ހިޔާ ފްލެޓުތައް ކައިރީގައި ކާބޯތަކެތި ވިއްކުމުގެ ހިދުމަތް ދެމުން ގެންދާ ވަގުތީ ކެފޭތައް ހުސްކުރުން ދިން މުއްދަތު ހަމަވިއިރު ވެސް އެތަންތަން ނުނެގުމުން މުދާ ވިއްކުމަށް ބަހައްޓާފައި ހުރި ސާމާނު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
މިތަންތަނުގައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގާ ހިދުމަތް ދިނުން ހުއްޓާލަން އެޗްޑީސީން އެންގީ މިދިޔަ މަހު ތިނެއްގަ އެވެ. އެއީ 10 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއިން އެއްވެސް ތަނެއް ހުސްކޮށްފައެއް ނުވެ އެވެ.
އެޗްޑީސީގެ މީޑީއާ އޮފިޝަލު އަލީ މަޝާރު "އަދަދު" އަށް ވިދާޅުވީ އެ ތަންތަން ނެގުމަށް ދީފައިވާ މުއްދަތު ހަމަވުމުންވެސް ނަގާފައި ނުވުމުން އެޗްޑީސީން އެ ތަންތަން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު މީހުން ދިރިއުޅެން ފަށާފައިވާ ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި ހަވީރު ވަގުތު ހެދިކާ ވިއްކުމުގެ ވިޔަފާރި ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އެގޮތުން، ދެ ޓަވަރު ދޭތެރޭ އަދި އެ ސަރަހައްދުގެ ބީޗުގައި ވެސް ކާބޯތަކެތި ވިއްކަ އެވެ.
މިތަންތަނުން ހިދުމަތް ދިނުން ހުއްޓާލަން އެޗްޑީސީން އެންގީ ހިޔާ ފްލެޓު ސަރަހައްދަކީ ކޮންސްޓްރަކްޝަން ސައިޓަކަށް ވެފައި، ކާބޯތަކެތީގެ ހިދުމަތް ދޭން ޖެހޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަށް ކަށަވަރު ނުކުރެވޭތީ ކަމަށް ބުނެ އެވެ.

މިތަންތަނުގައި އާންމުކޮށް ވިއްކަނީ މޭވާ އާއި ތަރުކާރީ އާއި ތައްޔާރީ ކާނާގެ އިތުރުން ހެދިކާގެ ބާވަތްތަކެވެ. ބައެއް ތަންތަނުން ހޫނު ކޮފީ އާއި ސައި ވެސް ލިބެ އެވެ.
މިހެން ހުންނަ ތަންތަން އެންމެ ކުރީކޮޅު ވެސް އެޗްޑީސީން މަނާކުރި އެވެ. ނަމަވެސް އޭރު މި ސަރަހައްދުގައި އެހެން ފިހާރަތަކެއް ނެތުމާ އެކު އެކަމާ ފިޔަވަޅު ނާޅާ ވަނީ މަޑުޖައްސާލާފަ އެވެ.












