ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

އަށް ވަނަ ބަޔާ ގުޅޭ

ހަމްދާނާއެކު އިނީ އޭނާގެ ރަހުމަތްތެރިޔާ ސޮބާހެވެ. ދެ މީހުން ތިބީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ސޮބާހު އިޝާރާތްކޮށްލީ ފަރި ހިނގުމެއްގައި އެ މީހުންނާ ދިމާއަށް މިސްރާބު ޖަހައިފާވާ ޒުވާނާއަށެވެ. ހަމްދާނަށް އެ ދިމާ ބަލައިލެވުނެވެ. އޭނާގެ ދެ ލޯ ބޮޑުވި އެވެ. ހައިރާންވެ މީހާގެ އަނގަ ހުޅުވުނެވެ.

އެ ޒުވާނާގެ ލުއި އެހައިމެ ފަރި ހަރަކާތާއެކު އިސްތަށިގަނޑު ދެ ފަރާތަށް ނަށަމުން ދިޔަ އެވެ. ހީވަނީ ވައިރޯޅި ވެސް އޭނާގެ އިސްތަށިގަނޑާއި މުޅި މޫނަށް ސަޖިދަ ކުރަމުންދާހެންނެވެ. ވަށައިގެންވާ މާހައުލު ވެސް އޭނާގެ ފަރި ލުއި ހަރަކާތްތަކަށް ސަނާ ކިޔާހެންނެވެ.

"ވާވް! ހޮޓް!" ހަމްދާނަށް ބުނެލެވުނެވެ.

"ކާކު؟" ސޮބާހު ވެސް ހައިރާން ކަމާއެކު ބަލަން އިނީ އެ ޒުވާނާ އަށެވެ.

ހުދު މަލުން ޒީނަތްކޮށްފައިވާ މަޑު ފެހިކުލައިގެ ތުނި ލޭސް ފޮތީގެ ހެދުން އޭނާގެ ވަށައިގެން އުދުހެމުން ދިޔަ އެވެ. ކޮނޑުގައި އެލުވާލައިފާ ގަދަ ފެހި ކުލައިގެ ދަބަސް ވެސް އޭނާގެ ކޮންމެ ހަރަކާތަކާއެކު ދެ ފަރާތަށް ހެއްލެމުން ދިޔަ އެވެ. ފުންނާބު އުސް އެ ފައިވާނުގައި ކޮށްލާ ކޮންމެ ހަރަކާތަކާއެކު މަންޒަރަށް ރީތިކަމާއި ފުރިހަމަކަން ދެ ގުނަވަމުން ދިޔަ އެވެ.

އެ ޒުވާނާ އައީ ސީދާ ހަމްދާނުމެންނާ ދިމާ އަށެވެ. އެ މީހުން ހީކުރީ އޭނާ އިށީންނާނީ ހަމްދާނުމެން ކައިރީ ބާކީ ހުރި ގޮނޑީގައި ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ހަމްދާނުމެން ހުރަސްކޮށް އޭނާ ދިޔައީ އެވެ. ހަމްދާނާ ހަމައަށް އޭނާ އައުމުން ލޯމަރައިލި ގޮތަށް އޭނާއަށް އިނދެވުނީ އެވެ.

"ސާބަހޭ. މަންޖެ ގެއްލިއްޖޭ." ހަމްދާނުގެ ކޮނޑުގައި ހިފައި ތަޅުވާލަމުން ސޮބާހް ބުނެލި އެވެ.

"ހާދަ ރީއްޗޭ. ފަތްމިންޏެއްތަ؟ ނޫނީ ހޫރައްލީނެއްތަ؟" ހަމްދާނަށް ކޮޅަށް ތެދުވެވުނެވެ.

"އަނެއްކާ އަނެއް ކުއްޖާގެ ދުވަސް ދިޔައީ،" ސޮބާހް ކުދި ކިޔައިލި އެވެ. "ކިތައް ކުދިން ހަލާކުކޮށްލެވުނީމަ ހިތް ފުރޭނީ."

"އަރާނެތަ؟" ހަމްދާނު ކަޅި ޖަހައިނުލާ ބަލަމުން ދިޔައީ އެ ޒުވާނާ އަށެވެ.

"ކޮންމެ ކޮންމެ މަހެއް ދަލަކަށް ނުވެއްދޭނެ. ބައެއް މަސް މަހަކީ ވަރަށް ބުއްދި ރަނގަޅު އެއްޗެއް." ސޮބާހު ނުސީދާ ގޮތެއްގައި ދިނީ ހަމްދާނު ކުރި ސުވާލުގެ ޖަވާބެވެ.

"ދަލެއް ނޫން. ސަމުސާ."

"ބޯލައިގެން ވިހަވެ މަރުވާ ބޭސް ވެސް ހުރޭ. ބުއީމަ އަމަލުވާ ގަހުވަ ވެސް ހުރޭ. ދަނޑި ދިގުވެފައި ސަމުސާ ބޮޑުވުމަކީ ކޮންމެ ކޮންމެ ބޭހެއް ސަމުސަލަށް އަޅަން ޖެހޭ ސަބަބެއް ނޫން ދޯ."

"އޭ! ހާދަ ނެގެޓިވް ޖަވާބެއް ތި ދެނީ. ކަލޭ މަށަށް ދޭންވާނީ ވަރަށް ސަޅި ޖަވާބެއް ނޫންތަ! ކަލޭއަކީ މަށެއްނު، މަށަކީ ކަލޭއެއްނު." ހަމްދާން މޫނަށް ގޮތެއް ހަދައިލަމުން ބަލައިލީ ސޮބާހްގެ މޫނަށެވެ.

"އެ ކުއްޖާއަށް ކަންކުރި ގޮތުން މަ މިހާރު ފޫހިވެއްޖެ. ސަމުސާގެ ކުޅިވަރަށް ނޫނެކޭ ބުނަން ބޭނުން." ސޮބާހް ކުރިއަށް ހިނގައި ގަތެވެ.

"ދަނީތަ؟ ސީކޮށް މިކަމާ އުޅެޅަ ދީބަލަ. މި ވަން ލާސްޓް."

"ކިތައް ވަން ލާސްޓް. މަށަށް މައްސަލައަކީ ފްލާޓްކޮށްލުމެއް ނޫން. ގަހުގެ ބޭނުން ކެނޑުނީމަ އެއްލައިލުން." ސޮބާހް ހިތްހަމަ ނުޖެހިގެން ބުނެލި އެވެ.

"ޕްރޮމިސް. މިކަން ވޭތޯ އުޅަލަދީބަލަ. ސޮއްބެ ޖަހައިލާ އެންމެ ފުއްޓަތްކަކުން މަންޖެ އުފުރިގެން އަންނާނެ. އެކަން ޔަގީން."

ސޮބާހް އެނބުރި އައިސް އިށީނީ ކުރިން ވެސް އިން ގޮނޑީގަ އެވެ. އޭނާގެ ވިސްނުން ބަދަލުކޮށްލީ އެވެ. ކަމެއް ހާސިލުކުރުމަށްވުރެ މިއަދު އޭނާ ބޭނުންވަނީ ރަހުމަތްތެރިޔާއަށް ކަމެއް ވިސްނައި ދޭށެވެ. ރަހުމަތްތެރިޔާގެ އުޅުން އިސްލާހުކޮށް ހަމަ މަގަށް އަޅުވާށެވެ.

"އެ ރީމާއެއްގެ ސަބަބުންނޭ ދޯ ކަލޭ ތިހާ ނުރުހިގެން ތި އުޅެނީ." ހަމްދާނު އަނގައިން ޗޮކެއް ކަނޑައިލި އެވެ.

ސޮބާހް އަނގަޔަކުން ނުބުނެ އެވެ. އޭނާ އިން ގޮތަށް އިނީ އެވެ. ވަށްކަޅިއަކުން އޭނާ ބަލަމުން ދިޔައީ ކުރިމަތީގައި ހުރި ގޮނޑީގައި އިން ރީތިރީތި ނަލަނަލަ ޒުވާނާ އަށެވެ.

"އެއީ ކޮން ނަމެއް ކިޔާ ކުއްޖެއްތަ؟" ހަމްދާނު ސުވާލުކޮށްލީ ސޮބާހު އަށެވެ. "ކުރިން ނުފެންނަ ކުއްޖެއް."

ސޮބާހް ޖަވާބެއް ނުދެ އެވެ. އޭނާ އޭރު ވެސް އިނީ ހިތްހަމަ ނުޖެހިފަ އެވެ. އެކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަމުން ދިޔަ އެވެ.

"އަހަރެން ހުއްޓައިލީ. ދެން އެހެން ނޫޅޭނަން. އެކަމަކު މަގޭ ހިތަށް އަރަނީ މިއީ މަގޭ ލައިފް ޕާޓުނަރޭ. ވައިފަކަށް ބެސްޓް ޗޮއިސްއޭ." ހަމްދާނު ހީނލި އެވެ.

"ތިހެން ކިތައް ވައިފް. އެންމެ ފުރަތަމަ ނަޒީހާއެއް. އެ މަންޖެ ވެސް ކަލޭއަށް ގެއްލުނީ ސަމުސަލުން ބުއީމަ. ފާޑެއްގެ ކާޅެއް އައިސް އެ ނާށި ވެސް ޖަހައިގަތީއެއްނު. މަ ހިޔެއް ނުކުރަން ކަލޭތީ އެހާ ޗީޕު މީހެއް ކަމަކަށް." ސޮބާހު ދިމާކުރުމުގެ ރާގުގައި ބުނެލި އެވެ.

ހަމްދާނު އެއްޗެއް ނުބުންޏެވެ. އޭނާ އިން ގޮތަށް އިނީ އެވެ. ސޮބާހް ދައްކަމުން ދިޔަ ވާހަކައިން އޭނާގެ ސިކުނޑީގައި މަންޒަރުތަކެއް ކުރެހެމުން ދިޔަ އެވެ. ހަނދާންތަކެއް އައުވަމުން ދިޔަ އެވެ. ނަޒީހާ އާއި އޭނާގެ ގުޅުމެވެ. އެ ގުޅުމުގެ ތެރެއަށް ޝަރުވާނު ވަން ގޮތެވެ. އެންމެފަހުން ނަޒީހާއަށް ޝަރުވާނުގެ ކޮފީ މީރުވި ގޮތެވެ. އެ ސަކަރާތުގައި އުޅެނިކޮށް ރީމާ އޭނާއަށް ފެނި ރީމާ ބަދަލުކޮށްލެވުނު ގޮތެވެ. ނަމަވެސް، އެ ގުޅުން ވެސް ދެމި އޮތީ ދެތިން ހަފުތާ އަށެވެ. ރީމާ ވެސް އޭނާގެ އަތުން ބީވީ އެވެ. ބީވީއެއް ނޫނެވެ. އޭނާ ދޫކޮށްލީ އެވެ. އޭނާ ބޭނުންވި ކަންކަން ހާސިލުކޮށްފަ އެވެ. ރީމާ ގަދަ ހަދައިލާ ގޮތް ދައްކާލީތީ އެކަމުގެ ހަދިޔާއެއް އޭނާއަށް ދީފަ އެވެ.

"މި ކޮންމެ މަންޖެއެއްތަ؟"

"ހަމްދާނަކަށްނު އެނގޭނީ؟"

"މަ އެކަނި ދަންތަ ޓްރައި އެއް ޖަހައިލަން؟" ހަމްދާނު ބުނެލި އެވެ.

"އަމިއްލައަށް ގޮސް ކުރާން ބޭނުންކަމެއް ކޮށްބަލަ. މަގޭ އެއްވެސް ހެލްޕެއް ނޯންނާނެ."

ހަމްދާނު ތެދުވި އެވެ. އޭނާ ކަޅި ޖަހައި ނުލައި ބަލަން ހުރީ ވިއްސަކަށް ފޫޓު ދުރުގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިން ޒުވާން އަންހެން ކުއްޖާ އަށެވެ. އޭނާ އިނީ އެއް ފައި މައްޗަށް އަނެއް ފައި ލައިގެންނެވެ. އެހެންވެ، އޭނާގެ ކުޑަކަޅުވާއިން ފެށިގެން ފަލަމަސްގަނޑާ ހަމައަށް އޮތީ ހާމަ އަށެވެ. ހަމްދާނުގެ ކަޅި ތަތްވަމުން ދިޔަ އެވެ.

ދެތިން ފިޔަވަޅު އަޅައިލުމަށް ފަހު ހަމްދާނު ފަސްއެނބުރި ބަލައިލި އެވެ. އޭނާ ބަލައިލީ ސޮބާހަށެވެ. ސޮބާހު މަލާމާތުގެ ހިނިތުންވުމެއް ތުންފަތުގައި ކުރަހާލި އެވެ.

"މަށަށްވާނެ، ބަލަން ހުންނާތި ނިންމާނީ ކާމިޔާބުކޮށްފަ." ސޮބާހާ ދިމާއަށް ހަމްދާނު ބުނެލި އެވެ.

ހަމްދާން އެ ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ އެ ޒުވާނާގެ ގާތަށެވެ. އޭރު ޒުވާނާ އިނީ ފޯނަށް ގެއްލިފަ އެވެ. ހަމްދާނު ގޮސް އޭނާ ކައިރީގައި ހުއްޓި ހުރި ކަމެއް ވެސް ޒުވާނާއަކަށް ނޭނގެ އެވެ.

"އައްސަލާމް އަލައިކުމް" ހަމްދާނު އިސްވެ ސަލާމް ގޮވާލި އެވެ.

ޒުވާނާ ސިހިފައި ބަލައިލި އެވެ. ކުރިމަތީގައި ހަމްދާނު ހުރިތަން ފެނުމުން އޭނާ ދެ ލޯ ބޮޑުވި އެވެ.

"ހަމްދާން." ސަލާމަށް އަތް ދިއްކޮށްލަމުން ހަމްދާނު ތައާރަފުވެލި އެވެ.

"ވައަލައިކުމް ސަލާމް." ސަލާމްގެ ޖަވާބު ދިނީ ހަމައެކަނި އަނގައިންނެވެ.

"އޯހް ސޮރީ. ނޭނގޭނެތާ ނުކުރާކަމެއް. ތި ސަޅި ގޮތެއް." ހަމްދާނު ރަކި ނުވާކަމަށް ހެދުނެވެ.

ސަލާމަތް ދިއްކޮށްލި އަތް ހިއްލައިލެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ފަހަތް ބަލައިލެވުނެވެ. ސޮބާހް ކޮބައިތޯ އެވެ. ސޮބާހް އިނީ އަނގަމަތީ އަތްއަޅައިގެން ހިނިގަނޑު އެތެރެއަށް ހިންދާލައިގެންނެވެ.

"ކުޑަކަމެއް ކޮށްދެވިދާނެތޯ؟" ހަމްދާނު ކޮންމެ ވެސް ވާހަކައެއް ދައްކާން ބޭނުންވެގެން ފެށި އެވެ.

އޭނާގެ ވާހަކައިގައި ތަރުތީބެއް ގެންގުޅުމުގެ ވިސްނުމަށް ވުރެ ބޭނުންވީ އެ ޒުވާނާއާ ވާހަކަ ދައްކާށެވެ. ކޮންމެވެސް ވާހަކައެއް ދައްކައިގެން އޭނާއާ ގުޅުން ބަދަހިކޮށްލާށެވެ.

"އެކަނިތަ؟" ހަމްދާނު އަހައިލި އެވެ.

ބަދަލުގައި ޒުވާނާ ދެ ތުންފަތަށް ބާރުކޮށްލަމުން ލުއި ގޮތަކަށް ހީނލި އެވެ.

"ކޮށްދޭނަންތަ؟" ހަމްދާނު އަހައިލި އެވެ.

އެ ޒުވާނާ ކޮނޑު އަރުވާލަމުން ތުންފަތުން އެން އަކުރެއް ފާޅުކޮށްލި އެވެ.

"މި އުޅެނީ... މި އުޅެނީ..." ބުނަންވީ ވާހަކައެއް ހަމްދާނުގެ ސިކުނޑިއަކަށް ތިލައެއް ނުވި އެވެ.

ޒުވާނާ އަނެއްކާ ވެސް ބަލައިލީ ދުރުގައި އިން ސޮބާހަށެވެ. ހަމްދާނު ވެސް ސޮބާހަށް ބަލައިލި އެވެ. އޭނާ އިނީ އަނގަމަތީގައި އަތްއަޅައިގެން ހޭށެވެ. ހަމްދާނަށް މޮޅު ހިޔާލެއް ލިބުނެވެ.

"އޭނާ މަށާ ބެޓްކޮށްގެން. ބުނަނީ މަންޖެގެ ނަމެއް ނުހޯދޭނޭ. މަންޖެ މަށާ ވާހަކައެއް ނުދައްކާނޭ،" ހަމްދާނު ވާހަކައެއް ހަދައިލި އެވެ. "ފާޑަކަށް އިނދެގެން އެ ހެނީ އެހެންވީމަ. މަންޖެ ނަން މަށަށް ނުހޯދިއްޖެ ނަމަ މަފަކީރު ރޮއްވާ ދިމާކޮށް މައްލަވަ ކުރާނެ. އެ ފާޑެއްގެ ސޮރެއް."

ޒުވާނާ ބަލައިލީ އެއްފަހަރު ހަމްދާނުގެ މޫނަށެވެ. އަނެއް ފަހަރު ސޮބާހްގެ މޫނަށެވެ. ސޮބާހް ގާތަށް އައީ އަލިފާން ކަހަލަ ހިންޏެކެވެ. ދުރުގައި އިނަސް އޭނާގެ މޫނުމަތީގެ ކުލަތައް އެހައި ހިސާބަށް ފާޅުވާން ހުއްޓެވެ.

"ދެން ނަން ބުނެލަދެވިދާނެތަ؟" ހަމްދާނު އަހައިލި އެވެ.

"އަހަންނަކީ ރަންދާ. ރަންދާ ހަމީދު މޫސާ." އޭނާ ލުއި ހިނިތުންވުމަކާއެކު ބުނެލި އެވެ.

"އޮބިނަމެއް. ކޮބާ މާނައަކީ؟" ހަމްދާނު އަހައިލި އެވެ.

"ބޮކަރު، މީރުވަސް ދުވާ ގަހެއް." ހަމްދާނުގެ މޫނަށް ބަލައިލަމުން ރަންދާ ބުނެދިނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox