ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް ފިރިހެން މެމްބަރުން ބުލީކުރާ ކަމަށް އޭނާ ނުސީދާކޮށް ތުހުމަތުކުރައްވައި އެކަމަށް މިއަދު ރައްދު ދެއްވައިފި އެވެ.
އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ގޮވާލައި އީވާ ހުށަހަޅުއްވާފައިވާ ގަރާރަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި އޭނާ ވިދާޅުވީ އެ ފަދަ ގަރާރެއް ހުށަހެޅުމުން މަލާމާތްކުރިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ "ރޭރުކުރަން އުޅުނަސް ދެން ރޭރުނުވާނެ" ކަމަށެވެ.
"އަޅުގަނޑު ކިތަންމެ ރޭރުކުރާން ވެގެން އަޅުގަނޑުގެ އަމިއްލަ ޕާޓީގެ ފިރިހެނުން ވެސް އަޅުގަނޑާ ދިމާލަށް ވައްބަހުން ނަަމަވެސް އެއްޗިހި ގޮވިޔަސް، އިއްޒަތްތެރި ރައީސް، ފިރިހެނެއްގެ ރޭރުކުރުމަކަށް ދެނެއް އަޅުގަނޑެއް ދީލައިލާކަށް ނެތިން،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅޭތާ މިހާރު ވިއްސަކަށް އަހަރުވެއްޖެ ކަމަށާއި އެހެންވީމާ މިހާރު ހުންނެވީ މާލާމާތަށް ބޯލަނބާ ގޮތަކަށް ނޫން ކަމަށެވެ.
ގަރާރު ހުށަހެޅުއްވުމުން ބައެއް މެމްބަރުން މާލާމާތް ކުރެއްވި ވާހާކައަށް އޭނާ ވަޑައިގެންނެވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ދެއްކެވި ވާހަަކައަކާ ގުޅިގެންނެެވެ. އާދަމް ޝަރީފު ވިދާޅުވީ އީވާ ހުށަހެޅުއްވި ގަރާރަކީ ކެމްޕޭނުގައި ރަށްރަށް ވަޑައިގެންނެވުމުން ފެނިވަޑައިގެންނެވި ކަންތައްތަކާ ގުޅިގެން ހުށަހެޅުއްވި ގަރާރެއް ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ފުރައްސާރަކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މިތަނުގައި ބުލީކުުރުމާއި ޖެއްސުންކުރުމާ މިކަންކަން އަޅުގަނޑުމެން ހުއްޓައިނުލައެއް، އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ މިރާއްޖެެއަކަށް ކުރިއެރުމެއް ނާންނާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.













