ހުލާސާކޮށް މަޖިލިސް: ބިލްތަކެއް ފާސްކޮށް މެމްބަރުން ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 35 ޖަލްސާގައި ބިލުތަކެއް ފާސްކުރުމަށް ފަހު މެމްބަރުން މިއަދު ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ.

ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ހިނގަނީ ފެބުރުއަރީން އެޕްރީލް ނިޔަލަށެވެ. ފުރަތަމަ ދައުރަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ފޮރިން ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ފާސްކޮށްފަ އެވެ.

ވިޔަފާރި ގިންތިކުރުމަށް ބަދަލެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު އިސްލާހުކުރީ ބިލު ދިރާސާކުރި މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ގެނައި މުހިންމު ބަދަލުތަކާއެކު އެވެ. އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން، އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ވިޔަފާރިތައް ގިންތި ކުރުމުގައި މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ. އެ ގާނޫނުގެ ދަށުން ވިޔަފާރިތައް ގިންތި ކުރަނީ މުވައްޒަފުންގެ އަދަދާއި، ޖުމްލަ އާމްދަނީގެ އިތުރުން ސާފު ފާދައިގެ މިންވަރަށް ބަލައިގެންނެވެ.

މިއަދު ފާސްކުރި ބިލު ގާނޫނަކަށް ބަދަލުވުމުން ކުދި ވިޔަފާރިއެއްގެ ބަލާނީ ޖުމްލަ އާމްދަނީ 1،000،000ރ އާ ހަމައަށް ލިބި، ސާފު ފައިދާ އަށް 250،000ރ. ލިބޭ ވިޔަފާރި ތަކެވެ.

ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރަން ބަލާނީ ޖުމްލަ އާމްދަނީ 1،000،001ރ. އިން ފެށިގެން 10،000،000ރ. ދެމެދުން ލިބި، ސާފު ފައިދާ 250،001ރ. އިން 2،500،000ރ. ދެމެދު ލިބޭ ވިޔަފާރިތަކެވެ.

އޭގެ އިތުރުން މެދު ވިޔަފާރިއެއްގެ ގޮތުގައި ދެން ގިންތި ކުރެވޭނީ 10،000،001ރ. އާ 30،000،000ރ. ދެމެދުގެ ޖުމްލަ އާމްދަނީއެއް އަދި 2،500،001ރ. އާ 5،000،000ރ. އާ ދެމެދުގެ ސާފު ފައިދާއެއް ލިބޭނަމަ އެވެ.

ފެން ބޭރުކުރުމުގައި ގަވައިދާ ހިލާފުވުމުން މިލިޔަނަކުން ޖޫރިމަނާކުރެވޭ އިސްލާހެއް

ބިމުން ފެން ބޭރުކުރުމުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 5،000.ރ އިން ފެށިގެން އެއް މިލިޔަން ރުފިޔާއާ ދޭތެރޭގެ އަދަދުތަކުގެ ފައިސާއިން ޖޫރިމަނާކުރެވޭ މާއްދާއެއް ހިމަނައިގެން، ފެނާއި ނަރުދަމާގެ ގާނޫނު ބަދަލުކުރަން ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުން މިއަދު އެ ބިލު ފާސްކުރީ ކޮމިޓީން ގެނައި އިސްލާހުތަކާއި މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ހުށަހެޅުއްވި އިސްލާހަކާ ވެސް އެކުގަ އެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް ބަދަލުތައް ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައިވާ ތިން އިސްލާހެއް، ބިލުގައި އޮތް ގޮތަށް ފާސްކުރުމަށާއި ތިން އިސްލާހެއް ބަލައިނުގަތުމަށް އަދި އެއް އިސްލާހަށް ބަދަލުތައް ގެންނަން ކޮމިޓީން ފާސްކުރި އެވެ. މަޖިލީހުން މިއަދު ބިލު ފާސްކުރީ ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށެވެެ.

ކޮމިޓީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން އެ ބިލަށް އިސްލާހެއް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ ފެން ޕްލާންޓެއް އޮޕަރޭޓްކުރަން ހުއްދަދޭ އިރު، އެ ޕްލާންޓަށް ބޭނުންވާ ކަރަންޓު އިއާދާކުރަނިވި ހަކަތައިން އުފެއްދޭނެ އިންތިޒާމެއް ހުރިކަން ކަށަަވަރުކުރަން ކަމާ ބެހޭ އިދާރާއަށް ލާޒިމުކުރުމަށެވެ.

އެ އިސްލާހާއި ކޮމިޓީން ގެނައި ބަދަލުތަކާ އެކު މަޖިލީހުން ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުގެ ދެ ގާޒީއަކު ވަކިކުރަން ކޮމިޓީއަށް

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރު ކަމުން ވަކި ކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެކަން މަޖިލީހަށް ހުށަހެޅުމުން، އާއްމު އުސޫލާ އެއްގޮތަށް މިއަދު އެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ޝަރުއީ ދާއިރާގެ މައްސަލަތައް ދިރާސާކުރާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކަމަށް ވާތީ ޖޭއެސްސީގެ ހުށަހެޅުން ފޮނުވީ އެ ކޮމިޓީއަށެެވެ. ދެ ފަނޑިޔާރުން ވަކިކުރުމާއި މެދު މަޖިލީހުން ގޮތެއް ނިންމާނީ އެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލާ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހުގަ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅަން ފާސްކުރީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުންނެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ އެވެ.

މަޖިލީހުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ: 24 މެމްބަރުން
  • ސަލާމުގައި: 5 މެމްބަރުން
  • ރަސްމީ ދަތުރުފުޅެއްގައި: 11 މެމްބަރުން

އިންޑިއާ އައުޓް ގަރާރާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް އަންގަވައި ނެރުއްވި ގަރާރަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކާ ކަނޑައެޅިގެން ހިލާފު ގަރާރެއް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްފަ އެވެ.

އެ ގަރާރާ ގުޅިގެން މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެ ރިޔާސީ ގަރާރަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ކަނޑައެޅިގެން ހިލާފު ގަރާރެއް ކަމަށެވެ.

އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވޭއިރު ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުންޏެވެ.

އެހެންކަމުން ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ގަރާރެއް މެދުވެރިކޮށް އިދިކޮޅުގެ ހަރަކާތަށް ހުރަސްއަޅައި ފިޔަވަޅު އަޅަމުންދާތީ، އެކަން ހުއްޓާލުމަށް އެ ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމާމެދު ގޮތެއް ނިންމަން ނެގި ވޯޓުގައި، 27 މެމްބަރުންގެ ވޯޓާއެކު ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުންނެވެ.

ޖަރުމަނަށް އާ ސަފީރެއް ކަނޑައެޅުމުގެ މައްސަލަ

ޖަރުމަނު ވިލާތުގައި މިހާރު ހުންނެވި ރާއްޖޭގެ ސަފީރު އަހުމަދު ލަތީފު (ސީވީޑް ލަތީފު) އަނބުރައި ގެންނަވައި އޭނާގެ ބަދަލުގައި އެމަގާމަށް އާއިޝަތު ޝާން އައްޔަން ކުރަން މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

އެކި ގައުމުތަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނާ މަގާމު ހަވާލުކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭތީ ރައީސް މަޖިލީހަށް މި ބަދަލު ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރީ މިއަދު އެވެ. އެހެން ނަމަވެސް, މަޖިލީހަށް ރައީސް އެކަން ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުކަން މަޖިލީހުގެ ތަޅުމަށް މިއަދު އިއްވި ސިޓީގައި އޮތް ތާރީހުން އެނގެ އެވެ.

ޖަރުމަނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރާ އާއިޝަތު ޝާން މިހާރު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. އޭނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލް އެވެ.

ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން އަހުމަދު ލަތީފަށް ދެއްވީ 2019 ވަނަ އަަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އޭނާ އަނބުރާ ގެންނަވަނީ ކީއްވެކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ޖަރުމަނުން އަނބުރާ ގެނައުމަށް ފަހު ލަތީފު ދެން ހަމަޖައްސާނީ ކޮން މަގާމަކަށް ކަން ވެސް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ދުވަހުގެ ފޮޓޯ

މިއަދުގެ މަޖިލިސް ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަހަކަ ދައްކަވަނީ. މެމްބަރުން ޗުއްޓީއަށް ވަޑައިގަތީ ގިނަ ބިލުތަކެއް ފާސްކުރުމަށް ފަހު --- ފޮޓޯ: މަޖިލިސް އިދާރާ
މިއަދުގެ މަޖިލިސް ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަހަކަ ދައްކަވަނީ. މެމްބަރުން ޗުއްޓީއަށް ވަޑައިގަތީ ގިނަ ބިލުތަކެއް ފާސްކުރުމަށް ފަހު --- ފޮޓޯ: މަޖިލިސް އިދާރާ

މިއަދުގެ މަޖިލިސް ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަހަކަ ދައްކަވަނީ. މެމްބަރުން ޗުއްޓީއަށް ވަޑައިގަތީ ގިނަ ބިލުތަކެއް ފާސްކުރުމަށް ފަހު --- ފޮޓޯ: މަޖިލިސް އިދާރާ

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ:

"ފެންނަމުން މިދަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ބިރު ދެއްކުމާއި، މި ކަންކަމުގައި ހާއްސަކޮށް ދައުލަތުގެ އޮފީސްތަކުގައި ތިއްބަވާ ސިވިލް ސާވިސް މުވައްޒަފުންނަށް އޭގެ އަސަރު އިންތިހާއަށް ކުރާ މަންޒަރު،"

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox