ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި ވަކީލުންގެ ހިދުމަތް ފޯރުކޮށްދޭ އެންމެހާ ފަރާތްތައް ބާ ކައުންސިލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
ބާ ކައުންސިލުން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ވަކީލުންގެ ދަފްތަރަކީ ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެހެނިހެން ވެސް ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ގާނޫނީ ވަކީލުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާނެ ދަފްތަރެއް ކަމަށް މިއަދު އެ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.
އަދި، އެ ދަފްތަރު އެ ކައުންސިލްގެ ވެބްސައިޓުގައި ވެސް ޝާއިއުކުރާނެ ކަމަށް ބާ ކައުންސިލުން ބުނެ އެވެ. އޭގެ ސަބަބުން އާންމުންނަށް ވެސް ގާނޫނީ ވަކީލުންްގެ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.
ލީގަލް ޕްރެކްޓިސްގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންނާއި، ލޯ ފާމްތަކުގައި މަސައްކަތްކުރާ ވަކީލުން އަދި ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތްކުރާ ހުރިހާ ވަކީލުން އެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ބާ ކައުންސިލުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެ ފަރާތްތަކުގެ އިތުރުން ވެސް ކުންފުނިތަކާއި ކޯޕަރޭޝަންތަކުގައި އިން-ހައުސް ލީގަލް ކައުންސެލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުގައި ގާނޫނީ ވަކީލެއްގެ ހިދުމަތް ދޭ ފަރާތްތައް ވެސް ރެޖިސްޓްރީކުރަން ބާ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.

ބާ ކައުންސިލުން ވަނީ އަންނަ މޭ މަހުގެ 21 ވަނަ ދުވަހުގެ ކުރިން ހުރިހާ ގާނޫނީ ވަކީލުން ވެސް އެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދިފަ އެވެ. ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށް އޮންލައިން ފޯމެއް ބާ ކައުންސިލުން ވަނީ ތައްޔާރުކޮށް އެ އިއުލާނާއެކު އާންމުކޮށްފަ އެވެ.
ގާނޫނީ ވަކީލުންގެ ރެޖިސްޓްރީއެއް ނުވަތަ ދަފްތަރެއް ތައްޔާރުކުރުމަކީ 2019 ވަނަ އަހަރު ތަސްދީގުކުރި ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.













