ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތަށް، ކުނީގެ އެކި ބާވަތްތައް ވަކިން ބަންދުކުރުން އަންނަ މަހުން ފެށިގެން ތަންފީޒުކުރާނެ ކަމަށް ދައުލަތުގެ ކުންފުނި ވެމްކޯއިން މިއަދު ބުނެފި އެވެ.
ކުނީގެ އެކި ބާވަތްތައް ވަކިކުރަން ލާޒިމުކޮށް، ކުނި މެނޭޖްކުރުމުގެ ގަވައިދު އިސްލާހުކޮށް ގެެޒެޓްކުރީ މިދިޔަ އޮގަސްޓްމަހު އެވެ.
ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ގޭބިސީތަކުން އުކައިލަން ނެރޭ ކުނި ހުންނަން ޖެހޭނީ ބައިތައް ވަކިކޮށްފައި ކަމަށެވެ. އެނޫން ގޮތަކަށް ނެރޭ ކުނި އުކައިލަން ހަވާލުނުވުމުގެ އިޚުތިޔާރު، ކުނިމެނޭޖްކުރުމުގެ ގަވައިދުން އެކޯޕަރޭޝަނަށް އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ވަކިކުރަން ޖެހޭ ގޮތް
- ކުނިވާ ބާވަތްތަކާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- އެހެނިހެން ބާވަތްތައް
"... ކުނި ވަކިކުުރުމަކީ ދުނިޔޭގެ ތަހުޒީބު ގިނަ މުޖުތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާ އެކީ ތަޖުރިބާކޮށްފައިވާ ކަމެކެވެ،" ވެމްކޯގެ ބަޔާނުގައި ބުންޏެވެ.
އެކޯޕަރޭޝަނުން ބުނި ގޮތުގައި އެގޮތަށް ވަކިކުރުމުން މެނޭޖްކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވެ، އެކޯޕަރޭޝަނަށް ލުއިފަސޭހަތަކެއް ވެސް ލިބޭނެ އެވެ. އަދި އެއީ ކުނި ރިސައިކަލްކޮށް އިތުރު ނަފައެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށް ވެސް ބުންޏެވެ. ވެމްކޯއިން އެދެނީ ކަސްޓަމަރުންގެ އެއްބާރުލުމަށެވެ.














