ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް އިރުއޮއްސި 6:00 އިން ހެނދުނު 8:00 އަށް ނުކުރެވޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވާހީގައި ކުރީގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު އަދިވެސް ގިނަ ބަޔަކު އަންނަނީ އެތަނަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ. ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ނުކޮށް ހަވާލުކުރި އިރު އަދިވެސް ގިނަ އަދަދެއްގެ ބަޔަކަށް އެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެ އެވެ.
އެހެންވެ، މަސައްކަތްކުރާ ވަގުތު އަޑުގަދަވެ އުނދަގޫވާ ކަމުގެ ޝަކުވާތައް އާންމުން ކުރެ އެވެ.
މީގެކުރިން އެޗްޑީސިން ކަނޑައަޅާފައި އޮތީ ރޭގަނޑު 10 ގެ ފަހުން އަޑުގަދަވާ ޒާތުގެ މަސައްކަތް ނުކުރެވޭ ގޮތަށެވެ. އެކަމަކު މިއަދު ގެނައި ބަދަލާއެކު އިރުއޮއްސުމުން އެފަދަ މަސައްކަތްތައް ހުއްޓާލަން ޖެހޭނެ އެވެ. އަދި، އަލުން ފެށޭނީ ހެނދުނު 8 ގެ ފަހުންނެވެ.
"ފްލެޓުގައި މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓްތަކަށް ދަތި ނުވާނެހެން ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފްލެޓުތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އިލްތިމާސް ކުރަން،" އެޗްޑީސިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.













