ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރާ ސުވާލުތަކަށް ދޭ ޖަވާބަކާ ގުޅިގެން، އިތުރު ސުވާލު ކުރަން ލިބޭ ވަގުތު 30 މިނެއްޓާ ހަމައަށް އިތުރުކުރަން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ނޯޓިސްް ފޮނުވައިގެން ކުރާ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން ނުވަތަ އޭނާއާ ކުރެވުނު ސުވާލަކާ ގުޅިގެން ނޯޓިސް ދިނުމެއްނެތި އަނގަބަހުން އިތުރު ސުވާލުކުރުމުގެ ފުރުސަތު ސުވާލުކުރި މެމްބަރަށާއި އެހެން މެމްބަރުންނަށް ލިބިގެންވެ އެވެ.
މިގޮތުން ދެވޭ ފުރުސަތުގައި ސުވާލެއް ކުރަން ކޮންމެ މެމްބަރަކަށް 45 ސިކުންތު ލިބޭއިރު، ވަޒީރަކާ އިތުރު ސުވާލު ކުރުމާއި، ޖަވާބުދިނުމުގެ ވަގުތު ކުރިއަށް ގެންދާނީ، ގިނަވެގެން 20 މިނެއްޓު ވަންދެން ކަމަށް އެ ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
ނަމަވެސް، ވަޒީރުންނާ އިތުރު ސުވާލު ކުރަން ވަގުތު ދިނުމާ ގުޅޭގޮތުން ބައެއް މެމްބަރުންގެ ކަންބޮޑުވުންތަކާއެކު، އެކަން ބެލުމަށް މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
އެކަމާ ގުޅިގެން، އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ވަނީ ނުރަސްމީކޮށް މަޝްވަރާކޮށްފަ އެވެ.

އެ މަޝްވަރާތަކުގެ އަލީގައި އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ، ގަވައިދުގައި މިހާރު ބަޔާންކުރާ 20 މިނެއްޓަށް އިތުރު 10 މިނެއްޓު އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް، އެ 10 މިނެއްޓުގެ ވަގުތު އިތުރުކުރެވޭނީ، ވަޒީރަކު އެކަމަށް އިއުތިރާޒު ނުކުރާނަމަ ކަމަށް މުހައްމަދު ރަޝީދުގެ ހުށަހެޅުމުގައިވެ އެވެ.
އެއާއެކު، މުހައްމަދު ރަޝީދުގެ އެ ހުށަހެޅުމުގައިވާ ގޮތަށް، ވަޒީރުންނާ އިތުރު ސުވާލު ކުރުމުގެ ވަގުތު ޖުމްލަ 30 މިނެއްޓާ ހަމައަށް ކުރިއަށް ގެންދެވޭ ގޮތަށް، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.











