ހުޅުމާލެ ފޭސް ދެއެއްގައި އިތުރު ދެ ސްކޫލެއް ގާއިމުކުރަން އެޑިއުކޭޝަން މިނިސްޓްރީ އާއި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ ދެ ސްކޫލް ގާއިމުކުރަން ހަމަޖެހިފައިވަނީ N5-32 ޕްލޮޓްއާއި N4-23 ޕްލޮޓްގަ އެވެ. ފުރަތަމަ ސްކޫލް އަޅާ ޕްލޮޓަކީ 60،720 އަކަފޫޓުގެ ބިމުގެ ސަރަހައްދެކެވެ. އެ ސްކޫލުގައި 1،200 އެއްހާ ދަރިވަރުންނަށް ކިޔަވައިދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެ އެވެ.
ދެވަނަ ސްކޫލް އަޅާ N4-23 ޕްލޮޓަކީ 65،543 އަކަފޫޓުގެ ސަރަހައްދެއްގައި އަޅާ 1،500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
އެ ސްކޫލްތައް ބިނާކުރުމަށް ހެދި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ފޭސް ދެއެއްގެ ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި އަޅާ އަމިއްލަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިމާރާތްތައް ނިމުން، އެ ސަރަހައްދުގައި ބޮޑު އާބާދިއެއް ދިރިއުޅޭނެކަމަށް ލަފާކުރެވެ އެވެ.

އެހެންކަމުން އެ ސަރަހައްދުގައި ސްކޫލު އަދި އަސާސީ ހިދުމަތްތައް ކޮންމެހެން ވެސް ބޭނުންވާނެތީ، ސަރުކާރުން ދަނީ އެ މަސައްކަތް ކުރަމުންނެވެ. ފޭސް ދެއެއްގައި އަޅާ ފުރަތަމަ ސްކޫލު، "ސަލާހުއްދީން ސްކޫލް" ގެ މަސައްކަތް މިދިޔަ އަހަރު ވަނީ އިއުލާންކޮށްފަ އެވެ.
ފޭސް ދެއެއްގައި ޖުމްލަ ހަތަރު ސްކޫލު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.












