ބިމުން ފެން ބޭރުކުރުމުގައި ގަވައިދާ ހިލާފުވާ ފަރާތްތައް 5،000.ރ އިން ފެށިގެން އެއް މިލިޔަން ރުފިޔާއާ ދޭތެރޭގެ އަދަދުތަކުގެ ފައިސާއިން ޖޫރިމަނާކުރެވޭ މާއްދާއެއް ހިމަނައިގެން، ފެނާއި ނަރުދަމާގެ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީީފު ހުށަހެޅުއްވި ބިލުގައި ފުރަތަމަ އޮތީ ފެންބޭރުކުރުމުގައި ގަވައިދާ ހިލާފުވާ ފަރާތްތައް އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށެވެ.
އެ ފަދަ މައްސަލަތަކުގައި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކުރެވޭނެ އެންމެ ކުޑަ އަދަދެއް ވެސް ހިމަނާ ގޮތަށް އެ މާއްދާ ބަދަލުކުރީ މަޖިލީހުގެ އެންވަޔަރްމެންޓު ކޮމިޓީން ބިލު ދިރާސާކުރި އިރު އެ ކޮމިޓީންނެވެ.
މަޖިލީހުން މިއަދު އެ ބިލު ފާސްކުރީ ކޮމިޓީން ގެނައި އިސްލާހުތަކާއި މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ހުށަހެޅުއްވި އިސްލާހަކާ ވެސް އެކުގަ އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް ބަދަލުތައް ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައިވާ ތިން އިސްލާހެއް، ބިލުގައި އޮތް ގޮތަށް ފާސްކުރުމަށާއި ތިން އިސްލާހެއް ބަލައިނުގަތުމަށް އަދި އެއް އިސްލާހަށް ބަދަލުތައް ގެންނަން ކޮމިޓީން ފާސްކުރި އެވެ. މަޖިލީހުން މިއަދު ބިލު ފާސްކުރީ ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށެވެެ.

ކޮމިޓީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން އެ ބިލަށް އިސްލާހެއް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ ފެން ޕްލާންޓެއް އޮޕަރޭޓްކުރަން ހުއްދަދޭ އިރު، އެ ޕްލާންޓަށް ބޭނުންވާ ކަރަންޓު އިއާދާކުރަނިވި ހަކަތައިން އުފެއްދޭނެ އިންތިޒާމެއް ހުރިކަން ކަށަަވަރުކުރަން ކަމާ ބެހޭ އިދާރާއަށް ލާޒިމުކުރުމަށެވެ.
އެ އިސްލާހު ވެސް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރި އެވެ. އެ އިސްލާހާއި ކޮމިޓީން ގެނައި ބަދަލުތަކާ އެކު މަޖިލީހުން ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.












