އޭޑީކޭ އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
މިފަދަ ކޮންފަރެންސެއް އޭޑީކޭން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. އެފަހަރުގެ ކޮންފަރެންސް ހާއްސަކުރީ ހަމައެކަނި މައިބަދައިގެ ބަލިތަކަށެވެ. އަދި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ސާޖަރީއެއް ފުރިހަމަކުރީ ވެސް އެ ކޮންފަރެންސްގެ ތެރެއިންނެވެ.
އޭގެ ފަހުން 2018 އަދި 2019 ގައި ކޮންފަރެންސްގެ ދާއިރާތައް ފުޅާކޮށް ހުރިހާ ބާވަތެއްގެ ނާރުގެ ބަލިތަކަށް ހާއްސަކުރި އެވެ.
އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން އިސްވެ ބާއްވާ މި ކޮންފަރެންސް، ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު ބާއްވާފައި ނުވެ އެވެ. ނަމަވެސް، މިއަހަރުގެ ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ތަޖުރިބާކާރުންނާ އެކު ކޮންފަރެންސް އޮންނާނެ ކަމަށް އޭޑީކޭން މައުލޫމާތު ދެ އެވެ.
އެގޮތުން، ނޭޕާލް، ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިއާ، ޗައިނާ އަދި އިޓަލީ އާއި އެމެރިކާގެ ތަޖުރިބާކާރުން އޭގެ ތެރޭގައި ހިމެނެ އެވެ.

މި ކޮންފަރެންސްގެ ތެރެއިން ހާއްސަ ވޯކްޝޮޕްތަކާއި، ލައިވް ސާޖަރީ އަދި ސައިންޓިފިކް ސެޝަންތައް ކުރިއަށްދާނެ ކަމަށް އޭޑީކޭން މައުލޫމާތު ދެ އެވެ.
ދުނިޔޭގެ ފާހަގަކޮށްލެވޭ ޑޮކްޓަރުން ކީނޯޓް ސްޕީކަރުންގެ ގޮތުގައި ކޮންފަރެންސްގައި ބައިވެރިވާއިރު މިހާރު ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.













