ކ. މާފުށީ ޖަލުގައި އިތުރު 50 ގޮޅީގެ ޔުނިޓެއް ހަދަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ތަހުގީގީ މަރުހަލާގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒް ކުރަމުންދާ މީހުން ބޭތިއްބުމަށް ރާއްޖޭގައި ހަތް ތަނެއް ބޭނުން ކުރަމުންދެ އެވެ. އެއީ ކަރެކްޝަންގެ ދަށުން ހިންގަމުންދާ މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުއްޓާއި މާފުށީ ޖަލެވެ. އަދި ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ހުޅުމާލެ ސެންޓަރެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުން ހިނގަމުންދާ މާލެ އަތޮޅުވެއްސާއި ދޫނިދޫ އަކީވެސް މިފަދަ މީހުން ބޭތިއްބުމަށް ހާއްސަ ކޮށްފައިވާ ތަންތަނެވެ.
ހޯމް މިނިސްޓްރީން އިއްޔެ އިއުލާނު ކޮށްފައި ވަނީ މާފުށީ ޖަލުގެ ޖާގަ އިތުރުކުރުމަށް ހަދާ 50 ގޮޅީގެ ޔުނިޓްގެ ކޮންސެޕްޓް ޑިޒައިންކުރުމާއި ޑީޓެއިލް ޑްރޯވިންގްތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
ކަރެކްޝަންގެ ދަށުން ހިންގަމުން އަންނަ ހަތަރު ޖަލުގެ ޖާގައަކީ 1300އެއްހާ މީހުން ނަމަވެސް އެ އަދަދަށްވުރެ އިތުރަށް ގައިދީން ޖަލުތަކުގައި ބަންދުކޮށްފައި ތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކިފަހަރުމަތިން ވިދާޅުވެފައި ވެއެވެ.

މާފުށީގައި އަލަށް އަޅާ ޔުނިޓަކީ ޖަލުތަކުގެ ޖާގަ އިތުރުކޮށް، ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކެމެކެވެ.
މީގެ އިތުރުން ކ. ކާށިދޫ އާއި ހދ. ނޭކުރެންދޫގައި ވެސް ޖަލެއް އެޅުމަށް ނިންމާ، އެކަމުގެ މަސައްކަތައް ވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެ އެވެ.













