ސްރީ ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ރައްޔިތެއް ކަމަށްވާ އިބްރާހިމް އަލީ، 62، އެގައުމުގެ ވެރިރަށް ކޮލަމްބޯގެ ހޮސްޕިޓަލަކުން ފެނިއްޖެ އެވެ.
އޭނާ ގެއްލުނީ މިދިޔަ އީދު ދުވަހު ކަމަށްވާއިރު މެއި 7، އިން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ލަންކާގެ ފުލުހުން ދިޔައީ ކުރަމުންނެވެ.
މިއަދު ފޮރިން މިނިސްޓްރީން ވަނީ އެ މީހާ ފެނިފައިވާ ކަމަށާއި އަދި އޭނާގެ އާއިލާއަށް އެކަން އަންގާފައިވާ ކަމަށް ހާމަކޮށްފަ އެވެ. އަދި، އޭނާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭނާ ގެއްލުނުއިރު ދިޔައީ ލަންކާގެ ހޮސްޕިޓަލަކުން ބައްޔަކަށް ފަރުވާ ކުރަމުންނެވެ. އޭނާ، ފެނިފައި ވަނީ ވެސް ކޮލަމްބޯގެ ހޮސްޕިޓަލެއްގައި ހުއްޓާ ކަމަށާއި އަދި، މިވަގުތު އޭނާއާ އެކު ލަންކާ ހައި ކޮމިޝަނުގެ މުވައްޒަފުން ތިބި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭނާ ފެނުނީ ކޮން ހޮސްޕިޓަލަކުން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ފެނުނީ ހައި ކޮމިޝަނުގެ މުވައްޒަފުން ލަންކާގެ ހޮސްޕިޓަލްތަކާ އެކު ކުރި މަސައްކަތްތަކުންނެވެ.

މި ދަނޑިވަޅަކީ ލަންކާގެ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެކެވެ. އެ ގައުމުގައި ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ އެ ގައުމުގައި ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. އެކަމާއި ގުޅިގެން ލަންކާގައި އުޅޭ ދިވެހިން ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.













