަރުބަރު އަޑެކެވެ. ފިރިހެން އަޑެކެވެ. އެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ހިތްހަމަ ނުޖެހުމެވެ. އަހަންނަށް ބަލައިލެވުނީ ފަހަތަށެވެ. ދުރުގައި ހުރީ ވާރެ ކޯޓެއް ލައިގެން ހުރި މީހެކެވެ. އޭނާގެ ބޯ ވަނީ ނިވާ ކޮށްފަ އެވެ. އެއީ ޖާނު ވަރުގަދަ މީހެކެވެ. އިސްކޮޅުން ދިގު މީހެކެވެ. ދެ އަތް ފުޅާކޮށްލައިފައި ހުރި އިރު ކަނާއަތުގެ ވަޅިއެއް އޮތެވެ. ވަޅީގެ މިޔައިގެ ތޫނުކަން އަހަންނަށް ސާފު ވިއެވެ.

އަހަންނަށް ހިންދިރުވާ ލެވުނެވެ. ސަލާމަތްވާން އޮތީ ދުވެގެންނޭ ހިތްބުނެލި އެވެ. ހިތްވަރު ނުކޮށްފިނަމަ ފަހު ނޭވާ ދޫކޮށްލަން ޖެހިދާނެ ކަމަށް ލަފާކުރެވުނެވެ. އަނެއްކާ ވެސް ދުވަން ފެށީމެވެ. އަހަރެން ހީކުރި ގޮތާ މުޅީން ތަފާތެވެ. އަހަންނަށް ދުވެވެ އެވެ. ބާރަށް ދުވެވެ އެވެ. ޖަންގަލި ތެރޭގައި ދުވެވެ އެވެ. ހުސްފައިގައި އެބަ ދުވެވެ އެވެ. ހިކިފަތްތަކާއި ހޯލިތަކާއި ކުދިކުދި ގާ ކޮޅުތައް ހުއްޓަސް ތަދުގެ އިހުސާސެއް ނުކުރެވެ އެވެ. އަހަރެން ފަހަތެއް ނުބަލަމެވެ. ބަލަނީ ކުރިއަށެވެ. އެހެން ނޫނީ އަހަރެން ބަނޑުވަތަށް ވެއްޓި ޒަހަމު ވެދާނެ އެވެ.

ކުއްލިއަކަށް ހުއްޓެން މަޖުބޫރުވީ އެވެ. އެއްކަލަ މީހާ އަހަރެން ހުއްޓުވީ އެވެ. އޭނާ ހިފީ އަހަރެންގެ އިސްތަށިގަނޑުގަ އެވެ. އިސްތަށިގަނޑުގައި ހިފީއެއް ނޫނެވެ. އިސްތަށިގަނޑު އަތަށް އޮޅައިލީ އެވެ. އަހަންނަށް ބާރު ބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

"ދޫކޮށްލާ. ތަދުވެޔޭ." ތަކުރާރުކޮށް އެކައްޗެއް ކިޔުނެވެ.

"ކަލޭއަށް އެކަނިތަ ތަދު އިހުސާސްވަނީ؟" އޭނާގެ ބަރު އަޑު އިވުނެވެ.

"ދޫކޮށްލާ! އާދޭސްކޮށްފަ ބުނަން. ކަލޭ ބުނިކަމެއް އަހަރެން ކޮށްދޭނަން. ކުރާނަން."

އަހަރެން ބޭނުންވީ އޭނާގެ އަތުން މިންޖުވާށެވެ. ސަލާމަތްވާށެވެ.

"ތިހެން ބުނި ކުރިން ވެސް. އިތުބާރެއް ނެތް. ގެއްލިއްޖެ." އޭނާ އަތުގައި އޮތް ވަޅި ޖައްސާލީ އަހަރެންގެ ކަނދުރާގަ އެވެ.

"ނޫން. ނޫން. އަހަރެން މަރައި ނުލާތި! އަހަރެން އަދި ދުނިޔޭގައި އުޅެން ބޭނުން. އަހަރެން ހާސިލުކުރާން ބޭނުން ކަންކަން އެބަހުރި. އަހަރެން އަދި ދުނިޔޭގައި އުޅެން ބޭނުން. އާދޭސްކޮށްފަ. ބުނަން ތިހެން ނުހަދާ." އަހަންނަށް އާދޭސްކުރެވެން ފެށުނެވެ.

(ނުނިމޭ)