ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ބިލުގެ ބަހުސްގައި ވެސް އޮތީ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާގެ ކޯޅުމެކެވެ. މިއަދުގެ ބަހުސްގައި އޮތީ އެމްޑީޕީގެ ދެ ވެރިކަމުގެ ތެރެއިން އެންމެ ގިނައިން ކުންފުނި އުފެއްދީ ކޮން ވެރިކަމަކުންތޯ ބެލުމެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު 12 ކުންފުނި އުފައްދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ބަހުގެ ހަމަލާތައް ދެއްވަމުން އާޒިމް އިއްޔެ ވިދާޅުވީ ސަރުކާރުން ކުންފުނިތައް ހަދައިގެން ވިޔަފާރި ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީއަކީ ސެންޓަ ރައިޓް ޕާޓީއަކަށް ވާތީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އެކަމަށް މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ރައްދު ދެއްވި އެވެ. ބައެއް ކަހަލަ ހިދުމަތްތައް ދިނުަމަށް ސަރުކާރުން ކުންފުނިތައް އުފައްދަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ސަރުކާރުން 25 އަކަށް ކުންފުނި އުފެއްދި ކަމަށް އޭނާ މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އީސަ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުންފުނިތައް އުފެއްދި ކަމަށާއި އެއީ ސެންޓަ ރައިޓް އުސޫލު ގަބޫލުނުކުރާތީ ވީ ކަމެއް ނޫން ކަމަށެވެ.
"ދެހާސް އަށެއްގެ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ އަހަރު އަޅުގަނޑުމެނަށް މަޖުބޫރުވެގެން، ގޮތެއް ނެތިގެން އުފެއްދިން ކިތަންމެ ކުންފުންޏެއް އިއްޒަތްތެރި ރައީސް. ފުރަތަމައިނުން ހަތް ހެލްތު ކޯޕަރޭޝަން އަޅުގަނޑުމެން އުފެއްދިން. މާލޭ ހެލްތު ކޯޕަރޭޝަނާ އެއްކޮށް އަށެއް،" ރައީސް ނަޝީދުގެ ވެރިކަމުގައި ކުންފުނިތައް އުފެއްދި ގޮތުގެ ތަފްސީލު ދެއްވަމުން އޭރު ވެސް މަޖިލީހުގެ މެމްބަރަކަށް ހުންނެވި އަހުމަދު އީސާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އޭރުވެސް އެ ކުންފުނިތައް އުފެއްދީ ބޭނުންވެގެން ނޫން ކަމަށާއި ވިޔަފާރީގެ އުސޫލުން އެ ހިދުމަތްތައް ދޭނެ އަމިއްލަަ ކުންފުނިތައް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލުތަކުގެ ގޮތުގައި އޭނާ ދެއްކެވީ ކަރަންޓުގެ ހިދުމަތާއި ރަށްރަށުގެ ހެލްތު ސެންޓަރުތަކެވެ.
"އެއީ މަޖުބޫރީ ހާލަތުގައި އުފެއްދި ކުންފުނިތައް. އެއީ އަޅުގަނޑުމެން ސެންޓަ ރައިޓް އުސޫލް ގަބޫލުނުކުރާތީ ވީ ގޮތެއް ވެސް ނޫން،" އަހުމަދު އީސާ ވިދާޅުވި އެވެ.
މަޖިލީހުގެ ހާޒިރީ
- ހާޒިރުވެވަޑައިގެންނެވީ: 34 މެމްބަރުން
- ސަލާމުގައި: 06 މެމްބަރުން
މިނިސްޓަރު އަސްލަމް އަނެއްކާ ވެސް މަޖިލީހުގައި
މިއަދުގެ ޖަލްސާއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހާޒިރުކުރި އެވެ. އޭނާއާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލުގައި އެއްސެވީ މަޝްރޫއުތައް ލަސްކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރަން ސަރުކާރުން ނުވިސްނާތޯ އެވެ.
އަސްލަމް ވިދާޅުވީ އިނގުރައިދޫގެ ނަރުދަމާގެ މަޝްރޫއު ލަސްވާ މައްސަލަައިގައި އެތައް ފަަހަރަކު ވާހަކަ ދައްކައިގެން ވެސް އެކަން ހައްލުވެފައި ނުވާ ކަމަށާއި އެކަހަލަ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނީ ޓެންޑާ މަރުހަލާގައި ކަމަށެވެ.
އޭގެ އިތުރުން ޑީސެލް ލިބުން ދަތިވާކަމަށް ބުނެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ޖަލްސާއިން ބޭރުކޮށްލި އެވެ. މި މައްސަލަ ބަލައިނުގަތުމަށް އޭރު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 44 މެމްބަރުން ވޯޓު ދެއްވި އެވެ.
ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. މަޖިލީހުގެ ޖަލްސާތަކަށް އެންމެ ގިނައިން ހާޒިރުކުރާ މިނިސްޓަރަކީ އަސްލަމް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދުވަހުގެ ކޯޓޭޝަން
މަޝްރޫއުތައް ލަސްކުރާ ކުންފުނިތައް ސަރުކާރުން ބްލެކްލިސްޓު ކުރަން ނިންމާފައިވާކަން ހާމަކުރައްވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ:
"[ރަނގަޅަށް] ޕާފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިހުތިޔާރު އޮންނަނީ ޓެންޑާގައި. އެހެންވީމާ މިނިސްޓްރީ އޮފް ފައިނޭންސުން އެކަން ކުރައްވާފައި [ބްލެކްލިސްޓް ކުރާނެ ނިޒާމެއް ގާއިމްކޮށްފައި] ވާ ކަމަށް ޝިފާޒު އެބަ ވިދާޅުވޭ އަޅުގަނޑު ގާތު،"













