ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ގޮވާލައި، އެފަދަ ކަންކަމަށް ހިތްވަރުދީ ބާރުއެޅުމަކީ ބޮޑު ކުށެއް ކަމަށާއި އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.
އެޗްޑިސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ގޮވާލާ ގޮވާލުމަކީ ބޮޑު ކުށެއް ކަމުގަ އެވެ. އަދި އެކަން ހަރުކަށި އިބާރާތުން އެޗްޑީސީން ކުށްވެރިކުރާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެ އެވެ. އަދި އޭގެ އިތުރުން ވެސް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އެ ބަޔާނުގައި ބުނީ އިންސްޓޯލްމެންޓަށް މަހެއްގެ މައްޗަށް ހިޔާ ފްލެޓުން ނަގާ 7،500ރ. އާއި 1،000ރ. ގެ މެއިންޓެނަންސް ފީ ނެގުމުގައި އެ ކުންފުންޏަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ. އަދި ހިޔާގެ 16 ޓަވަރުގެ ކަންކަން މެނޭޖު ކުރުމަށާއި ބެލެހެއްޓުމަށްޓަކައި މެނޭޖްމެންޓް ކޯޕަރޭޝަނެއް ހަމަޖެއްސުމަށް ކުރިޔަށް ގެންދަންވީ ގޮތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ މެނޭޖްމެންޓް ކޯޕަރޭޝަނު އުފެދުމުގެ ކުރިން އިމާރާތް އިންޝުއަރެންސް ކުރުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަން ފްލެޓް ގަންނަ ފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސް ފީ ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ ޓަވަރެއްގެ ދެމެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީއެއް މެދުވެރިކޮށް ކަމަށް އެގްރިމެންޓުގައި ބުނާ ކަމަށް ވެސް އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެ އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ބާރުއަޅައި ގޮވާލަގޮވާލުން އެޗްޑިސީން ކުށްވެރިކޮށް އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މި ނިންމީ ހިޔާގެ ދިރިއުޅޭ ފަރާތްތައް ތަމްސީލުކުރާކަމަށް ބުނާ ހިޔާ ޔޫނިއަން ޖަމިއްޔާއިން އެފަދަ ގޮތަކަށް ގޮވާލާފައި ވަނިކޮށެވެ.
އެޗްޑީސީން ވަނީ ހަތް މަހަށް ފަހު މިމަހުން ފެށިގެން ހިޔާގެ ފްލެޓްތަކުގެ ކުލި ނަގަން ފަށައިފަ އެވެ. ނަމަވެސް މިމަހުގެ ކުލި ލަސްވެގެން ޖޫރިމަނާއެއް ނުކުރަން އެކުންފުނިން ވަނީ ނިންމައިފަ އެވެ.












