މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކާއި އަޅާނުލުމުގެ މައްސަލަތައް ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްއިން (ސީއެފްޕީއެސް) ބުނެފި އެވެ.
ސީއެފްޕީއެސްއިން ހާމަކުރި މިދިޔަ މަހުގެ ތަފާސްހިސާބިތަކަށް ބަލާއިރު އެ ސާވިސަސްގެ ޗައިލްޑް ހެލްޕް ލައިން (1412) އިން 1338 ކޯލަށް ޖަވާބުދީފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 38 ޕްރޭންކް ކޯލާއި 197 ސައިލެންޓް ކޯލާއި މައުލޫމާތު ހޯދުމަށް ކުރި 198 ކޯލާއި ރިޕޯޓު ކޮށްފައިވާ ކޭސްގެ މައުލޫމާތު ހޯދުމަށް ގުޅި 771 ކޯލާއި ރިޕޯޓު ކުރި 42 މައްސަލައިގެ ކޯލުގެ އިތުރުން އެހެން ބޭނުން ތަކަށް ގުޅި 92 ކޯލެވެ.
މިދިޔަ މަހު އަލަށް ރިޕޯޓުކުރި 42 މައްސަލާގައިވެސް އެންމެ ގިނައީ އަންހެނުންނަށް އަނިޔާ ކޮށްގެން ރިޕޯޓުކޮށްފައިވާ ކޭސްތަކެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ޖިންސީ ގޯނާއި އާއި އަޅާނުލުމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ.
އޭގެ އިތުރުން މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 126 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާގެ 39 މައްސަލައާއި ނަފްސާނީ އަނިޔާގެ 20 މައްސަލައާއި ޖިސްމާނީ އަނިޔާގެ 27 މައްސަލަ އާއި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމުގެ ތިން މައްސަލަ އާއި ބުލީ ކުރުމުގެ ތިން މައްސަލައިގެ އިތުތުރުން އެހެން ހަތް މައްސަލަ އެކެވެ.













