ރަށު ނޯޓު: މަރޮށި

މަރޮށި: ފަންގިވިނުމާއި ފަރުމަހުގެ މަސްވެރިކަމަކީ މިރަށުގެ އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް -- ފޮޓޯ:ޖަވާއާޓްސް

މަރޮށި: ފަންގިވިނުމާއި ފަރުމަހުގެ މަސްވެރިކަމަކީ މިރަށުގެ އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް -- ފޮޓޯ:ޖަވާއާޓްސް

މަރޮށީގެ ވާހަކަ ފަށައިގަންނަންވީ ކިހިނެއް، ކޮން ހިސާބަކުން ކަމެއް ނޭނގެ އެވެ. އަލިފުޅު ދޮންހިޔަލަ ބަލާ ދިއުމަށް ކޮމަންޑޫ މޫސާ މަލިމައަށް ދަންނަވައިގެން މަރޮށީ ރައިވެރި ކުދީން ލައްވައި އެންދެރި އޮޑީގެ މަދަން އަޅުއްވައި ތެޔޮފިހިލައްވައި އޮޑި ބޭލި ހިސާބުން ހެއްޔެވެ؟ ކަޅުއޮށްފުންމީގެ ރިޔާ ބާއްވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދި ބޮޑުވެފައިހުރި 600 އަހަރުވީ ނިކަ ގަހުގެ ވާހަކައިން ހެއްޔެވެ؟ ރާއްޖެއަށް އިމްޕޯޓުކުރުމުގެ ލައިސަންސް އެންމެ ފުރަތަމަ ދޫކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ މަރޮށީ ހުސެއިން ކިލެގެފާނުގެ ވާހަކައިން ހެއްޔެވެ؟ ނޫނީ މަރޮށީގެ ކަރުހަކުރުގެ ވާހަކައިން ހެއްޔެވެ؟ މިއީ ހައްތަހާވެސް މަރޮށްޓާ ގުޅިފައި ހުރި ރީތި ވާހަކަ ތަކެވެ.

މިލަދުންމަޑުލު އުތުރުބުރީ މަރޮށީގެ ބޮޑުމިނުގައި ހުރީ 30.8 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ސީ-10 އެވެ.

Advertisement
ssddd
ssddd

މަރޮށީގެ އިރުމަތިފަރާތުން އޮތް ކުޅިން، މައިކަނޑަށް ނުކުމެވޭ ގޮތަށް ހެދިފައި އޮތް ނެރަކީވެސް ކަޅުއޮށްފުންމި ވަދެނުކުމެ ހެދުމަށްޓަކައި ކެނޑުނު ނެރެއް ކަމަށްވޭ

މަރޮށްޓަކީ މިހާރު ރަށުގެ ސައިޒާ އަޅާ ބަލާއިރު ހެޔޮވަރުގެ އާބާދީއެއް އޮތް ރަށެކެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 506 އަންހެނުންނާއި 488 ފިރިހެނުންނާއެކު ޖުމުލަ 994 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 580 މީހުންނެވެ. ވަޒީފާއާއި ތައުމީލު ފަދަ ބޭނުންތަކަށް ރަށުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މީހުން ދިރިއުޅެނީ ރަށުން ބޭރުގަ އެވެ.

ފަންގިވިނުމާއި ފަރުމަހުގެ މަސްވެރިކަމަކީ މިރަށުގެ އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ. ދެން އޮތީ ސަރުކާރާއި ދައުލަތުގެ އޮފީސްތަކުގައި ހުރި ވަޒީފާތަކެވެ. އޭގެ އިތުރުން މަރޮށީގެ ވިޔަފާރިތަކާއި، އެ ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކަކީވެސް މަރޮށްޓަށް އާމްދަނީ ވަންނަ އެއް މަގެވެ.

އާންމު ވިޔަފާރިކުރާ އަށް ފިހާރައެއް މިރަށުގައި ހުރެ އެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ މިވަގުތު ހުރީ އެންމެ ތަނެކެވެ. އިތުރު ރެސްޓޯރަންޓެއްގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ގެސްޓްހައުސްއެއް ރަޖިސްޓްރީވެފައެއް ނެތެވެ. އެހެން ނަމަވެސް ހަދަ ނިންމައި، ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެއް ގެސްޓްހައުސް އެބަހުއްޓެވެ.

ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރަށްގިރުމާއި، ރަށުގެ އާބާދީގެ ބޮޑު ބައެއް މާލެއަށް ހިޖުރަކުރަމުން ގެންދާތީ ރަށުގެ ތަރައްގީއަށް ހުރަސް އެޅުމެވެ.

ރަށުގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު، ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެ އެވެ. ގައުމީ ދަތުރުފަތުރުގެ ނިޒާމުގައި މަރޮށި ހިމެނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. ކުނި މެނޭޖްކުރުމުގެ ނިޒާމު ޒޯން 1 ގައި މިރަށް އޮތީ ހިމެނިފަ އެވެ. އެ ޕްރޮޖެކްޓް ނިމިގެންދާއިރު މިރަށުގެ ކުނި މެނޭޖް ކުރެވޭނޭ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ އެވެ.

މަރޮށްޓަކީ ދިވެހިރާއްޖޭގެ ތާރީހުން ޖާގަ ހޯދާފައިވާ ރަށެކެވެ. ގައުމީ ޖިހާދަށް ނުކުންނެވުމަށް ކަޅުއޮށްފުންމި ތައްޔާރުކޮށް، އެ އޮޑީގެ ރިޔާ ހަދައިދިނުމަށް ބޮޑުތަކުރުފާނުން އެދިވަޑައިގެންނެވީ މަރޮށީ ރައިވެރިބޭ ކިބައިންނެވެ. ރައިވެރިބޭ ރިޔާ ތައްޔާރުކޮށްދިނުމުން އެ ރިޔާ ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު ތިން ކަޑަ ޖެއްސެވި އެވެ. މަރޮށީގައި މިހާރު ފެންނަން އެހުރި ބިޔަ ކާނިގަހަކީ ބުނެވޭ ގޮތުގައި ކަޅުއޮށްފުންމީގެ ރިޔާ ތައްޔާރުކޮށް، އެ ރިޔާ ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިން އެއް ކަޑައަކުން ހެދުނު ގަހެކެވެ. މިގަސް ހެދިބޮޑުވެ ބިޔަ ގަހަކަށްވީފަހުންވެސް އެކި ބޭނުންތަކަށް މިގަހުން ލަކުޑި ކޮށާފައި ވެއެވެ. ރަށު އޮފީހުގެ ގޮތުގައި ކުރިން ބޭނުންކުރި އޮފީހުގެ ދޮރާއި ދޮރުކަންޏާއި ގޮނޑި މޭޒުފަދަ ތަކެތި ޖެހީވެސް މި ގަހުން ކެނޑި ލަކުޑިންނެވެ. އެހެން އެކަންވީ މިއީ ތާރީހީ ގޮތުން މާ މުހިންމު އެއްޗަކަށް ވެދާނޭކަމުގެ މައުލޫމާތު ރަށުގެ ރައްޔިތުންނަށް ލިބިފައި ނެތުމުންނެވެ. އެހެންނަމަވެސް އެކަމުގެ ހޭލުންތެރިކަން އުފެދުނު ހިސާބުން ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް އެގަހަށް ލިބުނީ ހިމާޔަތެވެ. މިހާރު އެ ގަހަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ގަހެކެވެ. ތާރީހީ ތަރިކައެކެވެ.

މަރޮށީގެ އިރުމަތިފަރާތުން އޮތް ކުޅިން، މައިކަނޑަށް ނުކުމެވޭ ގޮތަށް ހެދިފައި އޮތް ނެރަކީވެސް ކަޅުއޮށްފުންމި ވަދެނުކުމެ ހެދުމަށްޓަކައި ކެނޑުނު ނެރެއް ކަމަށް ވެ އެވެ. ދުޝްމަނުންނަށް ފިލުމަށް ކަޅުއޮށްފުންމި ވަދެ އޮންނަނީ އެ ކުޅީގަ އެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގައި މަރޮށީ ރައްޔިތުންގެ އެހީތެރިކަމާއި ހިއްސާ ބޮޑެވެ.

ބުރުނީ ރައިވަރުގައި ކިޔާ ގޮތުން ފަތްމިނި ދޮންހިޔަލަ އަކީ ކޮމަންޑޫ މޫސާ މަލިމައާއި، ދޮންފަނު ދޮންއައިސަގެ ދަރިއެކެވެ. މޫސާ މަލިމަ އަކީ މަރޮށްޓާ ވަރަށް ގާތް ގުޅުމެއް އޮތް ބޭކަލެކެވެ. ވާހަކައިގައި ކިޔާ ގޮތުން އަލީފުޅު ދޮންހިޔަލަ ބަލާ ދިއުމަށްޓަކައި އެންދެރިން ތައްޔާރުކުރި އޮޑީގެ މަދަން އަޅައި ތެޔޮފިހިލީ މަރޮށީ ރައިވެރިންނެވެ. އެކަން ކުރީ މޫސާ މަލިމަގެ އެންދެވުމަށެވެ. މިހާރުވެސް މަރޮށްޓާއި އެންމެ ގާތް ގުޅުމެއް އޮންނަ ރަށަކީ ކޮމަންޑޫ އެވެ. އަތޮޅު ކައުންސިލް ވެބްސައިޓުގައި މިކަން ފާހަގަކޮށް ބުނެފައި އޮންނަނީ " މަރޮއްޓާއި އެންމެ ކައިރިގައި އޮތް ( 9.14 ނޯޓިކަލްމޭލު ދުރުގައި އޮތް ) މީހުން ދިރިއުޅޭ ރަށަކީ ށ. ފޯކައިދޫ އެވެ. ނަމަވެސް ޒަމާނުންސުރެން އެންމެ ގާތް ގުޅުމެއް މަރޮށީ މީހުން ބާއްވަނީ 9.34 ނޯޓިކަލްމޭލް ދުރުގައި އޮތް ށ.ކޮމަންޑު އާއި އެވެ." މިހެންނެވެ.

ކުރިން އިމްޕޯޓު ވިޔަފާރިއަކީ ހަމައެކަނި ސަރުކާރުން ކުރާ ވިޔަފާރިއެކެވެ. އިބްރާހީމް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު 1970 ވަނަ އަހަރު މި ސިޔާސަތު ބަދަލުކުރައްވައި އަމިއްލަ ފަރާތްތަކަށް މި ވިޔަފާރި ކުރެވޭ ގޮތަށް ހުއްދަ ދޫކުރައްވަން ފެއްޓެވި އެވެ. ފުރަތަމަ ހުއްދަ ދޫކުރެވުނީ 5 މީހަކަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އަލްފާޟިލް ހުސައިން އަބްދުﷲ ނުވަތަ މަރޮށީ ހުސެއިން ކިލެގެފާނެ އެވެ. އަތްމަތި ތަނަވަސް ބައެއް މީހުންގެ އެހީތެރިކަމާއެކު ކުޑަގޮތަކަށް ފެއްޓެވި ވިޔަފާރި ފުޅާކުރައްވައި، މިއަދު ތިޔަ ފެންނަ އެމްއެޗްއޭ މި ޖީލަށް ދެއްކެވީ މަރޮށީ ހުސެއިން ކިލެގެފާނެވެ. ވިޔަފާރިއަކީ ކިހިނެއް ކުރާ އެއްޗެއްކަން މަރޮށީ ހުސެއިން ކިލެގެފާނު އަރިހުން ދަސްކޮށް، ބޮޑެތިވީ ކިތަންމެ ވިޔަފާރިއެއް ރާއްޖޭގައި އެބަހުއްޓެވެ.

މަރޮށި: މަރޮށީގެ އިރުމަތިފަރާތުން އޮތް ކުޅިން، މައިކަނޑަށް ނުކުމެވޭ ގޮތަށް ހެދިފައި އޮތް ނެރަކީވެސް ކަޅުއޮށްފުންމި ވަދެނުކުމެ ހެދުމަށްޓަކައި ކެނޑުނު ނެރެއް ކަމަށް ވެ
މަރޮށި: މަރޮށީގެ އިރުމަތިފަރާތުން އޮތް ކުޅިން، މައިކަނޑަށް ނުކުމެވޭ ގޮތަށް ހެދިފައި އޮތް ނެރަކީވެސް ކަޅުއޮށްފުންމި ވަދެނުކުމެ ހެދުމަށްޓަކައި ކެނޑުނު ނެރެއް ކަމަށް ވެ

މަރޮށްޓަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރަށްގިރުމުގެ މައްސަލަ

މަރޮށީގައި އެ އޮތް އެއްލައްކަ ފަންސަވީސްހާސް އަކަފޫޓުގެ ބަނދަރަކީ މަރޮށީ ހުސެއިން ކިލެގެފާނުގެ ބޮޑު އެހީތެރިކަމަކާއެކު ތައްޔާރުކުރެވުނު ބަނދަރެކެވެ. މަރޮށީ އަލްމަދަރުސަތުލްމުނައްވަރާ އަކީ މަރޮށީ ހުސެއިން ކިލެގެފާނުގެ އިސްނެންގެވުމެވެ. ރަށުގެ މާލޫދު ހަރުގޭގައި އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ތައުލީމީ ހިދުމަތް ފެއްޓެވީ ހިލޭސާބަހަށް ކޮށްދެއްވާ ކަމެއްގެ ގޮތުގަ އެވެ. 10 ކްލާސްރޫމާއި ހޯލަކާއި އޮފީސް އިމާރާތެއް ހިމެނޭގޮތަށް 1980 ވަނަ އަހަރު ތަރައްގީކުރެވުނު ޒަމާނީ ސުކޫލަކީވެސް ހުސެއިން ކިލެގެފާނުގެ ހިދުމަތެވެ. މަރޮށްޓާއި އަތޮޅުގެ އެހެން ރަށްރަށުގެ ދަރިވަރުންނަށް ތައުލީމު ދިނުމަށްޓަކައި އަމިއްލަފުޅު ހަރަދުގައި ރާއްޖެއިން ބޭރަށް ފޮނުއްވަ އެވެ. ކޯވިޑް 19 ގެ ބަލީގައި އަވަހާރަވީއިރުވެސް އެމަނިކުފާނު ހަރަދުކުރައްވާ ގޮތަށް 10 ވަރަކަށް ދަރިވަރުން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރައްވަމުން ގެންދެވި އެވެ.

މަރޮށީ ހުސެއިން ކިލެގެފާނުން ފުށުން ފެނުނު ހަރުދަނާކަމާއި، ދީލަތިކަމަކީ 'މަރޮށީ ފެނުގެ އަސަރު' ކަމަށް މަރޮށިން ވާހަކަ ދެއްކި މީހުން ފަހުރުވެރިކަމާއެކު ބުންޏެވެ. ހިތްހެޔޮކަމާއި އިހުސާންތެރިވުމާއި އިހުސާންތެރިކަން ދަތުމަކީ އެރަށު ރައްޔިތުން ދޫކޮށްނުލާނެ ސިފަ އެކެވެ. އެޖީލުން ފެނުނު މިސާލުން މި ޖީލު އޮތީ އުޅެން ދަސްކޮށްފަ އެވެ. މިއަދުވެސް މަރޮށީގެ ރައްޔިތުންގެ ކިބައިން ފެންނާނީ އެ ރީތި އަހުލާގެވެ. ތާރީހާއި ސަގާފަތަށް ބަހައްޓާ އިހުތިރާމާއި، އަނެކުންނާ ކުރެވޭ މުއާމަލާތްތަކުގައި ދައްކާ ހިތްހޮޔެކަމާއި އެކުވެރިކަމަކީ ރީތިރީތި މަރޮށީގެ އެންމެ ރީތި ސިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox