ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުކޮށްފައިވަނީ ރަނގަޅަށް ކަމާއި އެ ކުށް ކުރުމުގެ ގަސްދު އޭނާގެ އޮތް ކަމަށް ދައުލަތް ތަމްސީލް ކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމްގެ އެންމެ މަތީ މަރުހަލާގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު, ނަޒާހާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާއަކަށް ދައުލަތުން ވަނީ ރައްދު ދީފަ އެވެ. ދައުލަތުން ރައްދުގައި ފާހަގަ ކުރި ގޮތުގައި, ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) މަރާލުމުގެ ނިޔަތް ނެތްކަން ސާބިތު ކުރެވޭނެ ހެއްކެއް އޭނާއަށް ދެއްކިފައެއް ނުވެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް ވިދާޅުވި ގޮތުގައި, ހަމަލާއަށްފަހު ތަހުގީގަށް ނަޒާހާ ދެއްކި ވާހަކަތަކުގެ ތެރޭގައި ކުރީގެ ފިރިމީހާ މަރާލުމަކީ އޭނާ ގަސްދުގައި ކުރި ކަމެއް ކަމާއި އެހެންވެ އެކަން ސާބިތުވާން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އަދި, "ތަޅާފޮޅަންޏާ ވަޅި ޖަހާނެ" ކަމަށް ޝާޑުއާ ދިމާއަށް ނަޒާހާ ބުނެފައިވާނެ ކަމަށް ތަހުގީގުގައި ބަޔާންކޮށްފައިވާ ކަމާއި މަރާލާނީ ވަޅިއެއް ފަދަ އެއްޗަކުން ކަމަށް ބުނެ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. އޭގެއިތުރުން, ޝާޑުއަށް ނަޒާހާ ފޮނުވި މެސެޖެއްގައި "މިއީ މަރުވާން ވެސް އުޅޭ އެއްޗެއް ނޫން ހުވާ," މިހެން ބުނެފައިވާކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.
ތޫނު ވަޅިއަކުން ޝާޑުއަށް ނަޒާހާ ހަމަލާދީފައިވަނީ ފުރަގަހުން ބުރަކައްޓަށެވެ.
"...އެހެންވީމަ މަރާލުމުގެ ވިސްނުން ދުރާލާ ވިސްނައި, އެކަމުގެ ގަސްދު ނަޒާހާގެ އޮތްކަން އެބަ އެނގޭ, އެކަން ކަން ހިނގާފައިވާ ގޮތުންނާއި އަމިއްލަ އިއުތިރާފުން ވެސް ސާބިތުވޭ," ވަކީލް ވިދާޅުވި އެވެ.

އެހެން ގޮތަކަށް ސާބިތު ނުވާ ހިނދު, ވަކީލް ވިދާޅުވި ގޮތުގައި ބަލަން ޖެހޭނީ ކުރީގެ ފިރިމީހާ މަރާލުމުގެ ގަސްދު, ނަޒާހާގެ އޮތް ކަމަށެވެ. އެކަން ނަފީކުރުމުގެ ޒިންމާ އޮންނާނީ ނަޒާހާއަށް ކަމާއި ނަމަވެސް, އެކަން ނަފީ ކުރެވޭނެ އެއްވެސް ހެއްކެއް ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާގައި އޭނާގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަޒާހާގެ ދިފާއު
ނަމަވެސް, ނަޒާހާގެ ފަރާތުން މި މައްސަލާގައި ނަގަމުން އަންނަ ދިފާއުއަކީ އަމިއްލަ ނަފުސަފު ރައްކާތެރިކުރުމުގެ ދިފާއު އެވެ. އެގޮތުން ނަޒާހާ ބުނާ ގޮތުގައި, ކުރީގެ ފިރިމީހާގެ ފަރާތުން އޭނާއަށް ތަކުރާރުކޮށް ބޮޑެތި ގެވެށި އަނިޔާތައް ދިޔައީ ލިބެމުންނެވެ. އެހެންވެ, އެ ދުވަހުގެ އެ ހަމަލާއަކީ ވެސް ޝާޑުގެ ފަރާތުން އޭނާއަށް ލިބިދާނެ އަނިޔާއަކުން ސަލާމަތްވުމުގެ ގޮތުން އަމިއްލަ ނަފުސުގެ ދިފާއުގައި ދެވުނު ހަމަލާއެއް ކަމަށް އޭނާ ބުނެ އެވެ. އެ ހަމަލާގެ ކުރިން ނަޒާހާއަށް ޖިންސީ ގޮތުން ގޯނާ ކުރާނެ ކަމުގެ އިންޒާރު ވެސް ޝާޑު ދީފައިވާކަން ނަޒާހާ ފާހަގަކުރެ އެވެ.
ނިމުމެއް ނެތް ގެވެށި އަނިޔާގެ ސަބަބުން ނަޒާހާއަށް ނަފްސާނީ ގޮތުން ވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނެ ދިފާއުއެއްގެ ގޮތުން "ބެޓާޑް ވިމެން ސިންޑްރޮމް" ވެސް ނަޒާހާގެ ފަރާތުން ނަގާފައިވެ އެވެ. މިއީ, އެތައް ޒަމާންވީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން އަންހެނުނަށް ކުރިމަތިވާ ހާލަތެކެވެ. މި ހާލަތް މެދުވެރިގެން ކުރެވޭ އަމަލެއްގެ ސަބަބުން ކުރެވޭ ކުށްތަކުގައި އެ ދިފާއު ބައެއް ގައުމުތަކުގައި ލިބިދެ އެވެ.
ނަމަވެސް, ދައުލަތުގެ ވަކީލް މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވި ގޮތުގައި "ބެޓާޑް ވިމެން ސިންޑްރޮމް"އަކީ ފުރިހަމަ, މިނިވަން ދިފާއުއެއް ނޫނެވެ. އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ނިންމާފައި ނިންމުންތަކުގައި ވެސް "ބެޓާޑް ވިމެން ސިންޑްރޮމް" އެ ހާލަތަކީ އޭގެ ޒާތުގައި ދިފާއުއަކަށް ވާނެ އެއްޗެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް, ބައެއް މައްސަލަތަކުގެ ނިންމުންތަކާ ހަވާލާދީ ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ނަފްސާނީ ހާލަތެއް މެދުވެރިފައިވުމަކީ އޮޓަމެޓިކުން އެކަމުގެ ދިފާއު ލިބޭނެ ކަމެއް ނޫން ކަމަށާއި އެ ނަފްސާނީ ހާލަތު ކޯޓަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް, ނަޒާހާގެ ނަފްސާނީ ހާލަތު ބަޔާންކޮށްދޭ އެއްވެސް އެއްޗެއް އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިނެތްކަން ވަކީލް ފާހަގަކުރެއްވި އެވެ. އެހެންކަމުން, އެއީ ނަޒާހާއަށް ނެގޭނެ ދިފާއުއެއް ކަމަކަށް ދައުލަތުން ގަބޫލެއް ނުކުރެ އެވެ.
ނަޒާހާގެ އިސްތިއުނާފީ ދެ ނުކުތާއަށް ދައުލަތުން ރައްދު ދިނުމާ އެކު, މިއަދުގެ އަޑުއެހުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ނިންމާލެއްވި އެވެ. އަދި ވިދާޅުވީ ދެން އެހެން އަޑުއެހުމެއް ވަރަށް އަވަހަށް ތާވަލު ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވައި, މި މައްސަލާގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު, ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
މައްސަލައިގެ ހުލާސާ
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެއް އިއްވީ އެވެ.
ކުރިމިނަލް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނަޒާހާގެ މައްޗަށް ހުކުމް އައީ 2015 ވަނަ އަހަރު އެވެ. އޭރު އޮންނަ ގޮތުންނަމަ, ހައިކޯޓުގެ ހުކުމެއް އިސްތިއުނާފު ކުރަން ބޭނުންވާނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުގެ ތެރޭ އެވެ. އެހެންވެ, އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި އެވެ. އެކަމަކު, ރަޖިސްޓްރާގެ އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ރިވިއުކޮށް، ތާރީހީ ނިންމުމެއްގެ ދަށުން އަދުލު އިންސާފު ފޯރުކޮށްދިނުމަށްޓަކައި ނަޒާހާގެ މައްސަލައަށް ހުއްދަ ދޭން ނިންމި އެވެ.












