މެދުރާއްޖެތެރޭ ރަށެއްގައި އިތުބާރުހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ބުނީ އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިހާރު އެ އިދާރާއިން ބަލަމުންދާ ކަމަށެވެ. އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަމުންދާއިރު، ކުޑަކުއްޖެއްގެ ގައިގާ ކުއްޖާގެ ބައްޕަ އަލިފާން ޖެއްސި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.













