ހުޅުމާލޭގެ އިރުމަތި ފަރާތު ފަރު ބޭރުގައި ސާވޭތަކެއް ކުރަނިކޮށް, ފަރަށް ގެއްލުންވެފައިވާތީ, ޖޫރިމަނާކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ)އިން ބުނެފި އެވެ.
އެ އޮތޯރިޓީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ "އޯޝަން ސާވެއާ" ނަމަކަށް ކިޔާ އުޅަނދަކުން ބޭނުންކުރި ސިސްޓަމެއްގައި ހުރި ޕޯލަކާއި އެ އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު ހުޅުމާލޭ ފަރުގައި ޖެހިފައިވާ ކަމަށެވެ.
އެހެންވެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 13 ވަނަ ދުވަހުގައި އެ ސަރަހައްދަށް ކަނޑުފީނައިގެން ކުރި ސާވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަވެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނި ގޮތުގައި, ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައުވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 198,112.73 ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާކޮށްފަވ އެވެ.
އަދި، އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

އެ އުޅަނދުން ސާވޭ ކުރަމުން ދިޔައީ އިންޑިއާގެ ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން އަޅަން ނިންމާފައިވާ ސަބްމެރިން ކޭބަލްއާ ގުޅޭ ސާވޭތަކެކެވެ.












