ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ހާޒިރު ނުކުރެވުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ކުރިމިނަލް ކޯޓުން ބުނި ގޮތުގައި, ޖަލުގައި ތިބި ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރުކޮށް ނުދެވުމުންނެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ޝަރީއަތަށް ބަންދުގައި ތިބި މީހުން ހާޒިރު ނުކުރެވުނީ މޫސުން ގޯސްވެ، މެޓް އޮފީހުން ވައިޓް އެލާޓް ނެރުމުގެ އިތުރުން މި މައްސަލައިގެ ބަންދު މީހުން ވަކި ވަކިން ގެންގުޅެންޖެހޭތީ ކަމަށެވެ.
"ކަނޑުމަގުން ގައިދީންނާއި ބަންދު މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ރިސްކު ބޮޑު ކަމަކަށްވާއިރު، އަދި އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސާވިސްގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، މޫސުން ގޯސްވުމުގެ ސަބަބުން ހިނގާފާނެ ހާދިސާއަކަށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މި ސާވިސްއިން ދެކެމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ކަރެކްޝަންސްއިން އިތުރަށް ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިފަދަ ހާލަތްތައް މީގެ ކުރިން މެދުވެރިވެފައިވާ ކަމަށާއި، ބޮމުގެ ހަމަލާގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ދެކޭ މައްސަލައެއް ކަމަށެވެ.

މިއަދު ކެންސަލްވި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ގޮއްވާލި ބޮމާ ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެ އެވެ. އޭގެ ތެރެއިން ސީދާ ބޮމުގެ ހަމަލާއާ ގުޅޭ ދައުވާތައް ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އެހެން ދައުވާތައް ކުރެވޭ މީހުން ހިމެނެ އެވެ.
މިއަދުގެ އަޑުއެހުން ތާވަލުކުރީ ހަމަލާއާ ގުޅޭ ދައުވާތައް އުފުލި ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އާއި އަލީ ހައިޝަމް އާއި ފަހުމީ އަލީ އާއި މުހައްމަދު ނާޒިމް އަދި އިސްހާގުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.
ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން އަމިއްލަ އިއުތިރާފާ އެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހުމަދު އަދުހަމަށް އެކަންޏެވެ. ނަޝީދުގެ ވަކީލުންގެ ފަރާތުން އެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިފަ އެވެ. އެހެންވެ, ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ނަޝީދުގެ ވަކީލުންނަށް އެ ހުއްދަ ދެއްވާފަ އެވެ.
ނަޝީދަށް ދިން ހަމަލާގެ ޝަރީއަތް ލަސްކަމުގެ ޝަކުވާ އެމަނިކުފާނާއި އާއިލާއިން އަދި ރައްޔިތުންގެ މަޖިލީހުން ވަނީ ފާޅުކުރައްވާފަ އެވެ. ނަމަވެސް, ސަރުކާރުން ބުނެފައިވަނީ އެ ޝަރީއަތް ހިންގައި ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް އަދަބު ދިނުމުގައި ސަރުކާރުގެ އަޒުމު ނުގުޑާނެ ކަމަށެވެ.












