ކްރިމިނަލް ކޯޓުގެ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ނިންމައި ބެކްލޮގް ހުސްކުރުމުގެ ގޮތުން އެ ކޯޓުގައި މައްސަލަ ތާވަލުކުރަމުންދާ ވަގުތު އިތުރުކުރަން ނިންމައިފި އެވެ.
އެ ކޯޓުގައި މިހާރު މަސައްކުރާ ވަގުތުގައި ކުރާނަމަ ބެކްލޮގް ހުސްކުރަން 16 އަހަރު ހޭދަވާނެ ކަމަށް ޖޭއެސްސީން މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި މީގެކުރިން ބުނެފައިވެ އެވެ. މިއަދު، ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުގެ މަަސައްކަތަށް އައި ބަދަލުތައް ހާމަކޮށްފަ އެވެ.
"މިހާރު ކޯޓުގައި މައްސަލަތައް ތާވަލުކުރަމުންދާ ވަގުތުގެ އިތުރުން މެންދުރުފަހު 14:00 އިން 17:00 އަށް މައްސަލަތައް ތާވަލު ކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރަން،" އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
އަދި، އެގޮތަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 1، އިން ފެށިގެން ތިން މަސް ދުވަހަށް ކަމަށް ވެސް ކްރިމިނަލް ކޯޓުން ހާމަކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަނީ 2000 ވުރެ ގިނަ މައްސަލަތައް ހިމެނޭ ބެކްލޮގަކާ އެކު އެވެ.

އެވަރަށް މައްސަލަތައް ނުނިމި އޮތް އިރު އަހަރަކު އިތުރު 900 މައްސަލަ ހުށަހެޅެ އެވެ. އެހެންވީމާ އެކޯޓުން މަސައްކަތް ކުރަން ޖެހެނީ އަހަރަކު އިތުރަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ މައްސަލަތަކާ ވެސް އެކު އެވެ.
މިއީ އެ މައްސަލަތައް ނިންމަން ޖޭއެސްސީން ހުށަހެޅި ހުށަހެޅުމެކެވެ. ނަމަވެސް، ޖޭއެސްސީން ހުށަހެޅީ އެއް އަހަރު ދުވަސް ވަންދެން ރަސްމީ ގަޑީގެ އިތުރުން މަސައްކަތް ކުރުމަށެވެ.













