އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ހަރަދުކުރަން ޖަޕާނުން ރާއްޖެއަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ އެހީއެއް މިއަދު ދީފި އެވެ.
ޖަޕާނުން ރާއްޖެއަށް ދިން އެހީގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ އެކަމަށް ޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ތަކެއުޗީ މިދޮރީ އެވެ.
ޖަޕާނުން ދިން އެ އެހީން ހަރަދުކުރާނީ މެރިން ޕޮލިސް އާއި ޓްރެފިކް ޕޮލިހުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށެވެ. އެގޮތުން، އެންމެ ޒަމާނީ ފެންވަރުގެ ޓްރެފިކް ޕޮލިސް މެނޭޖްމެންޓާއި ރޯޑް ސައިޑް ރެގިއުލޭޝަނާ ގުޅޭ އިކުއިޕްމެންޓް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖަޕާނުން ދިން އެހީއަށް ޓަކައި އެގައުމަށް ޝުކުރު އަދާކުރައްވަމުން ސްޓޭޓް މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭން ތަރައްގީއަށް ކުރާ ދަތުރުގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޖަޕާނުން އަދާކުރާ ދައުރު އެފަދަ އެހީތަކުން ދައްކައިދޭ ކަަމަށެވެ.

ޖަޕާނުން އެ އެހީ ދިން ކަމަށް ޓަކައި ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވެސް މިއަދު ޝުކުރު އަދާކުރެއްވި އެވެ.











