ފޮޓޯއިން ތި ފެންނަނީ ދިވެހި އާއިލާއެއްގެ ދަރިފަސްކޮޅު ފަސް ޖީލަށް ބެހިގެން ދިޔަ ގޮތެވެ. މިއީ މަދުން ނޫނީ ނުލިބޭ ފުރުސަތެއްގެ ނާދިރު ތަސްވީރެކެވެ. ނަގަން ބޭނުންވި ނަމަވެސް ކޮންމެކޮންމެ މީހަކަށް ނަގަން ނުލިބޭނެ ފުރުސަތެއްގެ ކުލަތަސްވީރެކެވެ. މުހިއްމު ވަނީ މަންޒަރަށް ވުރެ ބޮޑަށް މި މަންޒަރުތައް ކުރަހައިދިން މީހާއެވެ. އޭނާގެ ވިސްނުމާއި ފިކުރު ކުލަކޮށްދިން ގޮތެވެ. އެއީ، ހިތުގައި ޖަހައިލި ވިންދެއްގެ ހިޔާލެއް ހަގީގަތަކަށް ހެދުމަށް ފޯނެއް ހިފައިގެން މި ދާއިރާއަށް ނިކުތް ޒުވާނެކެވެ. އަރަމުން އަންނަ ހުނަރުވެރި ފޮޓޯ ގުރާފަރު، 32 އަހަރުގެ މުހައްމަދު ވާސިފެވެ. ހދ. މަކުނުދުއަށް އުފަން، ވާސިފުގެ ވާހަކަ ފަށާ ހިތްވީ މި ތަސްވީރުންނެވެ.
"ދެހާސް އަށެއްގައި ސްކޫލްގެ ވަޒީފާއަށް ވަތް ފަހުން ސްކޫލްގެ ކުރީގެ ދަރިވަރުންގެ ފޮޓޯތައް ފެނުމުން ޝައުޤުވެރިކަން އުފެދުނީ. އޭރު ފޮޓޯ ނެގީ މުޅީން ވެސް ފޯނުން. އޭގެ ފަހުން 2013 ވަނަ އަހަރު ސައިބާ ޝޮޓް ޑިޖިޓަލް ކެމެރާއެއް ގަނެ ފޮޓޯ ނެގިން. އަދި 2018 ވަނަ އަހަރު ޑްރޯނެއް ގަނެ އޭރިއަލް ފޮޓޯ ނަގަން ފެށުނު. ފޮޓޯގްރަފީގެ ދާއިރާއިން ވިޔަފާރިއެއް ފެށުމަށް 2019 ވަނަ އަހަރު ޕްރޮފެޝަނަލް ކެމެރާއެއް ގަނެ ފޮޓޯ ނަގަން ފެށުނީ،" ފޮޓޯ ނެގުމަށް ވަދެވުނު ގޮތާއި މިއަދު އޭނާއަށް އާދެވުނު ހިސާބު ވާސިފު ކިޔައިދިނެވެ.
ވާސިފަކީ މިއަދު އެ ރަށުގައި ފޮޓޯގުރަފީގެ ބްރޭންޑެކެވެ. އަމިއްލަ ސްޓޫޑިއޯއެއް ގާއިމުކޮށް "ވާސިފޮޓޯސް" ގެ ނަމުގައި މަސައްކަތްކުރާ ހީވާގި ޒުވާނެކެވެ. މަކުނުދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ބުރަ ބޮޑު ވަޒީފާ ކޮނޑުގައި އެލުވައިގެން، އޭނާ ހިންދެމިލީ ކެމެރާގެ ބެކުޕެކު ކޮނޑުގައި އެލުވާލަމުންނެވެ. އެކަން އޭނާ ކުރަނީ ހުސްވަގުތަށް ކާންދޭށެވެ. އެންމެ ފުރަތަމަ އޭނާ އެ މަސައްކަތް ފެށީ އަގަކަށް، އުޖޫރައަކަށް ނޫނެވެ. ހޮބީއަކަށެވެ. އެހެންވެ އޭނާގެ ހިދުމަތް މީހުން އުފަލާއެކު ބަލައިގަންނަ ކަމަށް ވާސިފު ބުންޏެވެ.
"މީހުންގެ ސަޕޯޓް އަދި އެއްބާރުލުން ލިބޭ. އެންމެ ހިތްހަމަ ޖެހެނީ ދަރިވަރުން ގުޅައިލައިފަ ޅައިރުގެ ފޮޓޯއެއް އޮތިއްޔާ ފޮނުވާލަ ބަލާށޭ ބުނުމުން. އަދި ޑްރޯން ހޯދިފަހުން ތަފާތު ކަންކަމުގައި ބޭނުން ކުރުމަށް ރަށުގެ މަންޒަރުތައް ބޭނުންވެގެން މީހުން ގުޅާތީ މިކަމަކީ މީހުން ބަލައި ގަންނަ ކަމެއްކަން އިހުސާސް ކުރެންވެން ފެށި."
ޝައުޤުވެރި ކަމެއް ހުރިނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެކަން ވާސިފު އެ ދަނީ ސާބިތުކޮށްދެމުންނެވެ. އުއްމީދެއްގައި ކުލަ ޖައްސަން ބޮޑު ބަޖެޓެއް ނެތަސް އަޒުމެއް އޮތްނަމަ ފުދޭނެ ކަމަށް އޭނާ ކިޔައިދެއެވެ. ކަމެއް ކުރާނެ ގޮތް ނޭނގިގެން މިއަދު ހާސްވާން ނުޖެހޭނެކަން ވެސް އޭނާގެ ވާހަކައިން ހާމަވެއެވެ.
"ޑްރޯން އަދި ކެމެރާ ގަތުމަށްފަހު ބޭނުންކުރާ ގޮތް ދަސްކުރީ ޔޫޓިއުބުން ޓިއުޓޯރިއަލްތަކާއި ވީޑިއޯ ބަލައިގެން. ފޮޓޯ ނެގުމުގެ ކަންކަން ދަސްކުރީ ރަށުގައި އުޅުނު ފޮޓޯނަގާ މީހުންގެ ގާތު އަހައިގެން. އޭގެ ފަހުން ކުރު ފޮޓޯގްރަފީ ކޯހެއް ވެސް ހެދިން."
ވާސިފުގެ ފޮޓޯތަކަށް ކަޅި ހިންގައިލުމުން އަޖައިބު ކުރުވާ އެތައް މަންޒަރެއް، އެތައް ވާހަކައެއް ކިޔައިދެއެވެ.
މީގެ އެއް ފޮޓޯ ސްޓޯރީ އަކީ މާމަކުނުދޫގައި ބޮޑު އީދާ ގުޅިގެން އޮންނަ ގަދީމީ ސަގާފަތެއް ކަމަށްވާ ބޮނޑި ހިލުމުގެ އާދަކާދަ އޮންނަ ގޮތް ވާސިފޮޓޯސްގެ ލެންސުން ވަނީ ތިބީންނަށް ކުލަކޮށްދީފައެވެ.
ޢީދު ބޮނޑި ހިލާން ތައްޔާރުވާ ހިސާބުން ފެށިގެން ބޮނޑީގެ ހިތްގައިމު ވަހާއެކު ޒުވާން ފިރިހެނުންގެ ހިއްސުތައް ވަޔަށް ކެހި، ކެކިއަރާ، ފާރުގެ ވިދުތަކަށް ލޯ މަހައިލައިގެން ސިއްރުން އުޅޭ ގޮތްތައް އެ ފޮޓޯތަކުން ދައްކުވައިދެއެވެ.
ބޮނޑި ހިލައި ނިމި، ބޮނޑި ހިލައި ފުށްގަނޑު ފިހެ ނިމުމުން ފިރިހެނުންނަށް، ހިލި ބޮނޑި ނުފެންނާނެހެން އޮޅުވާލުމަށް އަންހެންވެރިން ހަދާ މަކަރުތަކާއި ކުރާ ކަންތައް ވެސް ވާސިފު ވަނީ ހާމަކޮށްދައްކުވައިދީފައެވެ. އަންހެންވެރިން ހިލި ބޮނޑި، ސިއްރުސިއްރުން ފިރިހެންވެރިން ނަގައިގެން ގެންދާއިރު، ބަދަލުގައި ފައިސާ ތެއްޔަށް އަޅާ މަންޒަރާއި ބޮނޑި ކެއުމަށް ފިރިހެނުން ތިބޭ މަންޒަރުތަކުން އިހުގެ ސަގާފަތްތައް އޭނާ ކުލަކޮށްލަ ދީފައި ވަނީ އެ ޒަމާނުގެ އިހުސާސްތަކާ އެކުގައެވެ. މަކުނުދޫ ސްކޫލުގެ ދަރިވަރުންގެ ކުޅަދާނަ ހަރަކާތްތައް މަންޒަރުތަކަކަށް ބަދަލުކޮށް، ޒަމާންވީ އެ ސަގާފަތް އަންނާން ތިބީންނާއި މުޅި ދުނިޔެއަށް ވާސިފު ހާމަކޮށްލަދިނީ އަތުގައި އޮތް ފޯނުންނެވެ. އެކަމަކު އެއީ ޕްރޮފެޝަނަލް ފޮޓޯތަކެއް ގޮތުގައި ވަރަށް ޗާލުކޮށް އެހައިމެ ފުރިހަމައަށެވެ.
"އީދު ބޮނޑި އަޅާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ނެގުމަށް ހިޔާލު ދިނީ އެކުގައި މަސައްކަތްކުރައްވާ ޓީޗަރެއް. މިއީ ޓީމެއްގެ މަސައްކަތް. މަންޒަރުތަކުން އެ ފެންނަނީ ދަރިވަރުން. ޝޫޓިން ކުރިއަށް ދިޔައީ ވެސް އާންމުކޮށް މަކުނުދޫގައި ޢީދު ބޮނޑިއަޅާ ދުވަހު. ފޮޓޯތައް ވާހަކައެއް ގޮތަށް ގެނައުމަށް ވާހަކަ ލިޔެދެއްވީ ސްކޫލްގެ ދިވެހި މުދައްރިސް. ފޮޓޯތައް ނަގާފައި އެވަނީ އޭރު އަޅުގަނޑު ގެންގުޅުނު ފޯނުން."
މިހާރު ހިތުގައި އޮންނާނީ ވާސިފޮޓޯސް ކުރަހައިލަ ދެނީ ހަމައެކަނި އެ ޒަމާނުގެ ތަސްވީރުތައް އެކަނިތޯ އުފެދޭ ސުވާލެއް ނޫން ހެއްޔެވެ؟ ތި ސުވާލުގެ ޖަވާބަކީ ނޫނެކެވެ.
ވާސިފު ކުލަ ޖައްސަނީ ހަމައެކަނި އެ ޒަމާނަކު ނޫނެވެ. އޭނާއަކީ ގުދުރަތީ މަންޒަރުތަކުގައި ކުލަޖައްސައިލަދޭ ފަންނުވެރިއެކެވެ. ބޯކިރު ކޮޅެއް ފަދަ ދޮންވެލި ތުނޑިތަކާއި ބިއްރޫލި ކޮޅެއްފަދަ ސާފު މޫދުގެ ތަސްވީރުތައް އޭނާ ކުރަހައިލަ ދެނީ މާނަފުން އިހުސާސްތަކަކާ އެކުގައެވެ. ރީތި މަންޒަރުތަކާ ވެސް އެކުގައެވެ. އޭނާގެ ފޮޓޯތަކަކީ މިއަދު ލަގްޒަރީ ބުރޭންޑުތަކުން އިޝްތިހާރު ކުރާން ބޭނުން ކުރާ ފޮޓޯތަކެވެ. ގެސްޓު ހައުސްތަކަށް މީހުންގެ ކަޅިތައް އަނބުރައިލަން ބޭނުންކޮށްލާ ހަތިޔާރެކެވެ. ވާސިފުގެ ފޮޓޯތަކުގެ މަންޒަރުތައް ކަޅީގައި ތަތްވަނީއެއް ނޫނެވެ. ކޮންމެ ފޮޓޯއެއްގައިވާ ވާހަކަތައް ގޮސް ވަންނަނީ ސީދާ ސިކުނޑިއަށެވެ. އަމާޒު ވަނީ މެޔަށެވެ. ހިތަށެވެ.
"އެންމެ އިސްކަމެއް ދެނީ ކަސްޓަމަރ ބޭނުންވާ ކަންކަން ބަލާ އެގޮތަށް ކަންކަން ހަމަޖައްސަން. ފޮޓޯ ނަގަން ބޭނުންވާ ވަކި ތަނެއް، ދުވަހެއް އަހާ އަޅުގަނޑުގެ ފަރާތުން ވެސް ދޭންބޭނުންވާ ހިޔާލުތައް ދީ ފައިނަލް ކުރަނީ. އަދި ސޫޓިންއަށް ދިޔުމުގެ ކުރިން ސޫޓްގައި ބައިވެރިވާ މީހުންގެ ކަންކަމަށް ބަލައި ފޮޓޯ ނެގޭނެ ގޮތްތައް ކުރިއާލާ ހޯދަން އަދި އާ ތަނަކަށް ފޮޓޯނަގަން ދާނަމަ ފޮޓޯ ސޫޓްގެ ކުރިއަށް އެތަނެއް ބަލަން އާއްމުކޮށް ދަން. ދެން އިސްކަމެއް ދެނީ ޝޫޓިން ނިންމައިފަ ފޮޓޯތައް ކަސްޓަމަރަށް ވީހާ އަވަހަކަށް ދިނުމަށް."
ވާސިފަށް އެންމެ ގިނައިން ލިބެނީ އާއިލީ ފޮޓޯތަކާއި ކައިވެނީގެ ދެ އަރޫޝުންގެ ފޮޓޯ ކުރަހައިލާށެވެ. ކައިވެނީގެ ހަފުލާއިން ފެށިގެން ވަލީމާއާ ހަމައަށެވެ. ކޮންމެ ގޮތެއް ވިޔަސް އެ ފަދަ މުހިއްމު މުނާސަބަތެއްގެ ފޮޓޯ ނެގުން ވާސިފޮޓޯސްގެ އަތްމައްޗަށް ޒުވާން ޖޯޑުތަކުން ދޫކޮށްލާނީ ވަރަށް އިތުބާރު ކުރެވޭތީއެވެ. ވާސިފުގެ ޚިދުމަތް ރަނގަޅުވީމައެވެ. އޭނާގެ ފޮޓޯތަކުގެ ކޮލެޓީ ކަމަށް ބަލައިފައެވެ.
"މިހާތަނަށް ނެގިފަ ހުރި ފޮޓޯތަކަން އަޅުގަނޑު ހިތްހަމަ ޖެހޭފަދަ ކޮމެންޓްތަކެއް ލިބިފަހުރީ. އަދި ރަހުމަތްތެރިންގެ ފަރާތުން ހިޔާލުތައް ވެސް ލިބި އޭގެ ފައިދާ މަސައްކަތަށް ކުރޭ. އެންމެ ބޮޑު ތަރުހީބެއް ލިބުނީ ޢީދު ބޮނޑި އަދި ހޫރު އާއިލީ ފޮޓޯތަކަށް. މިހާރު މި މަސައްކަތް ކުރަނީ މިފަދަ އިތުރު ފޮޓޯ ސީންތައް ހެދުމަށް."
މިހާތަނަށް އޭނާއަށް މަސައްކަތް ކުރެވިފައި ވަނީ މުޅީން ވެސް އުފަން ފަސްގަނޑުގައެވެ. އުފަން ރަށުގައެވެ. ވަޒީފާގެ ބުރަ ބޮޑު ޒިންމާ ބޮލަށް ލައިގެން، ދިރިއުޅުމުގެ ހަނގުރާމައިގެ ކުޅިފަސް ހޯދަމުން އޭނާ ފޮޓޯ ނަގަން ފެށީ ހޮބީއެއްގެ ގޮތުގައެވެ. މިއަދު އެކަމުން ފައިދާއެއް ލިބޭ މަސައްކަތެއް ގޮތުގައެވެ. ހޮބީއަކުން އުފަންކުރުވި މި ފަންނުން އޭނާ ކުރާ އުއްމީދު ބޮޑެވެ.
"އުއްމީދަކީ ދާއިރާއިން ކުރިއަށް ގޮސް އަޅުގަނޑުގެ މަސައްކަތްތަކަށް މިހާރު ވެސް ލިބޭ ސަޕޯޓް އަބަދުވެސް ލިބުން. ބޭނުން ވަނީ މިކަން އިތުރު ބަޔަކަށް ދަސްކޮށްދޭން. ޓީޗަރެއް ވީމަ އެ ޝައުޤު ވަރަށް ބޮޑަށް އެބަހުރި. ސްކޫލުން އެކަންކަން ފަހިވެފައި އޮތީ. ތަޢުލީމީ ދާއިރާގެ ތެރެއިން ވެސް މި ދާއިރާއަށް ކުދިން ތަމްރީނު ކުރެވޭތީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ." ވާސިފް ބުންޏެވެ.
"މި ދާއިރާއަކީ ވެސް ރަނގަޅު އާއްމުދަނީއެއް ލިބޭ ދާއިރާއެއް. ފޮޓޯގްރަފީގެ ދާއިރާއިން ރިސޯޓްތަކުން ވެސް ފުރުސަތުތައް އެބަހުރި އަދި މި މަސައްކަތަކީ ވަޒީފާއެއްގައި އުޅެމުން ވެސް ކުރެވިދާނެ އިތުރު މަސައްކަތެއް. އަޅުގަނޑު ވެސް މި ދަސްކުރާން ބޭނުންވާ މީހުންނަށް، ކުދިންނަށް ދަސްކޮށްދޭން ތައްޔާރަށް." އެހީތެރިކަން ބޭނުންވާ ޒުވާނުންގެ އަތުގައި ހިފައިގެން ކުރިއަށް ގެންގޮސްދޭން ހުރިކަން ވާސިފު ހާމަކޮށްދިނެވެ.
މިއަދު ވާސިފު އެ ކުލަޖައްސައި ދެނީ ޒުވާނުންގެ އުއްމީދުތަކެއް ގައެވެ. އާއިލާތަކެއްގެ ހުވަފެންތަކު ގައެވެ. ހޫރު މާމަގެ ހިނިތުންވުމުގައެވެ. މާދަމާ އެ ކެމެރާ ހިފައިގެން ނިކުމެ، މިއަދު ވާސިފު ކުރަހައިދިން ގޮތަށް ދިވެހި ސަގާފަތް ކުރަހާދޭނެ ޒުވާނުންނަށް މި ޤައުމު އެބަ ގޮވައެވެ. ވާސިފު ހުރީ އޭނާއަށް އެނގޭ އެއްޗެއް ބުނެދޭން ތައްޔާރަށެވެ. މަޑުމައިތިރި، ހިތްތިރި ސާދާ ހިނިތުންވުމެއްގެ ވެރި ޒުވާން ފޮޓޯގުރާފަރު ހުރީ، ހިތުގައި ކުރެހިފައިވާ ހުރިހާ އުއްމީދުތަކެއްގައި ކުލަފިހި ހިންގި، އެ ކުލަތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތުންފަތުގައި ވެސް ކުލަ ޖައްސާދޭން ތައްޔާރަށެވެ.












