ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތު ކުއްޖެއްގެ ގަޔަށް މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލަ ފެންމަތިކޮށްފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އުޝާމް ވިދާޅުވީ އެ ކަމުގެ ކަންބޮޑުވުން ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.
"އެފަދަ ޝަކުވާއެއް ލިބުމާ ގުޅިގެން އެ މައްސަލަ ބަލަމުން މިހާރު ދަނީ،" ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު އާންމުކުރާނީ މައްސަލަ ބެލުމަށްފަހުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކަމަށް ބުނެ މެންބަރު އުޝާމް އާންމުކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި އެ ވެކްސިންގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމުގައި ފާހަގަކޮށް އުޝާމް ވަނީ އެ މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.













