ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުމާލޭގައި ގާއިމުކުރާ "އެސްއެމްއީ ޕާކް" އަޅައިދޭނެ ބަޔަކު ހޯދަން ހުޅުވާލުމުން އެކަމަށް ތަރުހީބު ކުޑަކަމުން އެ މަޝްރޫއުއަށް އަލުން ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 5،000 އަކަފޫޓުގެ "އެސްއެމްއީ" ޕާކުގައި މޭކާ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓުތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅު ފެންވަރެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ބީސީސީން ބުނެފައިވެ އެވެ.
މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތިން، 'ވެލިއު އެޑެޑް' އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީސީސީން ބުންޏެވެ.
އެ ޕާކު އަޅައިދޭނެ ފަރާތެއް ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ނަމަވެސް ފުރަތަމަ ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް (ބީސީސީ)އިން އިއްޔެ ވަނީ އަލުން އިއުލާނު ކޮށްފަ އެވެ.

މިގޮތުން، މިމަހުގެ 16 ވަނަ ދުވަހު މައުލޫމާތު ސާފުކޮށް، އަންނަ މަހުގެ 12 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.
މާލޭގައި ވެސް އެސްއެމްއީ ސެންޓަރެއް
ހުޅުމާލޭގެ އިތުރުން، މާލޭގައި ވެސް "އެސްއެމްއީ މަލްޓި ޕާޕަސް ފެސިލިޓީ"އެއް ގާއިމުކުރުމަށް (ބީސީސީ)އިން މިދިޔަ މަހު ހުޅުވައިލި އެވެ.
މާލޭގައި ގާއިމުކުރާ 2،000 އަކަފޫޓުގެ ފެސިލިޓީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު އިމާރާތް ކުރަން ނިންމައިފައިވާ ތަނެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
މި ފެސިލިޓީގައި ފެހުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ގެވެށި ވިޔަފާރިވެރިންގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ގާމަންޓް/ފެޝަން މޭކާ ސްޕޭސް ތަކަކާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަންނުވެރިންގެ އުފެއްދުންތައް ކުރިއެރުވުމުގެ ގޮތުން ޒަމާނީ ސްޓޫޑިއޯއެއް ހުންނާނެ ކަމަށް ބީސީސީގެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ފްރީލާންސްކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ގާއިމު ކުރާ އޮފީސް ޖާގަތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އޮފީސް ޖާގަތަކުގެ އިތުރުން އޮފީހުގެ އިދާރީ ކަންކަން ކުރުމަށް ބޭނުންވާ ޕްރިންޓިން، އިންޓަނެޓް ފަދަ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ބީސީސީން ބުންޏެވެ.
ބިންގާ އެޅި އެސްއެމްއީ ޕާކު ކޮބާ؟
ހުޅުމާލޭގައި އެސްއެމްއީ ޕާކެއް އަޅަން ބީސީސީން އިއުލާނުކުރިއިރު، އެނަމުގައި އެފަދަ ޕާކެއް ގާއިމުކުރުމަށް 2017 ވަނަ އަހަރު ކުރީގެ ސަރުކާރުން ބިންގާ ވެސް އެޅި އެވެ.
ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑައެޅައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެ މަޝްރޫއު ހިންގަން އިއުލާނުކޮށް، ބިންގާ އަޅާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ގާތްގަނޑަކަށް 120 އަށް ވުރެ ގިނަ ކުދި ވިޔަފާރިތަކަށް ޖާގަ ލިބޭ އެ މަޝްރޫއު 2018 ވަނަ އަހަރުގެ ޖޫން މަހަށް ނިމޭނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.












